ނޭވާލާން އުނދަގޫ ވުމުގެ ސަބަބުން ހޮސްޕިޓަލްގައި އެޑްމިޓް ކުރުމަށްފަހު ދޫކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަނެއްކާވެސް ދިލިޕް ކުމާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފިއެވެ.
ނޭވާލާން އުނދަގޫ ވުމުގެ ސަބަބުން ދިލިޕް ކުމާރު އެޑްމިޓް ކުރެވިފައިވަނީ މުމްބާއީގެ ހިންދޫޖާ ހޮސްޕިޓަލުގައެވެ.
ހިންދޫޖާ ހޮސްޕިޓަލްގެ ޑޮކްޓަރު ޖަލީލް ޕާކަރްއާއި ހަވާލާދީ އިންޑިއާ ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާރު ދިލިޕްއަށް ދަނީ ފަރުވާ ދެމުންނެވެ. އަދި އެ ޑޮކްޓަރު އިތުރު މައުލޫމާތު ހިއްސާ ކުރުމަށް އިންކާރު ކޮށްފައިވާ ކަމަށް ވެސް އެ ނޫހުން ރިޕޯޓް ކޮށްފައިވެއެވެ.
98 އަހަރުގެ ދިލިޕް ޖޫން 6 ވަނަ ދުވަހު ވެސް ނޭވާލާން އުނދަގޫވެގެން ވަނީ އެޑްމިޓް ކުރެވިފައެވެ. އެހެން ނަމަވެސް ފަރުވާ ދިނުމަށްފަހު އޭނާ ދޫކޮށްލާފައިވަނިކޮށް އަނެއްކާ ވެސް މިހާރު ހަމަ އެ މައްސަލަ ދިމާވެގެން ދިލިޕް ހޮސްޕިޓަލަށް ގެންދިޔައީއެވެ. މި ފަހަރު އޭނާއަށް އައިސީޔޫގައި ފަރުވާ ދެމުންދަނީ ގާތުން އޭނާގެ ކަންތައް ބެލުމަށްޓަކައި ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.
ގިނަ ބަޔަކު ދަނީ ދިލިޕް ކުމާރަށް އަވަސް ޝިފާއަކަށް އެދެމުންނެވެ. ދިލިޕްގެ އަނބިމީހާ ސާއިރާ ބާނޫ ވަނީ އޭނާގެ ފިރިމީހާއަށް ހެޔޮދުޢާ ކޮށްދޭ އެންމެހާ ފަރާތްތަކަށް ޝުކުރުއަދާ ކޮށްފައެވެ.