ސައިޕްރަސްގެ ޖަންގަލީގައި ރޯވި އަލިފާން ކޮންޓްރޯލުން ނެއްޓި އަނދަމުންދާތާ ދެ ދުވަސް ވެއްޖެއެވެ.
މި ފަހަރު މިރޯވި އަލިފާނަކީ ތާރީޚުގައި ވެސް އެ ޤައުމު ދުށް އެންމެ ބޮޑު އަލިފާންގަނޑު ކަމަށް ރިޕޯޓްތައް ބުނެއެވެ. މި އަލިފާނުގައި މިހާތަނަށް 4 މީހުން ވަނީ މަރުވެގެން ރިޕޯޓްކޮށްފައެވެ.
ވައިގަދަ ވުމުގެ ސަބަބުން އިތުރަށް ފެތުރެމުންދާ އަލިފާންގަނޑުގެ އަސަރު 50 ސްކޮއާ ކިލޯ މީޓަރުގެ ސަރަހައްދަކަށް ވަނީ ކޮށްފައެވެ. އެތައް ގެއެއް ވަނީ މި އަލިފާނުގައި އަނދާއަޅިއަށް ވެފައެވެ. މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ދަނޑުވެރިކަން ކުރުމުގައި އުޅުނު އިޖިޕްޓްގެ މީހުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސައިޕްރަސްގެ އިންޓީރިއާ މިނިސްޓަރު ނައުރިސް ވިދާޅުވީ އަލިފާން ނިއްވާ މީހުން ކެނޑިނޭޅި ވައިގެ މަގުންނާއި އެއްގަމުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް ވައި ބާރުވުމުގެ ސަބަބުން އަލިފާން ނިއްވުމަށް ކުރާ ހުރިހާ މަސައްކަތެއް ފެއިލް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދާއި ގާތުގައި ދިރިއުޅެމުން ގެންދިޔަ 36 މީހަކު މިހާތަނަށް ވަނީ އެހެން ސަރަހައްދަކަށް މަދަލު ކޮށްފައެވެ. އެމީހުން ތިބުމުގެ އިންތިޒާމް ސަރުކާރުން ހޮޓަލެއްގައި ހަމަޖެއްސި ކަމަށް ރިޕޯޓްތައް ބުނެއެވެ.
100 އަށްވުރެ ގިނަ އަލިފާން ނިއްވާ މީހުންނާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ހާއްސަ 11 މަތިންދާ ބޯޑު މި އަލިފާންގަނޑު ނިއްވުމަށް ދަނީ ބޭނުން ކުރަމުންނެެވެ.