މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. އެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުންވެސް މަސައްކަތްތަކެއް ކުރަމުން އަންނައިރު، އަތްފޯރާ ފަށުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގެވެސް މުހިންމު ޕްލޭންތަކެއް ހުރިކަން މިވަނީ ހާމަކޮށްފައެވެ.
މާލެ ސިޓީ ކައުންސިލުން ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލު ހޯދުމަށް ގެންގުޅޭ ވިސްނުތައް ހާމަކޮށް "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ މުހިންމު މަސައްކަތްތަކެއް ޕްލޭންގައި ހުރިކަން ހާމަކުރައްވާފައެވެ.
ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ކައުންސިލްގެ ކުންފުންޏެއް!
ކައުންސިލްތަކުގެ މަސައްކަތްތައް ކުރުމަށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި "ލޯކަލް އޮތޯރިޓީ ކުންފުނި" އުފެއްދުމުގެ ބާރު ކައުންސިލްތަކަށް ދީފައިވެއެވެ.
މޭޔަރު މުއިއްޒު ވިދާޅުވީ އެފުރުސަތުގެ ބޭނުންކޮށް، ހައުސިން ޕްރޮޖެކްޓްތައް ހިންގުމަށް އަދި އިންފްރާސްޓްރަކްޗާގެ ޕްރޮޖެކްޓްތައް ހިންގުމަށް ކުންފުންޏެއް އުފެއްދުމަށް ސިޓީ ކައުންސިލުން ނިންމާފައިވާކަމަށެވެ. އެ ކުންފުނީގެ ބޭނުމަކަށްވާނީ ބޮޑެތި މަސައްކަތްތައް ކުރުމުގައި ސަރުކާރު ބަޖެޓަށް ހަމައެކަނި ބަރޯސާވުމުގެ ބަދަލުގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދެމެހެއްޓެނިވި ގޮތަކަށް ކަންކުރުން ކަމަށެވެ. އަދި އުންމީދު ކުރަނީ މި އަހަރުތެރޭގައި ކުންފުނި އުފެއްދޭނެކަމަށްކަމަށް މުއިއްޒު ވިދާޅުވިއެވެ.
"ސަރުކާރަށްވެސް އޭގަ ރަނގަޅުވާނީ އަޅުގަނޑުމެން [ސިޓީ ކައުންސިލުން] އަމިއްލަ ފައިމައްޗަށް ތެދުވެގެން، މިކަހަލަ ކަންތައް ކުރެވޭ ގޮތަކަށް ވެއްޖިއްޔާ ސަރުކާރަށްވެސް އޭގަ ދޭންޖެހޭ ސަޕޯޓް ދިނުމަށްވެސް ފަސޭހަވާނެ." މޭޔަރު މުއިއްޒު ވިދާޅުވިއެވެ.
ހައުސިން ސަބްސިޑީ އަދި ހައުސިން ލޯން ދޫކުރުމުގެ ވިސްނުން!
މުއިއްޒު ވިދާޅުވީ ވިސްނުންފުޅުހުރީ ކަންކަން ކުރިއަށްދާވަރަކުން ހައުސިން ސަބްސިޑީ އަދި ހައުސިން ލޯންވެސް ރައްޔިތުންނަށް ދޫކުރުމަށްކަމަށެވެ.
އެގޮތުން އެޗްޑީއެފްސީއާއި ފައިނޭންސިން ބޮޑީޒްތަކާއި ވާހަކަ ދައްކައިގެން އަދި ސަރުކާރުގެ ބަޖެޓް ތެރޭގައިވެސް ހިމަނައިގެން ފަންޑެއް އުފެއްދުމުގެ ވިސްނުން ގެއްގުޅުއްވާކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ފަންޑުގެ ތެރެއިން ކުޑަ އިންޓްރެސްޓް ރޭޓެއްގައި ހައުސިން ލޯން އަދި ހައުސިން ސަބްސިޑީ ދެވޭނެކަމަށެވެ.
"މާލޭގެ ވަރަށް ގިނަ ރައްޔިތުން އެބަތިބި، ގެދޮރު އެއްކޮށް ނިންމާނުލެވިފަ. އެހެންވީމަ އެ ކައުންސިލް ލޯންގެ އެހީގައި އެމީހުންނަށް އެތަންތަން ނިންމާލާފަ ގެޔަށް ވަދެވޭނެ." މޭޔަރު ވިދާޅުވިއެވެ.
އަދި ސަބްސިޑީގެ ތެރެއިން ދޭ އެހީގެ ދަށުން ރައްޔިތުންނަށް ގެދޮރިވެރިކަމުގެ ކަންކަމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދިގެންދާނެކަމަށް ދެކިވަޑައިގަންނަވާކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކައުންސިލްގެ މޮޑެލްއަކީ "އެފޯޑަބަލް ހައުސިން"!
