ޑިމޮކްރަސީއަށް ރާއްޖެކުރި ދަތުރުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އަކީ މުހިންމު ދައުރެއް އަދާކުރި ޕާޓީއެކެވެ. ޕާޓީގެ އާންމު މެމްބަރުން އެމްޑީޕީގެ ގޮތުގައި ބަލައިގަންނަކަމަށް މިހާތަނަށް ފެންނަން އޮތީ ރައީސް ނަޝީދުގެ ވިސްނުންފުޅެވެ.
ރައީސް މުހައްމަދު ނަޝީދުގެ ލީޑަރޝިޕްގެ ދަށުގައި ހިންގަމުން އަންނަ އެމްޑީޕީގެ ބޮޑު މަންޒަރަކީ ރައީސް ނަޝީދު ކުރައްސަވާ އެއްޗެކެވެ. އެނޫން ގޮތަކަށް އެކަން ބަދަލުކުރުމަށް އުޅެފި މީހަކަށް އަދި މިހާތަނަށް ޖެހުނީ ޕާޓީގެ ކަންކަމާ ދުރަށްޖެހިލައި ފަހަތުގައި ހުންނާށެވެ. އާންމު މެމްބަރުން ރައީސް ނަޝީދު ނޫން ގޮތެއް ބޭނުމެއް ނެވެއެވެ.
އިބްރާޙިމް އިސްމާއިލް (އިބްރާ) ކަމަށްވީނަމަވެސް, ޑރ. މުހައްމަދު މުނައްވަރު, ޑރ. އިބްރާހިމް ދީދީ, އަލްހާން ފަހުމީ, އަދި މޫސާ މަނިކް (ރީކޯ) ކަމުގައި ވީނަމަވެސް ކަންވެފައި އޮތީ ހަމަމިގޮތަށެވެ. މި ހުރިހާ ބޭފުޅުންވެސް ސިޔާސީ ގޮތުން އެމްޑީޕީގެ ދިރުނބާކޮޅަށް އެރުމަށް މަސައްކަތް ކުރިނަމަވެސް ކޮންމެވެސް ގޮތަކުން އެ ބޭފުޅުންނަށް ޖެހިވަޑައިގަންނަވަނީ ޕާޓީގެ ކަންކަމުން އެކަހެރިވެލާށެވެ. ރައީސް ނަޝީދު ނޫން ގޮތެއް ޤަބޫލުކުރުމަށް އާންމު މެމްބަރުން ތައްޔާރު ނޫނީ ކަމެއް, ނުވަތަ ސިޔާސީ ކަންކަމުގައި ރައިސް ނަޝީދުގެ ރޭވުންތެރިކަން މޮޅީ ނޫންކަމަށް ނޭންގެއެވެ. ރައީސް ނަޝީދު އަބަދުވެސް ވިދާޅުވަނީ އެމަނިކުފާނު ހަކުޅި ކުރިއަށް ކުޅުއްވާކަމަށެވެ. މާޒީއަށް ބަލާއިރު އެއީ ދޮގެއްކަމަށް ބުނެވޭނެ ޖާގައެއް ނެތެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވާދަވެރިއެއްގެ ގޮތުގައި ފެންނާން މިހިރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ސޯލިހްގެ ވެރިކަމުގެ މިހާތަނަށްވެސް ރައީސް ނަޝީދުގެ ތާއީދު އެމަނިކުފާނަށް ފުރިހަމައަށް އޮތް ނަމަވެސް ރައީސް ނަޝިދު ހިތްހަމަނުޖެހޭ ކަންތައްތަކެއް ސަރުކާރުގެ ތެރޭގައި ހުރިކަމީ އެންމެނަށް އިނގޭ ކަމެކެވެ. މީގެ ތެރެއިން ބައެއް ކަންކަމުގައި ރައީސް ނަޝީދު ފާޅުގައި ވާހަކަ ދެއްކެވުމުންވެސް ރައީސް ސޯލިހް އެކަންކަން ރައީސް ނަޝީދު ހިތްޕުޅާވާގޮތަށް ބަދަލުތައް ނުގެންނެވުމުގެ ނަތީޖާއަކަށްވީ އެމްޑީޕީގެ ތެރެއިން ބަރުލަމާނީގެ ރާގު އިވެން ފެށުމެވެ. އެހެންނަމަވެސް އެކަން އޮތީ ދޭތެރެއަކުން އިވޭ އަޑެއްގެ ގޮތުގައެވެ. ހަރުއަޑުން އެ ލަވަ ކިޔާ އެ އަޑު ގުގުމަން ފެށުމަށް މެދުވެރިވާނެ ސަބަބެއް އޮތީ ނުފެނިފައެވެ.
