ނައިޖީރިއާގެ ބަޑި ހިފައިގެން ތިބި ގްރޫޕަކުން 140 ސްކޫލް ކުދިން ރަހީނު ކޮށްފިއެވެ.
މީގެ އިތުރުން އާދީއްތަ ދުވަހު ހެނދުނުގެ ވަގުތެއްގައި 8 މީހަކު ވަނީ ޒާރިއާގައި ހުންނަ ނޭޝަނަލް ޓިއުބަކިއުލޯސިސް އަދި ލެޕްރޮސީ ސެންޓްރަލްއިން ރަހީނުކޮށް ގެންގޮސްފައެވެ. އޭގެ ތެރޭގައި 2 ނަރުހުންނާއި 12 މަހުގެ ކުއްޖަކު ވެސް ހިމެނޭ ކަމަށް ހޮސްޕިޓަލްގެ މަަސައްކަތު މީހަކު ބުނެފައިވެއެވެ.
ފަހަކަށް އައިސް ސްކޫލްތަކާއި ޔުނިވާސިޓީތަކުގައި ކިޔަވާ ކުދިން ރަހީނުކޮށް ފައިސާ ހޯދުން ވަނީ އެ ގައުމުގައި އާންމު ވެފައެވެ. އެގޮތުން މި ހޯމަ ދުވަހު ރަހީނު ކޮށްފައިވަނީ ކަޑުނާ ސިޓީގެ ކައިރީގައި ހުންނަ ސްކޫލެއްގައި ކިޔަވާ 140 ދަރިވަރުންނެވެ. ރަހީނު ކުރި 15 އަހަރުގެ ކުއްޖެއްގެ މަންމައާއި ހަވާލާދީ ބީބީސީއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ސައިކަލްތަކެއްގައި ބަޑިހިފައިގެން ތިބި ގްރޫޕެއް އެ ސްކޫލްގެ ފެންސްތައް ވައްޓާލާފައި އެތެރެއަށް ވަދެ ކުދިން ރަހީނު ކުރީއެވެ.
ޕޮލިހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ބަޑި ހިފައިގެންދިޔަ ބަޔަކު ސްކޫލްގެ ސެކިއުރިޓީންނަށް ބިރުދައްކާ އެ ސްކޫލަށް ވަދެގެން ގޮސް ހޮސްޓެލް ތެރެއިން ވަނީ ގިނަ އަދަދެއްގެ ކުދިންތަކެއް ރަހީނު ކޮށްފައެވެ. ސީދާ ކުދިންގެ އަދަދެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަންހެން ޓީޗަރަކު ހިމެނޭ ގޮތަށް ޖުމްލަ 26 މީހަކު ސަލާމަތް ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޖުމްލަ 180 ކުދިން ތިބި ތަނުން ފެނިފައިވަނީ 20 ކުދިންނެވެ. ރަހީނު ކުރެވުނު ކުދިންގެ އިތުރަށް ބާކީ ތިބި ކުދިން ފިލީ ކަމަށް ބެލެވޭ ކަމަށް ވެސް ސްުކޫލުން މައުލޫމާތު ދެއެވެ.
ހޮސްޕިޓަލަށް ހަމަލާ ދީފައިވަނީ ވެސް އެމީހުންގެ ގްރޫޕެއް ކަމަށް ބެލެވޭ ކަމަށާއި ދެ ހާދިސާވެސް ހިންގާފައި ވަނީ އެއް ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ.
ޑިސެމްބަރު މަހުން ފެށިގެން މިހާތަނަށް 1000 ވަރަކަށް ކުދިން އެގޮތަށް ވަގަށް ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ 200 އެއްހާ ކުދިންނެވެ. އޭގެ ތެރޭގައި ދެތިން އަހަރުގެ ކުޑަ ކުދިން ވެސް ހިމެނެއެވެ.