"އައްޑޫ ރައްޔިތުންގެ އަޑު" އިއްވަން ސިލްސިލާ ގޮތަކަށް ފޭދޫ ބަނދަރު ސަރަހައްދުގައި މީގެ ކުރިން ބައްދަލުވުން ބޭއްވުމުން އެއަޑު ހަގީގަތުގައި ވެސް ވަނީ ފޯރަންވާ ހިސާބަށް ފޯރާފަ އެވެ.
އައްޑޫ ބާކީ ކޮށް އެކަހެރިކޮށްލާފައި އޮންނަ އޮތުން ބަދަލު ކުރުމަށް ހިންގި ސިލްސިލާ ބައްދަލުވުގެ ނަތީޖާއަކީ ގަމުގެ ވައިގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރުއު ފެށުމެވެ. ގަމާއި ކޮލަމްބޯ އާއި ދެމެދު ސީދާ ތައް ކޮންމެ ނިޔަތެއްގައި ނަމަވެސް ފެށުމެވެ.
ސްރީލަންކަން އެއާލައިންސުން ވަހީދު ސަރުކާރަށް ގަމާއި ކޮލަމްބޯ ދެމެދު ސީދާ ދަތުރު ފެށުމަށް ހުށަހެޅުމުން މޯލްޑިވިއަނުން ނިކުތީ އެކަން ހުއްޓުވުމަށެވެ. ބަހަނާއެއްގެ ގޮތުން އެކުންފުނި ބަނގުރޫޓް ވެދާނެކަމަށް ބުނެއެވެ. އެހެންވެ އައްޑޫ ރައްޔިތުން މޯލްޑިވިއަން އަށް އެހީ ވުމަށް ފޭދޫ ބަނދަރުގައި ފަންޑޫ ފޮށްޓެއް ބަހައްޓައި މޯލްޑިވިއަން ބަނގުރޫޓް ވުމުން ސަލާމަތްކުރުމަށް ތެދުވުނެވެ.
މޯލްޑިވިއަން ކުންފުނި ބޮޑުވެ ފުޅާ ވަމުން އަންނަނީ ގަމާއި ލަންކާ އާއި ދެމެދު ގިނަ ދަތުރުތަކެއް ކޮށްގެންނެވެ. މޯލްޑިވިއަން އެކަނި ގަމާއި މާލެ އާއި ދެމެދު ދަތުރު ކުރި އިރުވެސް އެކުންފުނި އޮންނަނީ "ބަނގުރޫޓް" ވެފައެވެ. އެމީހުން ހެޔޮ ކަމުން ދަތުރު ހުއްޓާނުލާ ކުރަނީއެވެ. އެކަމަކު ފްލައި މީން ގަމާއި މާލެ އާއި ދެމެދު ދަތުރުތައް ފެށުމުން ކުރިން 1700 ރުފިޔާއަށް ވިއްކަމުން ދިޔަ ޓިކެޓް 888 ރުފިޔާއަށް ވިއްކުނެވެ. އެއާއި އެކު މާކުރީއްސުރެ އޮތް މޮނޮޕޮލީ ގެއްލި
ވާދަވެރި ވިޔަފާރި މާހައުލަކަށް މޯލްޑިވިއަން އަށް ދާން މަޖްބޫރުވިއެވެ. އޭގެ ހަގީގީ މަންފާ ރައްޔިތުންނަށް ފޯރާން ފެށިއެވެ.
ހަގީގަތުގައި ވެސް ދިވެހި ދިދަ ޖަހައިގެން އުދުހޭ މޯލްޑިވިން އާއި ދޭތެރޭ ދިވެހިން ދެކޭގޮތް ވަރަށް ތަފާތެވެ. ހިދްމަތުގެ ފެންވަރު އެހާ ދަށެވެ. ގަމާއި މާލެ އާއި ދެމެދު މިހާރު މޯލްޑިވިއަނުން ދެނީ "އަތޮޅު ފެރީ" ހިދްމަތެވެ. ގަމުން މާލެ އަށް ނުވަތަ މާލެއިން ގަމަށް 2:30 މިނިޓުން ނޫނީ ނާދެވެއެވެ.
މޯލްޑިވިއަން އިން ދަތުރު ކުރާ ގިނަ މީހުން ބުނާ ގޮތުން ޓިކެޓް ނަގާއިރު ބޯޓު އެހެން އެއާޕޯޓަކަށް ބޯޓު ޖައްސާކަމުގެ މައުލުމާތު ނުދެއެވެ. އެކަމަކު ސީދާ ގަމަށް ނުވަތަ މާލެއަށް ދަތުރު ކުރާ ބޯޓު އެހެން އެއާޕޯޓެއްގައި ޖައްސާކަން އެނގެނީ ބޯޓަށް އަރާ ނައްޓާލުމަށް ފަހު ދޭ މެސެޖުންނެވެ.