ހައުސިންގެ މަޝްރޫއުތައް އެކި ސަރުކާރުތަކުގައި ފެށިނަމަވެސް އަބަދުވެސް މާލޭގެ ރައްޔިތުން ކުރާ އެންމެ ބޮޑު އެއް ޝަކުވާއަކީ ފްލެޓްތަކުގެ އަގުގެ މައްސަލައެވެ. ކުރީ ސަރުކާރުން ހަދާފައިވާ ހިޔާ ފްލެޓްތަކަށް ހޮވިފައިވާ ބައެއް ރައްޔިތުންގެވެސް އެންމެ ބޮޑު ޝަކުވާއަކީ އެ ފްލެޓްތަކުގެ އަގު އަތް ފޯރާފަށަށް ނައުމެވެ. އެހެންނަމަވެސް އެކަމުގައި ސަރުކާރުން ބުނެފައިވަނީ ހިޔާ ފްލެޓްގެ އަގުބޮޑީ ކުރިން ސަރުކާރުން ކަންކޮށްފައި އޮތްގޮތުގެ ސަބަބުން ކަމަށެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން މާލޭ މޭޔަރު މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލްގެ މޮޑެލްއަކަށް ވާނީ އެފޯޑަބަލް ހައުސިންކަމަށެވެ. މާލޭގެ ގިނަ ރައްޔިތުން އުޅެނީ ވަރަށް ހާލުގައިކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ، ސިޓީ ކައުންސިލްގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާނީ ރައްޔިތުންގެ އަތްފޯރާފަށުގައި އަގުތައް ބަހަައްޓައިގެން ކަމަށެވެ. އަދި ކުންފުނި ހަދައިގެންވެސް މަސައްކަތް ކުރާނީ އަތްފޯރާ ފަށުގެ ބޯހިޔާވަހިކަން ފޯރުކޮށްދޭންކަމަށެވެ.
"ހަމަ ޔަގީނުންވެސް ސިޓީ ކައުންސިލްގެ މަޝްރޫއުތައް ވާނީ ރައްޔިތުންނަށް އެފޯޑަބަލް އަތްފޯރާ ފަށުގެ ބޯހިޔާވަހިކަމެއް ލިބޭ މަސައްކަތްތަކަކަށް. ކުންފުނި ހެދުމަށްވެސް ވިސްނާފައިވަނީ އެގޮތަށް އަތްފޯރާ ފަށުގައި މަޝްރޫއުތައް ކުރިއަށްގެންދަން." މޭޔަރު މުއިއްޒު ވިދާޅުވިއެވެ.
އެއްކޮޓަރީގެ އެޕާޓްމެންޓް؛ ކައުންސިލްގެ ވިސްނުމެއް!
މި ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވެފައިވަނީ އެއް ކޮޓަރީގެ އެޕާޓްމެންޓް ހެދުމަކީ އެހާ އެފޯޑަބަލެއް ކަމެއް ނޫންކަމަށާއި، އެއްކޮޓަރީގެ އެޕާޓްމެންޓް ހެދުމަށް ސަރުކާރުގެ ވިސްނުން ނެތްކަމަށެވެ. އެހެންނަމަވެސް ސިޓީ ކައުންސިލްގެ އަދި މޭޔަރު މުއިއްޒުގެ ވިސްނުންފުޅު ހުރީ ސަރުކާރުގެ ވިސްނުމާއި ތަފާތުކޮށެވެ.
މޭޔަރު މުއިއްޒު ވިދާޅުވީ ކައުންސިލްގެ ޕްލޭންގައި އެއްކޮޓަރީގެ އެޕާޓްމެންޓް ހެދުމުގެ ވިސްނުން އެބަހުރި ކަމަށެވެ. ކައުންސިލް ހައުސިލްގައި ހުރިހާ ކެޓަގަރީއަކަށް ހާއްސަ ފްލެޓްތައް ހެދުމުގެ ވިސްނުންހުރި ކަމަށް ވިދާޅުވިއެވެ.
"އަލަށް ފަށައިގަންނަ ކުދިން، މިސާލަކަށް މީހަކާ ނީންދެ އުޅޭ ކުދިން އަދި ތަނެއް ނެތީމަ މީހަކާ ނީންދެވިފަ ތިބި ކުދިންވެސް އެބަތިބި ބައިވަރު. އެކުދިންނަށް ސްޓޫޑިއޯ އެޕާޓްމެންޓްސް ނުވަތަ އެއް ރޫމް އެޕާޓްމެންޓްސް ލިބެންވާނެ. އަދި ތިން ކޮޓަރި ހަތަރު ކޮޓަރީގެ އެޕާޓްމެންޓް ބޭނުންވާ އާއިލާތައް ތިބޭނެ. އެހެންވީމަ އެކި އޮޕްޝަންސް ލިބޭގޮތަށް ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ބޭނުންވަނީ." މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައި އެބަހުރި ކަމަށާއި، އަދި ޕްލޭނެއްގެ ތެރެއިން އެކަންކަން ކުރިއަށްގެންދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.