ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން އަދި ކަރެކްޝަނަލް ސާވިސުން މިދިޔަ ހޮނިހިރު ޖަލުތަކުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އައިއެސް ޖަމާތުގެ ލީޑަރެއް ކަމަށް ބުނާ މުހައްމަދު އަމީންގެ ޖަލު ގޮޅިން ބައެއް ތަކެތި ގެންގޮސްފިއެވެ.
އެކަން ހާމަކޮށްފައިވަނީ މިއަދު ކުރިއަށްގެންދިޔަ އޭނާގެ ޝަރީއަތުގެ މަޖިލީހުގައެވެ. ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ފުވައްމުލަކު، ކަރިއްޔާވިލާ އަމީންގެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ތާވަލު ކުރި އަޑުއެހުމުގައި އޮތީ އަމީންގެ ވަކީލް އިފްތިތާހީ ބަޔާން އިއްވުން ކަމަށްވީނަމަވެސް އޭނާ އަކަމަށް ތައްޔާރުނުވެ އައުމުން އެބައި ކުރިއަށް ގެންގޮސްފައެއް ނުވެއެެވެ.
މި މައްސަލަ މިހާރު އޮތީ އިބްތިދާއީ އަޑުއެހުންތައް ނިމި، ޝަރީއަތް ފަށާހިސާބުގައި ކަމަށްވުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ މައްސަލަ ކުރިއަށްގެންދަވާނެ ގޮތުގެ ޓައިމްލައިންވެސް ދެއްވާފައެވެ. އެގޮތުން އޮގަސްޓު މަހުގެ ތެރޭގައި ހެކި ނަގައި ނިންމާލާ، ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ހުލާސާ ބަޔާން އިއްވާ އަދި ސެޕްޓެމްބަރު 14ގައި ހުކުމް ކުރެވޭނެކަމަށް ބެލެވޭކަމަށް ވިދާޅުވިއެެވެ.
މިއަދު ދެން ކުރިއަށް ގެންގޮސްފައިވަނީ އަމީންގެ ބަންދާމެދު ގޮތެއް ނިންމުމުގެ ބައެވެ. އެގޮތުން ދައުލަތުން ވަނީ އަމީން ބަންދުކުރި ސަބަބުތަކަށް އަދިވެސް ބަދަލުނާންނަ ކަމަށާއި، އަދި ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތުވެސް އޮތްކަމަށެވެ. އަދި މި މައްސަލައަކީ މުޖުތަމައުގެ މަސްލަހަތާ ވެސް ގުޅިފައިވާ މައްސަލައެއްކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ދައުލަތުންވަނީ ހަރުކަށި ފިކުރާ ދެކޮޅަށް ޖަލުގައި ހިންގި އޮޕަރޭޝަންގައި އަމީންގެ ގޮޅިން މަނާ ތަކެތި އަތުލިކަން ފާހަގަކޮށްފައެވެ. އެހެންނަމަވެސް އެތަކެތީގެ ތަފްސީލު ދީފައެއްނުވެއެވެ.
ދައުލަތުގެ ވާހަކަތަކަށް ރައްދު ދެމުން އަމީން އަދި އޭނާގެ ވަކީލް ވަނީ، ދައުލަތުން ދައްކާފައިވަނީ ދޮގުވާހަކަ ކަމަށާއި، ދައުލަތުން ބުނާ މަނާ އެއްޗަކީ ކޮބައިތޯ ސުވާލު އުފައްދަވާފައެވެ. އަމީން ބުނީ އެލާމް ކްލޮކަކީ ޖަލުން ސައްހަކޮށް ގަންނަން ލިބޭ އެއްޗެއް ކަމަށާއި އޭނާ ގެންގުޅުނު ލައިޓަރެއް ގެންދިޔަ ކަމަށާއި އެއީ ވެސް ޖަލުން ގަންނަން ލިބޭ އެއްޗެއް ކަމަށެވެ. އަދި އަމީންގެ ވަކީލް ބުނެފައިވަނީ ފުލުހުން ގެންދިޔައީ އޭނާ ގެންގުޅުނު މުސްހަފަކާއި، އަންމާ ފޮތަކާއި، ފޮތަކާއި، ގެންގުޅުނު އެލާމް ކްލޮކުގެ މެކޭނިކަލް ބައި ކަމަށެވެ.
ދެފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު މައްސަލަ ބައްލަވާ ގާޒީ ވަނީ އަމީން ބަންދުކުރިއިރު ހުރި ހާލަތްތައް ދެމިހުރިކަމަށް ނިންމާ ޝަރީއަތް ނިމެންދެން ބަންދުކުރި ކުރުން ދަމަހައްޓާފައެވެ.