އިންޑިއާގައި ކޮވިޑް-19 ޖެހިގެން މިހާތަަނަށް މަރުވި މީހުންގެ އަދަދު 4 ލައްކައިން މައްޗަށް އަރައިފިއެވެ.
މިދިޔަ އަހަރު ކޮވިޑް އިންޑިއާއިން ފެނުމާއި ހަމައިން އެ ގައުމުން ވަނީ މިހާތަނަށް 30.45 މިލިއަން ކޭސް ފެނިފައެވެ. މިއީ ދުނިޔޭގެ ކޮވިޑަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދެވަނަ ޤައުމެވެ. އެއްވަނައިގާ އޮތީ 33 މިލިއަން ކޭހާއިއެކު އެމެރިކާއެވެ.
އެމެރިކާއިން މިހާތަނަށް މިބަލީގައި 604،000 މީހުން ވަނީ މަރުވެފައެވެ. އަދި ބްރެޒިލްއިން 518،000 މީހުން ވަނީ މަރުވެފައެވެ. ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ގިނަ އިންޑިއާއިން ފާއިތުވި 24 ގަޑިއިރު ތެރޭގައި އެކަނި ވެސް 853 މީހުން ވަނީ މަރުވެފައިވާ ކަމަށް ހެލްތް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ. 4 ލައްކައަށް މަރުވި މީހުންގެ އަދަދު އަރާފައިވަނީ 39 ދުވަހުގެ ތެރޭގައި އެއްލައްކަ މީހުން އިތުރު ވެގެންނެވެ.
ތަޖުރިބާ ކާރުން ބުނާ ގޮތުގައި އިންޑިއާގައި މަރުވާ މީހުންގެ އަސްލު އަދަދު ނޭނގޭނެއެވެ. އެ ގޮތުން އެ އަދަދު މިލިއަނަކަށް ނުވަތަ އެއަށްވުރެ ގިނަވުން ގާތްކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.
މިދިޔަ މެއި މަހު އިންޑިއާގައި މަރުވާ މީހުންގެ އަދަދު އިތުރުވެގެން އެންދުމުގެ އިންތިޒާމްތަކަށް ބުރޫއަރާ ގިނަ ބަޔަކު ވަނީ މަރުވެފައިވާ ހަށިގަނޑުތައް ގަންގާ ކޯރަށް އުކާލާފައެވެ. އެ ކޯރު ތެރެއިން އެތައް ސަތޭކަ މަރުވެފައިވާ އިންސާނުންގެ ހަށިތައް ފެނުން ވެގެންދިޔައީ ދުނިޔޭގެ ސަމާލުކަން އެކަމަށް ހުއްޓުނު ކަމަކަށެވެ.
އިންޑިއާގައި ކޮންމެވެސް ވަރަކަށް ކޮވިޑްގެ ކަންތައް ލުއިތަކެއް ލިބިގެންދާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް އިންޑިއާގެ ބައެއް ހިސާބުތަކުގައި އަދިވެސް ކޮވިޑްގެ ބިރު ވަރަށް ބޮޑެވެ.