ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކުރިއަށް ނުގެންދިއުމަށް އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމު ޕީޖީގައި އެދިއްޖެއެވެ.
އަސްރާ ވަނީ އީސަގެ މައްޗަށް އުފުލާފައިވާ ދައުވާ އާއި ގުޅިގެން ޕީޖީއަށް ހުށަހަޅާފައެެވެ ޕީޖީން ވަނީ އަސްރާގެ ސިޓީއެއް ލިބިފައިވާކަން ޔަގީންކޮށްދީފައެވެ. ނަމަވެސް ތަފްސީލެއް ނުދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަސްރާ ވަނީ އީސަގެ މައްޗަށް އުފުލާފައިވާ ދައުވާ ކުރިއަށް ނުގެންދިއުމަށެވެ.
އީސަގެ މައްޗަށް ކޮށްފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ. އީސަގެ މައްޗަށް މި ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މި މަހުގެ ތިންވަނަ ދުވަހުއެވެ.
ގެވެށި އަނިޔާގެ މައްސަލައިގައި އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ފުލުހުންގެ އެދުމުގެ މަތިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި ވެސް އެދިފައިވެއެވެ. ނަމަވެސް އެ ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވޭނެ ގާނޫނީ ބިނާއެއް ނެތް ކަމަށް ކަނޑައަޅާފައެވެ.
ގެވެށި އަނިޔާގެ މައްސަލައިގައި އީސަގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އެމައްސަލައާ ގުޅިގެން އިސަ މަޖިލީހުގައި މުގައްރިރުކަން ކުރަމުން އަންނަ އިޖުތިމާއި ކޮމިޓީގެ މުގައްރިރުކަމުން ވަކިކުރުމަށް ކޮމިޓީގެ މެމްބަރުން ހުށަހެޅުމުން ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވާފައެވެ. އަދި އީސަ ނިސްބަތްވާ އެމްޑީޕީން ވަނީ އެ ޕާޓީގެ އެތެރޭގެ ކޮމިޓީތަކުން އޭނާ ސަސްޕެންޑްކޮށްފައެވެ.
މި މައްސަލައިގައި އީސަ މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވައިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައިނުވާނެކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަދި ހާއްސަކޮށް ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންނަށް އަރުވާކަމަށެވެ.