ރާއްޖޭގައި ޖިންސީ ގޯނާކުރުމާއި ރޭޕްކުރުމުގެ މައްސަލަތައް އިތުރުވަމުންދާތީ ހުށަހަޅާފައިވާ ގަރާރުގެ ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ހުށަހަޅުއްވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.
ޝަރީފު ވަނީ ޖިންސީ ގޯނާތަކުގެ މައްސަލަ ތަކާއި ރޭޕްގެ އަމަލުތައް މަދުކުރެވޭނެ ގޮތްތަކެއް ރާވައި ހިންގުމަށާއި، އަދި އެފަދަ ހަޑިމުޑުދާރު އަމަލުތައް ހިންގާ ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސްކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.
ޝަރީފު ވިދާޅުވީ ރާއްޖޭގައި ޖިންސީ ގޯނާކުރުމާއި ރޭޕްކުރުމުގެ މައްސަލަތައް ވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވެފައި ކަމަށެވެ. އެގޮތުން އަންހެނުންގެ ރައްކާތެރިކަމާއި ކަރާމާތަށް އަރައިގަންނަމުން ދާއިރު އެ ކަންކަމަށް އެކަށީގެންވާ ފިޔަވަޅު ނޭޅި، އެފަދަ މައްސަލަތަކަށް އިންސާފު ލިބުން ލަސްވަމުން ދާކަމަށް ވެސް ޝަރީފު ފާހަގަ ކުރެއްވިއެވެ.
ޝަރީފު ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލަތައް މަދު ކުރެވޭނެގޮތްތަކެއް ނިޒާމީގޮތެއްގައި ރާވައި ހިންގަން ޖެހޭ ކަމަށާއި އެފަދަ މައްސަލަތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އިންސާފު ހޯދައިދީ، ޖިންސީ ގޯނާކުރުމާއި ރޭޕްކުރުމުގެ ލާއިންސާނީ އަމަލު ހިންގާ ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސްކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން މި ޤަރާރު ހުށަހަޅުއްވާ ކަމަށް މެމްބަރު އާދަމް ޝަރީފް ވިދާޅުވިއެވެ.