ކޮވިޑް 19 ގެ ސަބަބުން އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ފަރާތުން ޗައިނާގެ ބޯޑަރު ބަންދު ކުރުމަށް އެންގުމުންނާއި އަދި 2020 ވަނަ އަހަރު ދިމާވި ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި ދަނޑުތައް ހަލާކުވުމުގެ ސަބަބުން އުތުރު ކޮރެއާގެ ރައްޔިތުންނަށް ކެއިންބުއިމަށް ދަތިވެ އެ ޤައުމު ބަނޑުހައިހޫނުކަމާއި ހަނގުރާމަ ކުރަން ފަށައިފިއެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ ޖޫން މަހުގެ ތެރޭގައި އެ ޤައުމުގެ މަސައްކަތް ކުރާ މީހުން ތަމްސީލްކުރާ ޕާޓީގެ ސެންޓްރަލް ކޮމިޓީއާއެކު ބޭއްވި ބައްދަލުވުމެއްގައި ވެސް މިހާރު އޮތް ހާލަތު ހިއްސާ ކުރައްވާފައެވެ.
ކިމް މީޑިއާތަކަށް ދިން މައުލޫމާތުގައި ބުނެފައިވަނީ ރައްޔިތުންނަށް ކާން ބޭނުންވާ ވަރަށް މިހާރު ޤައުމުގައި ކާތަކެތި ނެތް ކަމަށެވެ. އަދި ދަނޑުވެރިން ވަނީ ފެއިލްވެފައި ކަމަށެވެ. ސަބަބަކަށް އޭނާ ބުނެފައިވަނީ މިދިޔަ އަހަރު ދިމާވި ތޫފާނެވެ. އަދި މީގެ އިތުރުން ކޮވިޑް 19 ގެ ހާލަތަކީ ވެސް އެކަން އެގޮތަށް ދިމާވި ސަބަބެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.
ތަޖުރިބާކާރުން ކުރި ދިރާސާތަކަށް ފަހު ބުނެފައިވާ ގޮތުގައި އުތުރު ކޮރެއާގައި މިއަދު ހައިހޫނު ކަމުގައި އުޅެމުން ދަނީ އުމުރު ހަމަ ނުވަނީސް ބޮޑު މީހުންގެ ގޮތުގައި އުޅުމަށް މަޖުބޫރުވެފައިވާ ކުޑަކުދިން ގިނަ ވުމުގެ ސަބަބުންނެވެ. 7 އަހަރުން ދަށުގެ ކުދިން މާބަނޑުވެ އެތައް ކުދިންނެއް ދަރިމައިން ގޮތުގައި އެ ޤައުމުގައި އުޅެމުން އެބަދެއެވެ. މިއީ މިފަދަ ހާލަތަކަށް ގައުމު ވެއްޓުނު މުހިއްމު ސަބަބެއް ކަމަށް އެ ފަރާތްތަކުން ހާމަ ކުރެއެވެ.
ރިޕޯޓްތަކުން ދައްކާ ގޮތުގައި 2020 ވަނަ އަހަރު އެ ގައުމަށް ކާބޯތަކެތީގެ 5.2މިލިއަން ޓަން ބޭނުންވެފައިވީ ނަމަވެސް އުފެއްދިފައިވަނީ ނުވަތަ ލިބިފައިވަނީ އެންމެ ޓަނެއްގެ ކާބޯތަކެެއްޗެވެ.
އުތުރު ކޮރެއާގެ 10 މިލިއަން މީހުންނަށް ބޭނުންވާ ވަރަށް ކާބޯތަކެތި ނުލިބެއެވެ. އެހެން ވުމުގެ ސަބަބުން ތަފާތު ސިއްހީ މައްސަލަތައް ކުރިމަތިވެފައިވާ 140000 ކުޑަކުދިން އެ ގައުމުގައި އެބަތިއްބެވެ.
ސަލާން ޖަހައިގެން އުޅޭ މީހުންގެ އަދަދު އިންތިހާއަށް އިތުރު ވެފައިވާ އުތުރު ކޮރެއާގައި ގިނަ އަދަދެއްގެ ސަލާން ޖަހާމީހުން ވަނީ މިދިޔަ އަހަރު ހައިހޫނުކަމުގައި މި ދުނިޔެ ދޫކޮށްފައި ކަމަށް ވެސް ރިޕޯޓްތައް ބުނެއެެވެ.