ސ. ހިތަދޫ އަވަށު ބޯޑްގެ ރައީސްގެ މަގާމުގައި ހުންނެވި އިބްރާހީމް ޝިނާޒް މޫސާ ކުރިއަަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވަން ނިންމަވައި އެވެ.
ޝިނާޒް މިއަދު ވިދާޅުވީ އިންތިހާބުގައި ވާދަ ކުރަން ނިންމާފައި ވަނީ އެމްޑީޕީ ޓިކެޓްގައި ހިތަދޫ މެދު ދާއިރާ އަށް ކަމަށެވެ.
އެހެންވެ އެ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި އޭނާ ވާދަ ކުރައްވާނެ އެވެ.
ޝިނާޒް އެމްޑީޕީ ޓިކެޓްގައި ވާދަ ކުރައްވަން ނިންމެވުމާ ގުޅިގެން، އޭނާ ޕްރައިމެރީގައި ވާދަ ކުރައްވަން ޖެހިވަޑައިގަންނަވާނީ އެ ދާއިރާގެ ގޮނޑި މިހާރު ވެސް ފުރުއްވަމުން ގެންދަވާ މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އާ އެވެ.
މޯޑް ވަނީ ދެވަނަ ދައުރަކަށް މެދު ދާއިރާ އަށް ކުރިމަތިލައްވަން ނިންމަވައިފަ އެވެ.
ޝިނާޒް ވިދާޅުވީ އޭނާ މަޖިލީސް އިންތިހާބުގައި ވާދަ ކުރައްވަން ނިންމެވީ ރަށުގެ ވަރަށް ގިނަ ޒުވާނުންނާ މަޝްވަރާ ކުރުމަށް ފަހު، އެ މީހުންގެ ލަފާގެ މަތިން ކަމަށެވެ.
"މީގެ އެންމެ ބޮޑު ބޭނުމަކީ މަޖިލިސްތެެރޭގައި ބިނާ ކުރަނިވި މަސައްކަތްތަކެއްކޮށް އައްޑު އާއި އައްޑޫގެ ޒުވާނުންނަށް އަގު ހުރި މަސައްކަތްތަކެއްކޮށް ދިނުން،" އޭނާ ވިދާޅުވި އެވެ. "ޒުވާނުންގެ ވަރަށް ބޮޑު ތާއީދެއް އަޅުގަނޑުގެ މި ނިންމުމަށް އެބަ އޮތް ކަމަށް ގަބޫލް ކުރަނީ."
މަޖިލިސް އިންތިހާބުގައި ހިތަދޫ މެދު ދާއިރާ އަށް ޕީޕީއެމްގެ ޓިކެޓްގައި މީގެ ކުރިން ވެސް މަޖިލީހުގައި އައްޑޫގެ ގޮނޑިއެއް ގިނަ އަހަރުތަކެއް ވަންދެން ތަމްސީލް ކުރައްވާފައިވާ މުހައްމަދު ރަޝީދު (ހިޔަލީ) ވެސް ވަނީ ވާދަ ކުރައްވަން ނިންމަވައިފަ އެވެ.