Last Updated: November 24, 05:46
Sunday, November 24, 2024
ޚަބަރު ޝަރުއީ ދާއިރާ

ނަދީމްގެ ބޮލަށް ހަމަލާދިނީ މަފާޒެއް ނޫން: ހެކިވެރިއެއް

ނަދީމްގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި މަފާޒު ގ. ޖެލީފިޝްގެއިން ނެރެގެން ގެންދަނީ-- ސަން ފޮޓޯ

ޖުލައި 27، 2017 ވަނަ ދުވަހުގެ ހަވީރު ޓާމިނަލް ކެފޭ ތެރޭގައި އިންދާ ބޮލަށް ވަޅި ހަރައި މަރާލި ހއ. ތަކަންދޫ / އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގެ ހެކިބަސް ނަގާ ނިންމާލައިފިއެވެ.

ނަދީމް މަރާލި މައްސަލައިގައި ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ މުހައްމަދު މަފާޒު ހަސަން ސަލީމްގެ މައްޗަށް ކޮށްފައިވާއިރު ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އަލީ ނިފާޒް، ހުސައިން ޝާމިން އަދި މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށް އުފުލާފައިވެއެވެ.

މި މައްސަލައިގައި މިއަދު ކުރިއަށްގެންގޮސްފައިވަނީ ދައުވާ އުފުލާފައިވާ މީހުންގެ ދިފާއުގައި ހެކި ހުށަހެޅުމެވެ. އެގޮތުން މަފާޒާއި ނިފާޒްގެ ދިފާއުގައި ތިން ހެކިން ހުށަހަޅާފައިވާއިރު ކަރަމްގެ ދިފާއުގައި ދެ ހެކިން ހުށަހަޅާފައިވެއެވެ.

އެގޮތުން މަފާޒާއި ނިފާޒްގެ ދިފާއުގައި ހެކިބަސްދިން ތިން މީހުންނަކީ އެ ދުވަހު އެވަގުތު ޓާމިނަލް ކެފޭގައި ތިބިކަމަށް ބުނާ ތިން މީހުންނެވެ. އެގޮތުން ފުރަތަމަ ހެކިބަސް ދިން މީހާ ބުނެފައިވަނީ އޭނާ މަފާޒް ކުރިންފެށިގެން ދަންނަ ކަމަށާއި، އެގޮތުން މަފާޒް މާސްކެއް އަޅާފައި ހުރި ނަމަވެސް އިނގޭހާ ގާތްކޮށް މަފާޒު ދަންނަ ކަމަށެވެ. އަދި އެދުވަހު ޓާމިނަލް ކެފޭ ގްރައުންޑް ފްލޯގައި އިތުރު ދެ ރައްޓެހިންނާއެކު ކޮފީއެއް ބޯން ތިއްބާ މޫނު ނިވާކޮށްގެންތިބި ދެމީހަކު ޓާމިނަލް ކެފޭއަށް ވަދެފައިވާކަމަށާއި، އަދި އޭނާ އިން މޭޒު ކައިރީގައި އިން ނަދީމަށް އެކަކު ހަމަލާ ދިންކަމަށެވެ. ނަދީމުގެ ބޮލަށް ވަޅިން ހަމަލާދިން މީހާ ހުރީ އިސްތަށިގަނޑާއި މޫނު ނިވާވާގޮތަށް މާސްކް އަޅައިގެން ކަމަށާއި، އެހެންނަމަވެސް އެއީ މަފާޒު ނޫންކަން އެނގޭކަމަށް ބުނެފައިވެއެވެ. ހެކިވެރިޔާ ބުނީ އެދުވަހު ކެފޭއަށް ވަތް ދެމީހުންގެ ތެރެއިން ވަޅި އޮތީ އެކަކުގެ އަތުގައި ކަމަށާއި، އެމީހާ ނަދީމަށް ހަމަލާދިން ކަމަށެވެ. އަދި ދެން ހުރި މީހާ އެތަނުގައި ހުރި އެއްޗެހި އުކާ ހެދި ކަމަށެވެ.

