ފިންލޭންޑްގެ ޤާނޫނުު ހަދާ މަޖިލީހަށް ސޯމާލިއާއަށް އުފަން މީހަކު ފުރަތަމަ ފަހަރަށް އައްޔަން ކޮށްފިއެވެ.
2008 ވަނަ އަހަރު ސުލްދާން ސައިދު އަހްމަދު އުމުރުން 15 އަހަރުގައި އޭނާގެ އާއިލާއާއިއެކު ފިންލޭންޑަށް އައިސްފައިވަނީ ސޯމާލިއާގައި ހިނގަމުންދިޔަ ދާޚިލީ ހަނގުރާމައިގެ ސަބަބުން ފިލައިގެންނެވެ. އޭނާގެ ޅައުމުރު ހޭދަކޮށްފައިވަނީ އަނިޔާއާއި ތަޅާފޮޅުން ފެނި އޭގެ ތެރޭގައެވެ.
"އަހަރެން ދެކުނިން މަރުވެފައި އޮތް މީހަކު ވީލް ބަރޯއަަކަށް ލައިގެން ދިޔަ މަންޒަރު" އަހްމަދު ބުންޏެވެ. އަހްމަދު އުފަންވީ ސޯމާލިއާގެ ވެރިކަން ކުރާ ރަށުގައި ނަމަވެސް، ހާލަތު ހުރި ގޮތުން އޭނާގެ އާއިލާގެ ގިނަ ބަޔަކު ވަނީ އެ ގައުމު ދޫކޮށް އިތިއޯޕިއާއަށް ހިޖުރަ ކޮށްފައެވެ.
އަހްމަދު ފިންލޭންޑަށް ދިޔުމުގެ ކުރިން އުޅެފައިވަނީ އުތުރު ކަރެލިއާ ރީޖަންގެ ކޮންޓިއޮލާޓީގައެވެ. އަހްމަދު ބުނެފައިވާ ގޮތުގައި އޭނާ ދިރިއުޅޭ ސަރަހައްދުގައި ދޮން މީހުންގެ މެދުގައި ދިރިއުޅެނީ ކަޅުމީހުންގެ ވަރަށް މަދު ބައެކެވެ. އަދި އެތަނުގެ ދޮން މީހުންނަކީ އެހެން ޤައުމުތަކުގެ މީހުންނާއި ރެފިއުޖީންނަށް ވަރަށް ނަފްރަތު ކުރާ ބަޔަކު ކަމަށް ވެސް އޭނާ ބުންޏެވެ.
ޖިސްމާނީ އަދި ބަހުގެ ހަމަލާތަކާއި މަރުގެ އިންޒާރާއި ކުރިމަތިލުމަކީ އެމީހުންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ ބައެއްކަމަށް އަހްމަދު ވަނީ ބުނެފައެވެ.
އެއަށްފަހު އަހްމަދުގެ މަންމަ ބޭނުންވީ ފުރަތަމަ ޔޫކޭއަށް ދިޔުމަށް ކަމަށާއި އެހެން ނަމަވެސް ފަހުން ފިންލޭންޑްގެ ހެލްސިންކީއަށް ބަދަލުވީ ކަމަށް ވެސް އޭނާ ބުންޏެވެ. އެއީ އޭނާގެ ސިޔާސީ ކާމިޔާބު ހަޔާތް ފެނުނު ތަނެވެ.
ހުރި ގޮންޖެހުން ތަކާއިއެކު ވެސް ފިންލޭންޑްގައި މުސްތަޤްބަލެއް ހޯދިދާނެކަމަށް އަހްމަދު ގަބޫލުކުރެއެވެ. ފިންލޭންޑަށް ބަދަލުވުމަށްފަހު 13 އަހަރު ފަހުން އުމުރުން 28 އަހަރުގައި އޭނާ ވަނީ ސޯމާލިއާއަށް އުފަންވި ފުރަތަމަ ފިންލޭންޑްގެ ޕާލިމެންޑް މެމްބަރަކަށް ވެފައެވެ. މީގެ ކުރިން އޭނާ ވަނީ 2 ފަހަރެއްގެ މަތިން ހެލްސިންކީ ސިޓީގެ ކައުންސިލަރުކަން ވެސް ކޮށްފައެވެ.