ރައްޔިތުންގެ މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން ފުލުހުން ހަރުކަށި ފިކުރާ ދެކޮޅަށް ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި އައްޑޫސިޓީން ހައްޔަރުކުރި ގއ. ކޮލަމާފުށި މަފްތޫހް ސައީދުގެ ބަންދު އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.
މަފްތޫހު ސައީދު ހައްޔަރުކޮށްފައިވަނީ، އައްޑޫސިޓީގައި ވަކި ޖަމާއަތެއްގެ ގޮތުގައ ހަރުކަށި ފިކުރު ފެތުރުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ އައި.އީ.ޑީ ހެދުމަށް ބޭނުންކުރާ ތަކެތި ރައްކާކޮށްގެން ގެންގުޅެ، އެ ތަކެތި ބޭނުންކޮށްގެން ބަޔަކަށް ނުވަތަ ބައެއްގެ މުދަލަށް ގެއްލުމެއް ދީފާނެކަމަށް ތުހުމަތު ކުރެވިގެންނެވެ. މަފްތޫހް ސައީދުގެ މައްސަލައިގައި ހައިކޯޓުން ހެކިތަކާ ގުޅޭގޮތުން މައްސަލައިގެ ރިޕޯޓްގައި ބުނެފައިވަނީ، ބަލާފާސްކުރުމުގެ ތެރޭގައި އަތުލިޔުމުން އިނގިރޭސިބަހުން ލިޔެފައި އޮތް ޑޮކިއުމެންޓެއް ފެނިފައިވާކަމަށާއި، އެ ޑޮކިއުމެންޓްގައި "އެބައިމީހުންގެ ލޭ އޮހޮރުވާލެވޭހިނދު، އެބައިމީހުންގެ ފާފަފަތައް ފޮހެވިގެންދެއެވެ." އަދި މި ނޫންވެސް މިފަދަ އިބާރާތްތައް ހިމެނޭ ކަމަށެވެ.
މަފްތޫހުގެ ބަންދު ކުރުމަށް ނިންމި މައްސަލައަށް ހައިކޯޓުން ތާއީދުކުރުމުން އޭނާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އެގޮތުން ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ މަފްތޫހް ސައީދު ބަންދުކުރުމަށް ހައިކޯޓުން ނެރެފައިވާ އަމުރަކީ ބާތިލު އަމުރެއް ކަމަށެވެ. އަދި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓް ފިޔަވައި މަފްތޫހު ސައީދުގެ މައްޗަށް ތަހުގީގުގައި އެހެނިހެން ހެކި ލިބިފައިވާނަމަ އެ ހެކިތަކަށް ރިއާޔަތްކޮށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން މަފްތޫހު ސައީދުގެ ބަންދުގެ މުއްދަތު އިތުރުކުރަންޖެހޭތޯ ބެލުމަށް، މި މައްސަލަ އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު ފުލުހުންގެ ހިދުމަތަށް ލިބިގެންވާ ކަމަށެވެ.
އައްޑޫސިޓީގައި ހަރުކަށި ފިކުރާ ދެކޮޅަށް ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި މަފްތޫހްގެ އިތުރުން ހައްޔަރުކުރީ އިއުތިސާމް މުހައްމަދު ސައީދު، ގަމަރީ/ ގދ. މަޑަވެލި، ހަސަން ޝިހާނު އިބްރާހިމް، ކާކީގެ/ ސ. ހިތަދޫ، އަބްދުﷲ ހައިޝަމް، ސައީދާމަންޒިލް/ ސ. މީދު އަދި މުހައްމަދު ތަސްލީމް، އަލަނާސިގެ/ ހއ. ހޯރަފުށިއެެވެ.