ހެކިވެރިޔާއާ މަފާޒުއާ ހުރި ގާތްކަމާ ގުޅޭގޮތުން ދައުލަތުން ސުވާލު ކުރުމުން ހެކިވެރިޔާ ބުނެފައިވަނީ އޭނާ މަފާޒު ކުޑައިރުން ފެށިގެން ދަންނަކަމަށާއި، ބައިބަލާ މުބާރާތްތަކުން ދިމާވެ ކޮފީތަކުންވެސް ދިމާވާކަމަށެވެ. މީގެ އިތުރުން މި މައްސަލައިގައި ދައުވާ އުފުލާފައިވާ ނިފާޒްއާ ގުޅޭގޮތުން ސުވާލު ކުރުމުން ހެކިވެރިޔާ ބުނީ ނިފާޒްއާ އެހާ ގާތްނޫންކަމަށާއި، އެހެންނަމަވެސް އޭނާވެސް ފެންނަކަމަށެވެ. ހަމަލާ ދިން ދުވަހު މަފާޒް އަދި ނިފާޒާ ދިމާވިތޯ ދައުލަތުން ހެކިވެރިޔާ ކުރެން ސުވާލު ކުރުމުން ހެކިވެރިޔާ ބުނެފައިވަނީ އެ ދުވަހު އެދެމީހުންނާވެސް ބައްދަލު ނުވާކަމަށެވެ. އެހެންނަމަވެސް ދައުލަތުން ވަނީ ނިފާޒު ދިން ބަޔާނެއްގައި އެ ހެކިވެރިޔާއާ އެދުވަހު ބައްދަލުވި ވާހަކަ ދައްކާފައި އޮތްކަން ހާމަކޮށްފައެވެ.

ހަމަލާދޭން ވަތް މީހުން ސިފަ ކުރަމުން ހެކިވެރިޔާ ބުނީ ހަމަލާދޭން ވަތް ދެ މީހުން އެހާ ދިގުވެސް ނޫންކަމަށާއި، އަދި އެހާ ކުރުވެސް ނޫންކަމަށެވެ. އަދި އެ ދެ މީހުންނަކީ މެދުމިނުގެ ދެ މީހުންކަމަށެވެ.

މަފާޒާއި ނިފާޒްގެ ދިފާއުގައި ހެކިބަސްދިން ދެވަނަ ހެކިވެރިޔާ ބުނީ އެތިން މީހުން ކޮފީއެއް ބޯން ތިބީ ކެފޭގެ ތިރީބައިގައި ކަމަށާއި، އެހެންތިއްބާ މޫނު ނިވާކޮށްގެން ތިބި ދެމީހުން ކެފޭއަށް ވަދެ ނަދީމަށް ހަމަލާދިންކަމަށެވެ. ދެވަނަ ހެކިވެރިޔާ ބުނިގޮތުންނަމަ ހަމަލާދޭން ވަތްމީހުންގެ ތެރެއިން އެކަކު ކުޑަކޮށް ދިގެވެ. އަދި ދެން ހުރި މީހާ އެހާ ދިގު ނޫންކަމަށް ހެކިބަސްދިނެވެ. އެހެންނަމަވެސް އެމީހުން މާސްކް އަޅާ މޫނާއި އިސްތަށިގަނޑު ނިވާކޮށްފައި އޮތުމުން އެއީ ކޮންބައެއްކަން ނޭނގޭ ކަމަށެވެ.

ފުރަތަމަ ހެކިބަސްދިން ދެމީހުންނާ ހިލާފަށް ތިން ވަނައަށް ހެކިބަސްދިން މީހާ ބުނެފައިވަނީ އެ ތިން މީހުން ކޮފީ ބޯން ތިބީ ކެފޭގެ މަތީގައި ކަމަށެވެ. އަދި ހަމަލާދޭން ކެފޭއަށް ވަދެފައިވަނީ ދެ މީހުންނަކީ ހިކި ދެމީހުންކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް އެމީހުން މާސްކް އަޅާފައި ތިބުމުން އެއީ ކޮންބައެއްކަން ނޭނގޭކަމަށާއި، އެމީހުންނަކީ މެދު މިނުގެ އިސްކޮޅެއްގެ ބައެއްކަމަށް ހެކިބަސްދީފައިވެއެވެ.

ކަރަމްއާ އެކު އެދުވަހު އުޅުނު ކަމަށްބުނާ ހެއްކެއް

މި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ މުހައްމަދު ކަރަމް ސުހައިލްގެ ދިފާއުގައި މިއަދުގެ ޝަރީއަތަށް ދެހެކިން ހެކިބަސް ދީފައިވާއިރު އޭގެތެރެއިން ފުރަތަމަ ހެކިވެރިޔާ ބުނެފައިވަނީ ހަމަލާ ދިން ދުވަހުގެ އިރުއޮއްސި 06:00 އާއި 07:00 އާއި ދެމެދުގެ ވަގުތެއްގައި ކަރަމް އިތުރު މީހެއްގެ ސައިކަލުގެ ފަހަތުގައި ރާނބާ ރެސްޓޯރެންޓް ކައިރިން ލާފައިދަނިކޮށް ފެނުނުކަމަށެވެ.

