ފުވައްމުލަކު ސިޓީގައި ދޮންދަރިއަށް ޖިންސީ ގޯނާ ކުރި މީހަކަށް 32 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެފައިވަނީ، ފުވައްމުލަކުގައި ދޮންދަރިއަކަށް ޖިންސީ ގޯނާ ކުރި 52 އަހަރުގެ ފިރިހެނެއްގެ މައްޗަށް އުފުލި ހަތަރު ދައުވާ ސާބިތުވެފައިވާކަމަށެވެ.
އެ ހަތަރު ދައުވާ އޭނާގެ މައްޗަށް ސާބިތުވުމާ ގުޅިގެން 32 އަހަރާއި އެއް މަހާއި 27 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާކަމަށެވެ.
A 52 y/o male just got convicted of 4 counts of sexual offences against his stepdaughter in FVM. Sentenced to 32 years, 1 month and 27 days in prison! I am proud of our work in South. Case was handled at @PGO_MV in Addu. Good team effort by Prosecutors, @PoliceMv & @MoGFSSmv
— Hussain Shameem (@HuShameem) July 1, 2021
އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ މެއި 2019 އިން ފެށިގެން ޖުލައި 2020 ގެ ނިޔަލަށްކަމަށާއި، އެ މައްސަލައިގައި އޭނާ ހައްޔަރު ކޮށްފައިވަނީ ޖުލައި 2020 ގައި ކަމަށެވެ. އަދި އެ މައްސަލަ ޕީޖީން ކޯޓަށް ހުށަހަޅާފައިވަނީ އޮގަސްޓް 2020 ގައި ކަމަށްވެސް ޕީޖީ ޝަމީމް ވިދާޅުވެފައިވެއެވެ.
ދޮން ދަރިއާ ބެހުނު މައްސަލައިގައި ދައުވާ އުފުލާފައިވަނީ ޢަބްދުﷲ ޢަލީ މޫސާގެ މައްޗަށެވެ. އޭނާގެ މައްޗަށް 19 އޮގަސްޓް 2020 ދުވަހު ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ދަޢުވާތަކުގެ ތެރޭގައި ހިމެނެނީ، މީހަކު، ކުޑަކުއްޖަކަށް އެމީހެއްގެ ޖިންސީ ގުނަވަނެއްކަމަށް ބެލެވޭ އެއްވެސް ތަނެއް ދެއްކުމުގެ ކުށުގެ ދައުވާ، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، ޖިންސީ ޢަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުމުގެ ކުށުގެ ދައުވާ، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އަދި ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.