Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު ޝަރުއީ ދާއިރާ

ހުރުމަތް ކަނޑައިގެން ފުލުހުންގެ އިދާރާ 3000ރ އިން ޖުރިމަނާ

ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހެއް--

ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލިސް ދޫކޮށް ދިޔުމުން ޝަރީއަތުގެ ހުރުމަތް ކެނޑިކަމަށް ބަލާ ދިވެހި ފުލުހުންގެ ހިދުމަތް ޖުރިމަނާ ކޮށްފިއެވެ.

ފުލުހުންގެ އިދާރާ ޖުރިމަނާ ކޮށްފައިވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމާ ގެންގުޅުމާއި ބޭނުންކުރުމުގެ ތުހުމަތު ކުރެވޭ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓުގައި އިއްޔަ ބޭއްވި އަޑުއެހުމުގެ ތެރެއިންނެވެ.

އެ އަޑުއެހުމުގައި އިން ފުލުހަކު ޝަރީއަތުގެ އަދަބުތަކާ ހިލާފަށް ޝަރީއަތުގައި އެއްޗެއް ކާން އިނުމުން ގާޒީ ދީބާނާޒު ފަހުމީ ވަނީ އަނގަ ސާފުކޮށްގެން ޝަރީއަތުގެ މަޖިލީހަށް ވަނުމަށް އެ ފުލުސް މިހާއަށް އަންގާފައެވެ.

އެ ފުލުސް މީހާ އަނގަ ސާފުކޮށްގެން އެނބުރި ޝަރީއަތަށް ވަނުމަށްފަހު ބަންދު އަޑުއެހުން ކުރިއަށްދަނިކޮށް ގާޒީގެ ހުއްދަޔާ ނުލާ ޝަރީއަތުގެ މަޖިލިސް ދޫކޮށް ނިކުވެފައިވެއެވެ. އަދި އަލުން އަނބުރާ އަޑުއެހުމަށް ވަނުމުން، ގާޒީ ވަނީ އެ ފުލުސް މީހާ ޝަރީއަތުގެ މާލަން ދޫކޮށްދިޔައީ ހުއްދަ ނެތި ކަމަށްވުމުން އެކަމަކީ ޝަރީއަތުގެ ހުރުމަތް ކެނޑުންކަމަށް ކަނޑައަޅާ އަދަބެއްގެ ގޮތުން 3000 ރުފިޔާއިން ދިވެހި ފުލުހުންގެ ހިދުމަތް ޖުރިމަނާ ކޮށްފައެވެ.

ކޯޓުގެ ހުރުމަތް ކެނޑޭފަދަ ކަމެއްކޮށްފިނަމަ އަދަބެއްގެ ގޮތުން 15 ދުވަހަށް ވުރެއް ދިގު ނޫން މުއްދަތަކަށް ޖަލަށް ލުން، ނުވަތަ ގިނަވެގެން އެއް މަސްދުވަހަށް ގޭ ބަންދުކުރުން ނުވަތަ 10،000 ރުފިޔާއަސް ވުރެއް ބޮޑު ނޫން އަދަދަކުން ޖުރިމަނާކުރުމުގެ އިހްތިޔާރު ގާޒީއަށް ލިބިގެންވެއެވެ.