ދެން ކަރަމްގެ ދިފާއުގައި ހުށަހެޅި ހެއްކަކީ އޭނާއާއި އެކު ސައިކަލުގައި އުޅުނުކަމަށް ބުނާ މީހާއެވެ. އެގޮތުން ހެކިބަސްދެމުން ހެކިވެރިޔާ ބުނެފައިވަނީ އެދުވަހު 05:15 އިން ފެށިގެން އިރުއޮއްސުމާ ހަމައަށް އުޅުނީ ކަރަމް ގޮވައިގެން ސައިކަލުގައި ކަމަށެވެ. އެގޮތުން ކަރަމް އިނީ އޭނާގެ ސައިކަލުގެ ފަހަތުގައި ކަމަށާއި، އަދި އެ ދެމީހުން މާފަންނުގެ އެކި މަގުތަކުގައި ދުއްވާފައިވާކަމަށެވެ. އަދި މާފަންނު ނޫން އެހެން ހިސާބަކަށް ނުދާކަމަށެވެ. އަދި އެއަށްފަހު 06:30 ހާއިރު ކަރަމް ދިރިއުޅޭ ގެ ކައިރިޔަށް އޭނާ ބޭލި ކަމަށާއި، އަދި ކަރަމް ގެޔަށް ވަނުމުން ދިޔަ ކަމަށެވެ. ކަރަމް އެދުވަހު ލައިގެން ހުރި އަންނައުނާ ގުޅޭގޮތުން ދައުލަތުން ސުވާލު ކުރުމުން ހެކިވެރިޔާ ބުނެފައިވަނީ ގިނަ ދުވަސް ވެފައިވުމުން ކަރަމް އެދުވަހު ލައިގެން ހުރި އަންނައުނު އަދި ކުލަ ނޭނގޭކަމަށެވެ.

ދެ ސިއްރު ހެއްކެއްގެ ސިޓީ ކޯޓަށް

މިމައްސަލައިގައި ހިމެނޭ ހުރިހާ ހެކިންގެ ހެކިބަސް މިހާރު ނަގާ ނިމިފައިވާއިރު ދައުލަތުން މީގެ ކުރިން ވަނީ ބައެއް ސިއްރު ހެކިވެސް ހުށަހަޅާފައެވެ. އަދި އެދުވަސްވަރު މާލޭގައި ސިލްސިލާ މާރާމާރީތަކެއް ހިނގާފައިވާއިރު، ފުލުހުންގެ އިންޓެލް ރިޕޯޓަކާ ހަވާލާދީ ދައުލަތުން އޭރު ބުނެފައި ވަނީ އެ މާރާމާރީތައް ގުޅެނީ މި މައްސަލައިގައި ދޭ ހެކިބަހާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މައްސަލައިގައި ހެކިބަސް ނަގާފައިވާކަމަށް ބެލެވޭ ދެ ފަރާތެއްގެ ސިޓީ ކޯޓަށް ލިބިފައިވާކަމަށާއި އަދި އެއީ ސިއްރު ހެކިންކަމަށް ބެލުމުގެ ފުރުސަތު އޮތްކަމަށެވެ. އެހެންކަމުން އެ ސިއްރު ހެކިން ކޯޓަށް ހާޒިރުކޮށް އެއީ އެމީހުންގެ ސިޓީތަކެއްތޯ ބަލާ ސާފުކުރަން ބޭނުންވާތީ އެމީހުން ކޯޓަށް ހާޒިރުކުރުމަށް ދައުލަތުގެ ކިބައިން ގާޒީ އެދިވަޑައިގަތެވެ.

އެހެންނަމަވެސް ދައުލަތުން ވަނީ އެ ސިއްރުހެކިން ކޯޓަށް ހާޒިރު ކުރުމަށް ދެކޮޅު ހަދާފައެވެ. އެގޮތުން ކުރިން ހިނގާފައިވާ މާރާމާރީތަކާއި އިންޓެލް ރިޕޯޓާއި ގުޅިގެން އެ ހެކިން ކޯޓަށް ހާޒިރުކުރުމަށް ދެކޮޅު ހަދާކަމަށާއި، އެ ނޫން ގޮތަކުން އެއީ އެމީހުންގެ ސިޓީތޯ ޔަގީންކުރެވޭނެ ގޮތަކަށް ކަންކަން ކުރެއްވުމަށް ދައުލަތުން އެެދުނެވެ. އެގޮތުން ސޮއި ނުވަތަ އިނގިލީގެ ނިޝާން ފަދަ ގޮތަކުން އެކަން ޔަގީން ކުރުމަށް ހުށަހެޅިއެވެ.

އެހެންނަމަވެސް ދިފާއީ ވަކީލު ވަނީ ދައުލަތުގެ ހުށަހެޅުމުން އެކަމަށް ގިނަ ވަގުތު ހިނގާނެކަން ފާހަގަކޮށް މައްސަލަ ބައްލަވާ ގާޒީ ހުށަހެޅުއްވި ގޮތަށް ހެކިވެރިން ކޯޓަށް ހާޒިރުކޮށް އެކަން ސާފުކުރުން ރަނގަޅުކަމަށް ވިދާޅުވެފައެވެ.

ދެފަރާތުން އެކަމުގައި ވާހަކަ ދެއްކުމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އެކަމާމެދު ފަހުން ގޮތެއް ނިންމަވާނެކަމަށެވެ.