Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

އިސްލާމީ މުޖުތަމަޢެއްގައި 'ފިތުނަ އުފައްދާ މީހުންނަކީ' ދީނާ ޚިލާފަށް ވާހަކަ ދައްކާމީހުން: ޝެއިޚް ޒައިދު

އައްޝައިހް އަލީ ޒައިދު

އިސްލާމީ މުޖުތަމަޢެއްގައި 'ފިތުނަ އުފައްދާ މީހުންނަކީ' ދީނާ ޚިލާފަށް ވާހަކަ ދައްކާމީހުން ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

މިކަމަށް އިޝާރާތްކުރައްވާ ޝެއިޚް ޒައިދު ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ސިޔާސީ ގޮތުންދައްކާ ވާހަކައޭ ބުނެ ހެއްދެވި ނެހެއްދެވިއަށް ގޮވާ މީހުން ކަމަށެވެ.

"އިސްލާމީ މުޖުތަމަޢެއްގައި 'ފިތުނަ އުފައްދާ މީހުންނަކީ' ދީނާ ޚިލާފަށް ވާހަކަ ދައްކާ މީހުން. ދީނުގެ އަސާސްތަކަށް ފާޑުކިޔާ މީހުން. ސިޔާސީ ގޮތުންދައްކާ ވާހަކައޭ ބުނެ ހެއްދެވި ނެހެއްދެވިއަށް ގޮވާ މީހުން. ހިތާމައަކީ ކަނުލޯބީގައި ޖެހި ސަޕޯޓަރުންނަށް މިކަން ނުވިސްނޭތީ." ޝެއިޚް ޒައިދު ވިދާޅުވިއެވެ.

މުސްލިމަކަށް ކާފަރެއްގެ ތުހުމަތު ކުރުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް، ޤާނޫނުލްޢުޤޫބާތު އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި ގުޅިގެން ގިނަ ފަރާތްތަކެއްގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުން އައިސްފައެވެ.

އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން އެވެ.އޭގައި ވަނީ ނަފްރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު ބައިތަކެއް އިތުރުކުރުމަށް އިސްލާހުތަކެއް ހުށަހަޅާފައެވެ.

އެ އިސްލާހުތަކުގެ ތެރޭގައި އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން ކުށަކަށް ހެދުމަށް ވަނީ ހުށަހަޅާފައެވެ.