މިިލިޓަރީއިން ޕާރލަމެންޓަށް ގޮންޖަހާފައި ބަޔާން ނެރުމަކީ ޑިމޮކްރެޓިކް ސިފައެއްނޫން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
އިމްތިޔާޒް ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވީ އެގޮތަށް ބަޔާން ނެރުމަކީ ނުބައި ގޮތަކަށް އަމާޒުހިފާކަމުގެ ބިރު އޮތްކަމަށް ބެލުމުގެ ޖާގަ އޮތް ކަމެއް ކަމަށެވެ.
މިިލިޓަރީ އިން ޕާރލަމެންޓަށް ގޮންޖަހާފައި ބަޔާން ނެރުމަކީ ޑިމޮކްރެޓިކް ސިފައެއް ނޫން. ނުބައި ގޮތަކަށް އަމާޒުހިފާކަމުގެ ބިރު އޮތްކަމަށް ބެލުމުގެ ޖާގަ އޮތް ކަމެއް.
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) June 4, 2021
"މިިލިޓަރީ އިން ޕާރލަމެންޓަށް ގޮންޖަހާފައި ބަޔާން ނެރުމަކީ ޑިމޮކްރެޓިކް ސިފައެއް ނޫން. ނުބައި ގޮތަކަށް އަމާޒުހިފާކަމުގެ ބިރު އޮތްކަމަށް ބެލުމުގެ ޖާގަ އޮތް ކަމެއް." އިމްތިޔާޒް ވިދާޅުވިއެވެ.
ސިފައިންގެ ފަރާތުން ވަނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ކޮމިޓީތަކަށް މައުލޫމާތު ދިނުމާއި ގުޅޭގޮތުން ނޫސްބަޔާނެއް ނެރެފައެވެ. އެ ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށްޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ހައިރާކީއާއި ސިފައިންގެ "ޗެއިން އޮފް ކޮމާންޑް"އާއި "ކޮމާންޑް އެންޑް ކޮންޓްރޯލް" އަދި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ގާއިމް ކުރެވިފައި އޮތް އުސޫލްތަކާއި ހިލާފް ކަމެއް ކަމަށް ބުނެފައެވެ.
އަދި މިކަމުގެ ސަބަބުން މުޅި ގައުމުގެ ދިފާއީ ބާރާއި އެބާރުގެ އެކި އެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލި ސިފައިންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ އަދި މިކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ފޫނުބެދޭވަރުގެ ނުރައްކާތަކެއް ކުރިމަތިވާނެ ކަމަކަށްވީހިނދު، އަދި ސިފައިންގެ ހިދުމަތަކީ 24 ގަޑިއިރުގެ ހިދުމަތަކަށް ވެފައި ސިފައިންނާއި ވާޖިބަށް ގޮވާލެވޭ ކޮންމެ ހިނދަކު ޙިދުމަތަށް ނިކުންނަންޖެހޭ ބައެއް ކަމަށާއި، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާއި ގުޅުން ހުރި ކަންކަމުގައި ކޮމާންޑަރެއްގެ ހުއްދަ ނެތި، އަމިއްލަ ހައިސިއްޔަތުން އެކިއެކި ފަރާތްތަކާއި މުއާމަލާތް ކުރުމުގެ އިޚްތިޔާރު ލިބިފައި ނުވާ ބައެއް ކަމަށް ސިފައިންގެ ޤަވާޢިދު ނަމްބަރު 101 ގައި ބަޔާންކޮށްފައިވާކަން ފާހަގަ ކުރައްވާފައި ވެއެވެ.