އަމީތާބް ބައްޗަން އާއި ރޭކާގެ ވާހަަކަ އަޑު އިވޭ އިރަށް ގިނަ ބައެއްގެ ހަނދާނަށް ގައިމު ވެސް އަންނާނީ ޔާޝް ޗޯޕްޅާގެ "ސިލްސިލާ" ގެ ލަވައެއްގައި ދެ ތަރިން ޓިއުލިޕް ދަނޑެއްގައި ކިޔާ އަސަރު ގަދަ ލަވަ އެވެ.
އެ ފިލްމަކީ ރޭކާ އާއި އަމީތާބް އެންމެ ފަހުން އެކުގައި ސްކްރީނުން ފެނުނު ފިލްމް ވެސް މެ އެވެ. އެއީ މީގެ 32 އަހަރު ކުރިން 1981 ގައި ޔާޝް ގެނެސް ދިން އެންމެ އަސަރު ގަދަ ލޯވީގެ ފިލްމްތަކުގެ ތެރޭގައި ހިމެނޭ "ސިލްސިލާ" އިންނެވެ.
އެ ފިލްމްގެ ކުރިން އަމީތާބާއި ރޭކާއަކީ އެކުގައި ގިނަ ފިލްމްތަކެއް ކުޅެގެން ބެލުންތެރިންގެ މަގުބޫލް ޖޯޑްގެ ގޮތުގައި ވެސް ބެލެވިފައިވާ ދެ ފަންނާނުންނެވެ.
އެހެން ނަމަވެސް ރޭކާ އާއި އަމީތާބްގެ ޖާދޫ "ސިލްސިލާ" އަށް ފަހު އެއްެވެސް ޑައިރެކްޓަރަކަށް އަދި ޕްރޮޑިއުސަރަކަށް އަލުން ސްކްރީނަށް ގެނެވޭ ގޮތެއް ނުވެ އެވެ. މިކަމަށް ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެއް ފިލްމެއްގައި މަސައްކަތް ކުރަން ދެ ތަރިން ވެސް އެއްބަހެއް ނުވެ އެވެ.
ފަހަރުގައި އެއީ ދެ ތަރުންގެ މެދުގައި ކުރިން ހިނގާފައި އޮތް "ލޯބީގެ ކުޅިގަނޑު" ގެ ސަބަބުން ކަމަށް ވެސް ވެދާނެ އެވެ.
އެކަމަކު ބެލުންތެރިން އަބަދުވެސް އިންތިޒާރު ކުރާ އަދި އުންމީދު ކުރާ އެއް ކަމަކީ އަމީތާބާއި ރޭކާ އަލުން އެކުގައި ސްކްރީނުން ފެނުމެވެ.
މިކަމަށް ދާދި ފަހުން އެންމެ ބޮޑަށް މަަސައްކަތް ކުރި އެއް ޑައިރެކްޓަރަކީ "ވެލްކަލް" އާއި "ނޯ އެންޓްރީ" ފަދަ ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ އަނީސް ބަޒުމީ އެވެ.
އަޭނާގެ "ވެލްކަމް" ގެ ސީކްއެލް "ވެލްކަމް ބެކް" ގެ މުހިއްމު ދެ ރޯލަަށް އަމީތާބާއި ރޭކާ ގެންނަން ވަރަށް ބޮޑަށް މަސައްކަތް ކުރެވުނެވެ. އެކަަމަކު އަނީސަށް އެކަމެއް ކާމިޔާބެއް ނުވި އެވެ.
އެހެންވެ ފިލްމްގެ މަސައްކަތް ނިންމަން އެންމެ ފަހުން ޖެހުނީ ނަސީރުއްދީން ޝާހާއި ޑިމްޕަލް ކަޕާޑިއާ ހިމަނައިގެންނެވެ.
"ވެލްކަމް ބެކް" ގެ ލީޑް ރޯލް ކުޅެނީ ޖޯން އަބްރަހަމް އާއި ޝްރޫތީ ހަސަން އެވެ. އަދި "ވެލްކަމް" އާ އެއްގޮތަށް އަނިލް ކަޕޫރާއި ނާނާ ޕަޓޭކަރު ވެސް ސީކްއެލް އިން ފެނިގެން ދާނެ އެވެ.
ކޮންމެއަކަސް "ވެލްކަމް ބެކް" އަށް އަމީތާބާއި ރޭކާ ގެންނަން އަނީސް ކުރި ފްލޮޕް މަސައްކަތް ޑައިރެކްޓަރު/ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ ވަނީ ހިޓްކޮށްފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމަކަށް އަމީތާބާއި ރޭކާ ވަނީ ސޮއިކޮށްފަ އެވެ. އަދި އެ ފިލްމުގައި ދެ ތަރިން އެކުގައި މުހިއްމު ރޯލްތަކުން ފެނިގެން ދާނެ އެވެ.
އެކަމަކު މި ފިލްމާ ބެހޭ ގޮތުން އަދި މިހާތަނަށް އެެއްވެސް ތަފުސީލެއް ނުލިބެ އެެވެ. ވައިއާރްއެފުން ވެސް މިކަމާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.
އެހެން ނަމަވެސް މިއީ ތެދަކަށް ވެއްޖެ ނަމަ އަދިތިޔާ ވެގެން ދާނީ އޭނާގެ މަރުހޫމް ބައްޕަ ޔާޝް ފަދައިން ރޭކާ އާއި އަމީތާބްގެ ޖޯޑް ބެލުންތެރިންނާ ހަމައަށް ގެނެސް ދޭނެ ފުރަތަމަ ޑައިރެކްޓަރަކަށެވެ.
ނިކަން ވާ ގޮތެއް ބަލަން އިންތިޒާރު ކުރަމާ ހިނގާށެވެ.