އިންޑިއާގެ އުއްތަރްޕްރަދޭޝް ސްޓޭޓްގެ މަޝްހޫރު ހިންދޫ ފައްޅިއެއްގެ ކައިރީގައި ދިރިއުޅެމުން ގެންދާ މުސްލިމުން، އެމީހުންގެ ގެދޮރު ދޫކުރުމަށް އެ އަވަށުގެ ވެރިންނާއި، ފުލުހުން މަޖްބޫރު ކުރަން ފަށައިފި ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މުސްލިމުން ބުނަން ފަށައިފިއެވެ.
އެ ފައްޅީގެ ކައިރީގައި ދިރިއުޅެމުން އަންނަ 71 އަހަރުގެ ޖާވިދު އަޚްތަރު ވަނީ އެކަމުގައި އެމީހުންނަށް ދިމާވެފައިވާ ދަތިތައް އަލްޖަޒީރާއާއި ހިއްސާ ކޮށްފައެވެ. އަޚްތަރަކީ ގޯރަކްޕޫރް ޑިސްޓްރިކްޓްގެ އިންޑިއަން ރެއިލްވޭއިސްގެ ރިޓަޔާޑް އިންޖިނިއަރެކެވެ. އޭނާ ދިރިއުޅެމުން އަންނަނީ 100 އެއްހާ އަހަރު ވެފައިވާ އޭނާގެ ކާފަ ބިނާކޮށްފައިވާ ގެއެއްގައެވެ.
އަޚްތަރު ބުނީ އެ އަވަށުގެ ވެރިންނާއި ފުލުހުން އެކުލެވޭ ޓީމެއް އޭނާގެ ގެއަށް އައިސް ގޭގެ ވަށައިގެން ހުރި މިންތައް ބެލި ކަމަށެވެ. އެއަށްފަހު އޭނާ އަތަށް ލިޔުމެއް ދީފައި އޭގައި ސޮއި ކުރުމަށް ބުނި ކަމަށް ވެސް އޭނާ ބުންޏެވެ. އެ ލިޔުމުގައި ބުނެފައިވަނީ އޭނާގެ އަމިއްލަ އިޚްތިޔާރުގައި ބޭނުން ވެގެން އޭނާގެ ބިން ސަރުކާރަށް ދޭން އެއްބަސްވާ ކަމަށް ކަމަށެވެ.
ފުލުހުން އެމީހުންގެ ގެތައް ސަރުކާރާއި ހަވާލު ކުރުމަށް އެދިފައިވަނީ ފައްޅީގެ ސަލާމަތަކަށްޓަކައި ކަމަށް ބުނެފައިވާ ކަމަށް ވެސް އަޚްތަރު ބުންޏެވެ. އަދި ބައެއް މުސްލިމުން އިތުރު ގޮތެއް ނެތިގެން އެ ލިޔުމުގައި ސޮއި ކޮށްފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ސޮއި ކުރުވަން ދިޔަ އޮފިޝަލުން އެމީހުންނަށް ސޮއި ކުރުމަށް މަޖްބޫރު ކުރި ކަމަށާއި ސޮއި ނުކޮށްފިނަމަ އެމީހުންނަށް ސޮއި ކުރުވޭނެ އިތުރު ގޮތްތައް ވެސް އެނގޭކަމަށް އޮފިޝަލުން ބުނެފައިވާ ކަމަށް އަޚްތަރްއާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓް ކޮށްފައިވެއެވެ.
ފާހަގަ ކޮށްލެވޭ ކަމަކީ އުއްތަރް ޕްރަދޭޝްގެ ކަނާތު ފިޔައިގެ ޗީފް މިނިސްޓަރު ޔޯގީ އަދިތްޔާނާތު އަކީ އެ ފައްޅީގެ އިސް ފާދިރީއެވެ. އެހެން ކަމުން އިތުރަށް އެކަމާއި ދެކޮޅު ހަދަން މުސްލިމުން ދާނެ ދިމާލެއް އެމީހުންނަކަށް ނުވިސްނެއެވެ.
ފާއިތުވި މަހު އެ އަވަށުގެ މީހުން ވަނީ އެ އަވަށުގައި ހުރި 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މިސްކިތް ވެސް ތަޅާލާފައެވެ.