Last Updated: November 24, 13:27
Sunday, November 24, 2024
ޚަބަރު

އެސްޖީ އައްޔަން ކުރުމާއި ގުޅޭ ދެބިލް އަނބުރާ ގެންގޮސްފި

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އައްޔަން ކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދެބިލް އަނބުރާ ގެންގޮސްފިއެވެ.

ކައުންސިލް ހިންގުމުގެ އެންމެ އިސްފަރާތް އެސްޖީ އައްޔަން ކުރުން ސިވިލް ސާވިސް ކަމިޝަނަށް ބަދަލު ކުރުމަށާއި ލޯކަލް ކައުންސިލް ގާނޫނަށް ބަދަލު ގެނައުމަށް މަޖްލިސްއަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސައީދުއެވެ.

ލާމަރުކަޒީ ޤާނޫނަށް 2019 ވަނަ އަހަރު ގެނައި ބޮޑު އިސްލާހުގައި އެޤަނޫނުގެ 126 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ، ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ކައުންސިލްގެ ލަފަޔާއެކު، ކައުންސިލްގެ ސެކްރަޓަރީ ޖެނެރަލްކަމުގެ މަޤާމަށް މީހަކު އައްޔަނުކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.

އެހެންނަމަވެސް ސައީދު އެ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ކައުންސިލްގެ ސެކްރަޓަރީ ޖެނަރަލްކަމުގެ މަޤާމަށް މީހަކު އައްޔަނު ކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ. ހަމަ މިގޮތަށް މި އިސްލާހު މެމްބަރު ސައީދު ވަނީ ސިވިލް ސާވިސްގެ ޤާނޫނަށް ވެސް ހުށަހަޅާފައެވެ.

އިސްލާހު ހުށަހެޅި ސަބަބެއްގެ ގޮތުން ސައީދު ވިދާޅުވެފައިވަނީ، ސިވިލް ސާވިސްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ފާޅުކަންބޮޑު ގޮތެއްގައި ހުޅުވާލައި އެކަށީގެންވާ ހަމަހަމަ ފުރުސަތު މުޖުރަމައުގެ ހުރިހާ ފަރާތްތަކަށްވެސް ލިބިދެވޭނެ ނިޒާމެއް ޤާއިމު ވެފައި އޮތުމާއި، ސިޔާސީ މަސްލަހަތުތަކުން އެކަހެރިވެފައިވާ، ވަކި ފަރާތެއްގެ ނުފޫޒަކަށް ތަބާނުވާ، އަދި ވަކިފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތްނުކުރާ، ޕްރޮފެޝަނަލް މިންގަނޑުތަކަކުން ހިދުމަތް ފޯރުކޮށްދިނުމަށް ސިވިލް ސާވިސް ގާނޫނުގައި ބަޔާންކޮށްފައިވާތީ ކަމަށެވެ.

މި ދެއިސްލާހަށް އެމްޑީޕީގެ ގިނަ މެމްބަރުންވެސް ވަނީ ދެކޮޅު ހައްދަވާފައެވެ.