ޒަރޫރީ ބޭނުންތަކަށް މާލެ ސަރަޙައްދުން ރަށްރަށަށް ދަތުރުކުރެވޭނެ އުސޫލްތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އެޗްޕީއޭއިން މިރޭ
އެޗްޕީއޭ އިން ބުނީ މާލެއާއި އަތޮޅުތެރޭގައި ކޯވިޑް-19 ފެތުރުން އިތުރުވެގެން ދިއުމާއި ގުޅިގެން މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރުމުގައި އަމަލު ކުރާ އުސޫލުގެ ދަށުން ދެން ދަތުރުކުރެވޭނީ ޒަރޫރީ ބޭނުންތަކަށް އެކަނި ކަމަަށެވެ.
މިގޮތުން އަތޮޅުތެރެއަށް ދަތުރުކުރެވޭނެ ޒަރޫރީ ހާލަތްތަކަކީ:
– ޞިއްޙީ ފަރުވާ ހޯދުމަށް މާލެއަށް އައިސް އެނބުރި ދާންޖެހުމާއި އެފަދަ މީހަކާ އެކުގައި ކޮންމެހެން ދާންޖެހުން.
– މާލޭގައި އަދާކުރަމުންދާ ވަޒީފާ/ މަސައްކަތް ހުއްޓާލަންޖެހުން ފަދަ ކަންކަން ދިމާވެގެން މާލޭގައި އިތުރަށް ތިބުން ދަތިވެފައިވުން އަދި އެފަދަ މީހުންގެ އާއިލާއިން އެކުގައި ކޮންމެހެން ދާންޖެހުން.
– މާލޭގައި ދިރިއުޅެވެން ނެތުމުގެ ސަބަބުން ރަށަށް ދިރިއުޅުން ބަދަލު ކުރަންޖެހުން.
– މާލެއަށް ތައުލީމު ޙާޞިލުކުރުމަށް އައިސް ތައުލީމު ޙާޞިލުކުރުން މުޅިން ނިމިފައިވުމުން ރަށަށް އެނބުރިދާން ޖެހިފައިވުން (މީގެ ތެރޭގައި ޗުއްޓީ ލިބުން ނުވަތަ ކިޔެވުން ވަގުތީގޮތުން މެދުކެނޑިފައިވުން ނުހިމެނެއެވެ.)
– މައިންބަފައިން ބަލިވުމާއި އަނބިމީހާ ވިހެއުން ފަދަ އާއިލާއަށް ދިމާވާ ބޮޑެތި ކަންތައްތަކާ ގުޅިގެން ރަށަށްދާންޖެހުން
އެޗްޕީއޭއިން ބުނީ ބަޔާންކޮށްފައިވާ ޒަރޫރީ ބޭނުންތަކަށް ދަތުރުކުރާ މީހުން ދަތުރު ކުރުމަށް އެދި މާދަމާއިން ފެށިގެން ހުށައަޅާނީ "ހާލުބެލުން ޕޯޓަލް" މެދުވެރިކޮށް ކަމަށެވެ. އަދި އެކަމަށް އެދި ހުށަހަޅާއިރު އެމީހަކު ދަތުރުކުރާ ކައުންސިލުގެ ފަރާތުން ދޫކޮށްފައިވާ، ދަތުރުކުރަނީ ޒަރޫރީ ބޭނުމުގައިކަން އަންގައިދޭ ލިޔުން ކައުންސިލް މެދުވެރިކޮށް ހާލުބެލުމުގެ ޕޯޓަލްއަށް އަޕްލޯޑް ކުރަންވާނެ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
ޒަރޫރީ ޙާލަތްތައް ދިމާވެގެން ދަތުރުކުރާ މީހުން މިހާރުވެސް ކަނޑައަޅާފައިވާ ގޮތުގެ މަތިން 14 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާން ޖެހޭނެ ކަމަށާއި ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަސްފަހުން ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވުމުން ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.