އެމްޑީޕީގެ މިހާރުގެ ހާލަތު މި ފުރޮޅެމުންދާގޮތުން, މިއީ ބަރުލަމާނީގެ ލަވައިގެ އަޑުގަދަވެ އެ ދަތުރު ފެށުމަށް މެދުވެރިވާ ސަބަބެއްކަމަށް ވަރަށް ބޮޑަށް ލަފާކުރެވެއެވެ. އެމްޑީޕީގެ ތެރެއިން މިހާރު ފެނިގެން މިދަނީ ރައީސް ސޯލިހަށް ތާއީދު ކުރާ ފަރާތްތަކާއި ރައިސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައި ހިނގާ ޒުވާބުތަކެކެވެ. ގޮތަކަށް ބުނާނަމަ ރައްޔިތުންގެ މަޖިލީހާއި ސަރުކާރާއި ދެމެދު ހިނގާ ޒުވާބެކެވެ. ރައީސް ސޯލިހަށް ތާއީދުކުރާ ފަރާތްތަކުން މަޖިލީހުގެ ކޮންޓްރޯލް ހޯދުމަށް މަސައްކަތް ކުރިނަމަވެސް އަޑުގަދައީ ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުގެއެވެ.
އެމްޑީޕީގެ ތެރެއިން މިހާރު ފެނިގެންދަނީ ސަރުކާރުގެ ކަންކަމަށް އެމްޑީޕީއަށް އިތުބާރު ނުކުރެވިގެން އުޅޭ މަންޒަރެވެ. ސަރުކާރުން ނިންމާ ނިންމުންތަކަށް އެމްޑިޕީގެ ބައެއް އިސްވެރިންނަށް ތާއީދު ނުކުރެވި ޤަބޫލުނުކުރެވޭތަނެވެ. ރައިސް ސޯލިހް ދައްކަވާ ބައެއް ވާހަކަފުޅުތައް އެބޭފުޅުންނަށް ހަމަ އެއްވެސް ވަރަކަށް ކަމުނުދާތަނެވެ. ރައީސް ނަޝީދަށް ދިން ހަމަލާގައި ކުރާ ތަހުގީގަށްވެސް އެމްޑީޕީއަށް އިތުބާރު ނުކުރެވިގެން އުޅޭމަންޒަރެވެ. މިހުރިހާ ކަމެއް އައިސްމިގުޅެނީ, އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބޯމަތިވެފައިއޮތް ދަނޑިވަޅާއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަކީ ބަރުލަމާނީއަށް ކުރާ ދަތުރުގައި ނުހަނު މުހިންމު ބަޔަކަށް ވާނެއެވެ.
އެމްޑީޕީއަކީ އަބަދަވެސް އެޕާޓީގެ ކަންކަން ނިންމުމުގައި ގައުމީ މަޖިލީޙުގެ ލަފާހޯދާ އެ މަޖިލީހުން ފާސްކުރާ ގޮތަށް އަމަލުކުރަމުން އަންނަ ޕާޓީއެކެވެ. ވީއިރު އެ ގައުމީ މަޖިލީހުގެ މެޖޯރިޓީ ނުލިބި ބަރުލަމާނީއަށް ރައީސް ނަޝީދު ކުރައްވާ ދަތުރު ކާމިޔާބު ނުކުރެވޭނެއެވެ. ސިޔާސީ ވާދަވެރިކަމުގައި ރައިސް ނަޝީދުގެ މެޖޯރިޓީ އޮންނަ ގައުމީ މަޖިލީހެއް ހޮވޭކަށް ދެންތިބި ފަރާތްތައް ބޭނުންނުވާނެކަން ކަށަވަރެވެ. ވިއިރު އެފަރާތްތަކުން ވެސް ގައުމީ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ކުރެވެން ހުރި މަސައްކަތްތަކެއް ކުރާނެކަން ޔަގީނެވެ. ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކަށް ގައުމީ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ އެކަން ވެގެންދާނީ ބަރުލަމާނީއަށް ކުރާ ދަތުރު ކާމިޔާބު ކުރުމަށް ފުރަތަމަ އެޅޭ ފިޔަވަޅަށެވެ.
ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ އަރާރުމުގެ ތެރެއިންވެސް ބަރުލަމާނީއާ ގާތަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މަޖިލީހަކީ ވަރަށްވެސް މުހިންމު ތަނެކެވެ. މި އަރާރުމުގެ ތެރެއިން މަޖިލީހުގައި ރައީސް ނަޝީދަށް ތާއިދުކުރާ ފަރާތްތަކުގެ އަޑުގަދަވެއްޖެނަމަ ބަރުލަމާނީއަށް ޤާނޫނީއަސާސީބަދަލުކޮށް ރައްޔިތުންގެ ފެންނަ ނުފެންނަވޯޓަކަށް ދިއުމަށް މަޖިލީހުން މަސައްކަތް ފެށުމަކީ ދުރުގައި އޮތް ކަމެއްނޫނެވެ.
މަންޒަރު ފެންނަގޮތުން, މިހާރު އެމްޑީޕީގެ ތެރޭގައި ރޯވެފައިވާ ހުޅުގަނޑު ކޮންޓްރޯލް ނުކުރެވިއްޖެނަމަ އަދި މަޖިލީހާއި ސަރުކާރުގެ އަރާރުން ބޮޑުވެއްޖެނަމަ, "ރައްޔިތުން އެދޭ ހެޔޮބަދަލު ހޯދުމަށް" އޮތް ހަމައެކަނި ގޮތަކީ "ބަރުލަމާނީ" ކަމަށް ރައްޔިތުންނަށް ވިއްކަން ފެށުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.