ސޯޝަލް މީޑިއާގައި ސަރުކާރު ބަދުނާމުކޮށް އަޑުއުފުލާކަމަށް ބުނެ ސަދަން ޓްރާންސްޕޯޓު ލިންކު (އެސްޓީއެލް)ގައި މަސައްކަތް ކުރާ މުވައްޒަފަކު ވަޒިފާއިން ވަކިކޮށްފިއެވެ. ވަޒީފާއިން ވަކިކޮށްފައިވަނީ އެސްޓީއެލްގެ ފޭދޫ އޮފީހުގައި މަސައްކަތް ކުރާ ސުޕަވައިޒަރެއް ކަމަށްވާ އިސްމާއީލް ރަޝީދު(އިއްސެ)އެވެ.
އިއްސެ އަކީ ސަރުކާރުގެ ދޯހަޅި ކަންކަމަށް ފާޅުގައި ސޯޝަލް މީޑިއާގައި ފާޑު ކިޔަމުންދާ ފަރާތެެކެވެ.
އިއްސޭ މިއަދު އައްޑޫލައިވްއަށް މައުލޫމާތު ދެމުން ބުނީ ވަޒީފާއިން ވަކިކުރިކަން ފުރަތަމަ އިއްޔެ އެންގީ ފޯނުކޮށްފައިކަމަށެވެ. އަދި ތަފްސީލު ދިނުމަށް އެދުމުން އެމްޕީއެލްގެ އެޗްއާރުން ގުޅި ފަރާތުން ބުނީ ސަރުކާރު ބަދުނާމްކޮށް، ކުންފުނީގެ ސުލޫކީ މިންގަޑާއި ހިލާފުވެގެން ވަޒީފާއިން ވަކި ކުރީ ކަމަށެވެ.
އިއްސެ ބުނީ މިދިޔަ އަހަރުގެ ރަމަޟާންމަހު ތެރޭގައިވެސް އޭނާ 14 ދުވަހަށް ސަސްޕެންޑް ކުރިކަމަށެވެ.
"މިދިޔަ އަހަރު ރޯދަ މަހު އަހަރެމެން އެެންމެންތިބީ ކޮވިޑާއި ގުޅިގެން ގޭގައި، އެގޮތަށް ތިއްބާ ސަސްޕެންޑު ކުރި ކަން އެންގީ އެފަހަރުވެސް އެމީހުން ލިޔުމެއްގައި ސޮއި ކުރުވުމަށް ފަހު ކޮޕީއެއް ދޭން އެދުމުން ނުދިން، ފަހުން 14 ދުވަސް ފަހުން އެންގީ އަލުން ވަޒީފާއަށް ނިކުތުމަށް" އިއްސޭ ބުންޏެވެ.
އިއްސޭ ބުނީ އޭގެ ފަހުން މިދިަޔ ފެބްރުއަރީ މަހު ކައިރި ކައިރީ ދެ ވޯނިން ލިޔުން ލިބުމަށް ފަހު އިއްޔެ ވަޒީފާއިން ވަކި ކުރިކަން އަންގާފައިވާ ކަމަށެވެ.
އިއްސޭ ބުނީ އޭނާއަށް ދިން އިންޒާރުގެ ސިޓީގައި ސަބަބު ބަޔާންކޮށްފައި ނެތުމުން އޭގައި ސޮއި ކުރުމަށް އިންކާރު ކުރިކަމަށެވެ. ވަޒީފާއިން ވަކިކޮށް އިއްސޭއަށް ފޮނުވި ލިޔުމުގައިވަނީ ވަޒީފާގެ އެއްބަސްވުމުގެ 18.1.4 އާއި ކުންފުނީގެ ކޯޑު އޮފް ކޮންޑަކްޓްސް ޕޮލިސީ އާއި ހިލާފުވެފައިވާތީ ވަޒީފާއިން ވަކި ކުރީކަމަށެވެ
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެންމެ ފަހު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ނާއިންސާފުން ބިރު ދައްކައިގެން މުވައްޒަފުން ވަޒީފާއިން ވަކި ކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ވަޒީފާއިން ވަކި ކުރި ބައެއް މީހުން އަލުން ވަޒީފާދީ ބަދަލުވަނީ ދީފައެވެ.
ރައީސް ވަނީ ލިޔެލާ ފޭސްބުކް ސްޓޭޓަސް އަކާއި ހެދި މީހެއްގެ ވަޒީފާ ގެއްލިގެން ނުދާނެ ކަމަށް ވިދާޅުވެފައެވެ.