ހަނިމާދޫ އެއާޕޯޓު ހިންގާނީ ސަރުކާރުން ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ތަރައްޤީ ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާއިން ކަމަށާއި، ނަމަވެސް އެއާޕޯޓު ހިންގާނީ ސަރުކާރުން ކަމަށެވެ. އަދި އެއެއާޕޯޓުގެ އޯނާޝިޕް ދިވެހި ސަރުކާރު ނޫން ފަރާތަކަށް ނުދޭނެކަމަށެވެ.
And for further clarification , although Hanimaadhoo Airport will be developed by a loan facility through Indian Exim bank. The ownership operation and management of the airport will be carried out by government or assigned SOE.
— Fayyaz Ismail (@faya_i) June 14, 2021
ފައްޔާޒު މިފަދައިން ވިދާޅުވެފައި މިވަނީ ރާއްޖޭގެ އެއާޕޯޓްތައް 100 ޕަސެންޓް ބޭރު ކުންފުނިތަކަށް ހިންގޭ ގޮތަށް، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) އަށް އިއްޔެ ގެނައި އިސްލާހާ އެކު ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެވެ. އަދި މި އިސްލާހަކީ ހަނިމާދޫ އެއާޕޯޓު އިންޑިޔާއަށް ދިނުމަށް ރޭވިގެން ކޮށްފައިވާ ކަމެއްކަމަށް ތުހުމަތުކޮށް ވާހަކަ ދައްކަމުން ދަނިކޮށެވެ.
ފައްޔާޒު ވަނީ އެފްޑީއައި ޕޮލިސީގެ ދަށުން ރާއްޖޭގެ އެއްވެސް އެއާޕޯޓެއްގެ އެއާ ޓްރެފިކް ކޮންޓްރޯލް ބޭރުގެ ބަޔަކާއި ހަވާލު ނުކުރާނެކަމަށް ވިދާޅުވެފައެވެ. އަދި އިއްޔެ ގެޒެޓު ކުރެވުނު އެފްޑީއައި ޕޮލިސީގައި އޮޅުންތަކެއް އަރާގޮތަށް ހުރުމުން އެކަން އިސްލާހު ކުރާނެ ކަމަށް ވިދާޅުވެފައެވެ.
އެފްޑީއައި ޕޮލިސީގައި ކުރީގައި އޮންނަ ގޮތުން ނަމަ އެއާ ޓްރާންސްޕޯޓު ހިދުމަތް ރާއްޖޭގައި ދެވޭނީ ބޭރުގެ 75 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށް ފަސް އަހަރުގެ މުއްދަތަށެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ ގެޒެޓުކުރި އިސްލާހުގައި ވާގޮތުން އެއްވެސް ދިވެހި ހިއްސާއެއް ނޯންނަ 100 އިންސައްތަ ބޭރުގެ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓުތައް އޮޕަރޭޓު ކުރެވޭނެއެވެ. އެކަން ކުރެވޭނީ ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކާއެކު ދިވެހި ސަރުކާރުގެ ހުއްދަ ލިބިގެންނެވެ.
އަދި ފްރެއިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް 100 އިންސައްތަ ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.
މި އިސްލާހަށް އިއްޔެއިން ފެށިގެން އަމަލުކުރަން ވަނީ ފަށާފައެވެ.