މޯލްޑިވިއަންގެ މި ދޯދިޔާ ހިދްމަތް ރަނގަޅު ކުރެވެން ދެންވެސް އޮތީ ފްލައިމީން ގިނަ ދަތުރުތައް ގަމާއި މާލެ އާއި ދެމެދު ކުރެވިގެންނެވެ، އެހެން ނޫންނަމަ މި ދަތުރުތަކަށް ބަދަލެއް ނާންނާނެއެވެ.
މޯލްޑިވިއަން އިން ގަމާއި ކޮލަމްބޯ އްާއި ދެމެދު ދަތުރުތައް ފެށީ ސިޔާސީ މަގްސަދެެއް އޮވެގެންކަން މިހާރު މިއޮތީ ފެންނާށެވެ. މޯލްޑިވިއަނުން އާއްމުކޮށް މަސައްކަތް ކުރާ މިންވަރަށްވެސް ގަމާއި ކޮލަމްބޯ ދަތުރު މާކެޓް ކުރުމަށް މަސައްކަތް ކޮށްފައި ނުވެއެވެ. އަނެއްކޮޅުން ހުވަދޫ ފުވައްމުލަކުން އައްޑޫއަށް އައިސް ދަތުރުކުރެވޭނެ އަގުތަކެއް ހާމަ ކުރިއަސް އެކަމަކަށް އެދެވޭ މަސައްކަތެއް ނުުރެއެވެ. އަނެއްކޮޅުން މާލެ/ ގަން/ ކޮލަމްބޯ އަގުންވެސް އެކަން ނުކުރަން އުޅޭ މިންވަރު ސާފުވެއެވެ. ގަމުން ކޮލަމްބޯއަށް 269 ޑޮލަރަށް އޮތް އިރު މާލެ/ ގަން/ ކޮލަމްބޯ އަގު ހުރީ 175 ޑޮލަރުގައެވެ. އެހެންވެ މީ ވަކި މަގުސަދެއް ހާސިލްކުރުމަށް ޖެއްސި ސިޔާސީ ސްޓަންޓެކެވެ.
އައްޑޫގެ ތަރައްޤީގެ ވާހަކަ ދައްކާއިރު އައްޑޫ އެކަހެރިކޮށް ބާކީ ކޮށްލާ ކޮންމެ ސައްލާއެއްގައި މިއަތޮޅަށް ނިސްބަތްވާ ބަޔަކު އަބަދުވެސް ތިބޭ ކަމީ އެންމެ ދެރަވާ މައްސަލައެވެ. އެކަމަކު ރިޔާސީ ދައުރެއް ނިމި މަޖިލީހުގެ އިންތިހާބާއި ދިމަކޮށް ފޮނި ވައުދުތަކާއިގެން މިބައިމީހުން މިތަނަށް އެއްވެއެވެ. އެދުވަހުން ވާހަކައަކަށް އޮންނަނީ އައްޑޫ ތަރައްޤީ ކޮށްދޭނެ ވާހަކައެވެ.
މިއަދުވެސް 6 މީހަކު އައްޑޫ ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރުމަށް އެބަތިއްބެވެ. އައްޑޫ ރައްޔިތުންގެ ފޮނި އުއްމީދަކަށްވި ގަމާއި ކޮލަމްބޯ ދަރުރުތައް މޯލްޑިވިއަން ހުއްޓާލުމާއި ގުޅިގެން އެކަމާއި ބެހޭ ގޮތުން ސުވާލު ކޮށް ޖަވާބުދާރީ ކުރެވިފައި ނުވެއެވެ. އެންމެ ކުޑަ މިނުން އެއިން މީހަކު މިކަމާއި މެދު ކަންބޮޑުވި އަޑެއްވެސް ނީވެއެވެ. އެކަމާއި ދެކޮޅަށް ރައްޔިތުން ތެދުވަން އެބަޖެހެއެވެ.
ރައްޔިތުންގެ ބަސް އިއްވިއްޖެނަމަ އެކަމުގެ އަސަރު ކުރާކަން ދާދި ފަހުން ހިންގި ހަރަކަތުންވަނީ ފުރިހަމަައަށް ފެނިގޮސްފައެވެ. އެހެންވެ މިއޮތީ ދެވަނަ ފަހަރަށް މޯލްޑިވިއަން އާއި ދެކޮޅަށް ތެދުވަންވީ ވަގުތު ޖެހިފައެވެ.