އައްޑޫސިޓީ ކައުންސިލްގެ ޖަލްސާގެ ލައިވް ކުރަނީ ބޮޑާކަން ދައްކަން ކަމަށް ހިތާދޫ ކައުންސިލްގެ މެމްބަރު އައިޝަތް ރީޝާ ވިދާޅުވެއްޖެ އެވެ.
ބ. ހިތާދޫގައި ހިންގާ ހިތާދޫ އޮންލައިނުން ބުނެފައިވާ ގޮތުގައި އެ މެމްބަރު އެފަދައިން ވިދާޅުވެފައިވަނީ އެރަށު ކައުންސިލް ޖަލްސާތައް ލައިވް ކުރުމާ ގުޅޭގޮތުން ފޮނުވި ސިޓީއަށް ކައުންސިލް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އަދި ރީޝާ ވަނީ އެފަދައިން ވިދާޅުވެ ފޭސްބުކްގައި ވެސް ސްޓޭޓަސްއެއް ޖަހާފައެވެ.
ރީޝާ އާއި ހަވާލާދީ ހިތާދޫ އޮންލައިން އިން ބުނީ ޖަލްސާތައް ލައިވް ކުރުމަކީ ފޮނި ކެޑުމާއި ބޮޑާކަން ދެއްކުން ކަމަށް ސިފަ ކުރެވޭ ކަމަށާއި ފޭސްބުކު ޕޭޖުން ނިންމާ ނިންމުންތައް ފެންނަން ހުންނަ އިރު ލައިވް ކުރަން ޖެހެނީ ކީއްވެތޯ ރީޝާ ވަނީ ސުވާލު އުފެއްދާފައެވެ.
މިކަމާއި ގުޅޭގޮތުން ރީޝާއަށް އައްޑޫލައިވްއަށް ގުޅުމުން ވިދާޅުވީ އެއީ އެކަމަނާއަށް ލިބިފައިވާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ތެރެއިން ދެއްކި ވާހަކައެއް ކަމަށެވެ. އައްޑޫ ކައުންސިލުން ފޮނި ކެނޑުމަށް ކުރީ ކޮންކަމެއްތޯ އެހުމުން ރީޝާ ވިދާޅުވީ ކައުންސިލް ބައްދަލުވުންތައް ބާއްވަނީ ވަރަށް ޝާހީ ގޮތަކަށް ކަމަށާއި، ކައުންސިލް ބައްދަލުވުންތައް އެގޮތަށް އާއްމު ކުރެވޭނެކަމަށް ގަބޫލް ނުކުރެވޭ ކަމަށެވެ.
ކައުންސިލްގެ ޖަލްސާތައް ލައިވް ކުރާ ހަމައެކަނި ކައުންސިލަކީ އައްޑޫސިޓީ ކައުންސިލެވެ.
މިކަމުގެ ސަބަބުން ކައުންސިލްގެ ނިންމުންތައް ރައްޔިތުންނަަސް ފަސޭހައިން އެނގޭއިރު، އެކަމަށް ރައްޔިތުންގެ ތާއީދުވެސް ބޮޑެވެ.