އިސްލާމް ދީނުގެ ދިފާއުގައި، މިހާރު ޤާނޫނުލްއުޤުބާތަށް ހުށަހަޅާފައިވާ އިސްލާހާއި ދެކޮޅަށް ތެދުވަންޖެހޭކަމަށް ކުރީގެ ނައިބު ރައިސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނަފްރަތުގެ ބިލު މިހާރު އޮތްގޮތުން ރައްޔިތުކަން ދޫކޮއްލާ މީހުންގެ އަމަލުތަކާއި އަދި ބޭރުމީހުން ވަޒަންވެރިވެތިބެ ދީނާއި ދެކޮޅަށް ހިންގާ އަމަލުތައްވެސް ޙިމާޔަތްކުރެވޭކަމަށެވެ.
މުރުތައްދު ވުމުން މުސްލިމުންގެ ތެރޭގައި އެކުށަށް އަދަދބު ދެވޭނެކަން ފާހަގަކޮށް ޑރ. ޖަމީލް ވިދާޅުވީ އިސްލާމް ދީނުގެ ދިފާއުގައި ނަފުރަތުގެ ބިލާއި ދެކޮޅަށް ތެދުވަންޖެހޭކަމަށެވެ.
މުރުތައްދުވުމުން މުސްލިމުންގެ ތެރޭގައި އެކުށަށް އަދަބުދެވޭނެ. ނަފްރަތުގެ ބިލުން ރައްޔިތުކަން ދޫކޮއްލާ މީހުންގެ އަމަލުތަކާއި އަދި ބޭރުމީހުން ވަޒަންވެރިވެތިބެ ދީނާއި ދެކޮޅަށް ހިންގާ އަމަލުތައްވެސް ޙިމާޔަތްކުރޭ. އިސްލާމްދީނުގެ ދިފާޢުގައި ބިލާދެކޮޅަށް ތެދުވަންޖެހޭ. pic.twitter.com/RuyXwRiluS
— Mohamed Jameel Ahmed (@MJameelAhmed) June 26, 2021
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހަކީ "ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހެކެވެ. އިސްލާހުގައި، އެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) ގައި ވަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމަކީ ކުށެއްކަމަށެވެ. އަދި އިސްލާހުގެ (1) ވަނަ ނަންބަރުގެ (ii) ގައި ވަނީ، އިސްލާމީ އަޤީދާއާ ގުޅުވާ މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމަކީ ކުށެއްކަމަށެވެ. ބިލުގެ މިބަޔަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނި އަމާޒުވެފައެވެ.
ހުށަހަޅާފައިވާ އިސްލާހުގެ 3 އަދި 4 ވަނަ ނަމްބަރުގައި ވަނީ، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުމާއި، އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ކުށެއްކަމަށެވެ.