ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އިސާގެ މައްޗަށް ދައުވާ ކޮށްފިއެވެ.
އީސަގެ މައްޗަށް ކޮށްފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާގެ މައްޗަށް ޤާނޫނުލްއުޤޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ހަވާލާދީ، އެމާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.
ގެވެށި އަނިޔާގެ މައްސަލައިގައި އީސަގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އެމައްސަލައާ ގުޅިގެން އިސަ މަޖިލީހުގައި މުގައްރިރުކަން ކުރަމުން އަންނަ އިޖުތިމާއި ކޮމިޓީގެ މުގައްރިރުކަމުން ވަކިކުރުމަށް ކޮމިޓީގެ މެމްބަރުން ހުށަހެޅުމުން ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވާފައެވެ. އަދި އީސަ ނިސްބަތްވާ އެމްޑީޕީން ވަނީ އެ ޕާޓީގެ އެތެރޭގެ ކޮމިޓީތަކުން އޭނާ ސަސްޕެންޑްކޮށްފައެވެ.
މި މައްސަލައިގައި އީސަ މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވައިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައިނުވާނެކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަދި ހާއްސަކޮށް ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންނަށް އަރުވާކަމަށެވެ.