ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް މަސައްކަތްކުރާ މިއީ ދެ ވަނަ ފަހަރެވެ. ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރުމަށް މީގެ ކުރިން ވެސް އެންމެ ބޮޑަށް އަޑު އުފުލި ބަޔަކީ ރައީސް ނަޝީދާއި އެމަނިކުފާނުގެ ޕާޓީންނެވެ. އެހެން ނަމަވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމް ކަމަށް ރައްޔިތުންގެ ނިންމީ އެވެ.
އޭގެ 14 އަހަރަށް ފަހު އަނެއްކާ ވެސް ނިޒާމް ބަދަލުކުރުމަށް ރައީސް ނަޝީދު މި ވަނީ "ފޫގަޅާފައި"އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް މަޖިލިސް ތެރެއިން މަސައްކަތް ފައްޓަވާނެ ކަމަށެވެ. ބޮޑު ވަޒީރަކަށް ވެވަޑައިގަތުމަށް އެމަނިކުފާނު ދެކިވަޑައިގަންނަވާ ހުވަފެން ހަގީގަތަކަށް ހައްދަވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް އެންމެ ފަހުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ބޭއްވި އާސްކް ސްޕީކަރ ޕްރޮގުރާމްގައިއެވެ. ރައީސް ނަޝީދު ދެއްކެވި އެ ވާހަކަފުޅުން އެމަނިކުފާނު ބޮޑުވަޒީރުކަން ބޭނުންފުޅުވެލައްވާވަރު އެނގެ އެވެ. އޭގެ ކުރިން އެމަނިކުފާނު ވަނީ ބޮޑު ވަޒީރުކަން ބޭނުންވެވަޑައިގަންނާ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންވާފައި އެވެ. ރައީސް ނަޝީދު ބޮޑު ވަޒީރުކަން ބޭނުންފުޅުވިއަސް އެކަން އެކަން ހާސިލް ނުވެދާނެ ސަބަބުތައް ސިޔާސީ ތަޖުރިބާކާރުން އެބަ ފާހަގަ ކުރައްވަ އެވެ. އެމަނިކުފާނު ކުރައްވާ އުއްމީދުތައް ހަގީގަތަކަށް ވުމަށް އެތެރެއިންނާއި ބޭރުން ހުރަސްތައް ހުރިކަން ފެންނަ މަންޒަރުތަކުން އެނގެ އެވެ.
ރައީސް ނަޝީދުގެ ހުވަފެން ހަގީގަތަކަށް ވުމަށް އޮތް ހުރަހަކަށް ރައީސް ސޯލިހް ވެދާނެތަ؟
ބޮޑު ވަޒީރަކަށް ވެވަޑައިގަތުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅުގައި އެންމެ ފުރަތަމަ ހުރަކަށްވުން ގާތީ މިހާރު އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ބައެއް މީހުން ދެކެ އެވެ. އެމްޑީޕީ ދެބައި ވެފައިވާއިރު މިހާރު ރައީސް ސޯލިހް ފަޅީގައި ތިއްބެވި ބޭފުޅުން ބަރުލަމާނީއަށް ތާއީދުކޮށް ވާހަކަ ދައްކަވާތަނެއް ނުފެނެ އެވެ. އޭގެ ބަދަލުގައި މަދުން ނަމަވެސް އިވެނީ އެކަން ނުވާނެ ކަމަށް ބުނެ ރައްދުދޭ އަޑެވެ. އެމްޑީޕީތެރޭގައި ބަރުލަމާނީއަށް ތާއިދު ނުކުރާ އެތައް މެމްބަރުންނެއް އެބަ ތިއްބެވެ. ބޮޑުން ފެށިގެން ކުޑައަށް އެ ކަމާ ދެކޮޅު ހަދާ މެމްބަރުން އެެ ޕާޓީ ތެރޭގައިވެސް އެބަ ތިބި އެވެ.
އަނެއް ކޮޅުން 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމާ މެދު ފެނިވަޑައިގަންނަވާ ގޮތެއް ވިދާޅުވާން ރައީސް ސޯލިހަށް ލިބިވަޑައިގެންނެވި ކޮންމެ ފުރުސަތެއް އެމަނިކުފާނު ވަނީ ދޫކޮށްލައްވާފައިއެވެ. ބަރުލަމާނީ ނިޒާމަށް ތާއިދުކުރައްވާ އެ ނިޒާމަށް ރާއްޖެ ބަދަލުކުރެއްވުމަށް މަސައްކަތް ކުރައްވަން ބޭނުންފުޅުވެ ލައްވާނަމަ އެ ވާހަކަ ވިދާޅުވާން ކިތަންމެ ފުރުސަތެއް ރައީސް ސޯލިހަށް މި ފަހުންވެސް ލިބިވަޑައިގެންފި އެވެ. އެހެން ނަމަވެސް މިއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ވިދާޅުވެ ކޮންމެ ފަހަރަކުވެސް އެ ވާހަކަ ދެއްކެވުމުން ރެކިވަޑައިގަންނަވަނީ އެެވެ.
މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަރުލަމާނީ ނިޒާމު ގެނައުމާއި ބެހޭ ގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން ރައީސް ސޯލިހު ވިދާޅުވީ، މި ދަނޑިވަޅުގައި ބަރުލަމާނީ ނިޒާމުގެ ވާހަކަ ދެއްކުމަކީ އެއީ އެއްވެސް ގޮތަކަށް އެމަނިކުފާނު ކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ. އަދި މި ސަރުކާރަކީ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެގެން އައި ސަރުކާރެއް ކަމަށް ވިދާޅުވެ ރައީސް ވިދާޅުވާ ވިދާޅުވުން އެ ދުވަހުވެސް ތަކުރާރު ކުރެއްވީ އެވެ. އެހެން ކަމުން ރައީސް ސޯލިހް އެކަމަށް މާ ބޮޑު ޝައުގުވެރިކަމެއް ނެތްކަން އެނގެ އެވެ.
ރައީސް ސޯލިހް އެކަަމަށް ތާއީދު ކުރައްވާނަމަ ސުޕަރމެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕު ބޭނުންކޮށްގެން ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ވެސް މިހާރު އެކަން ކޮށްފީހެވެ. ނޫން ނަމަ އާއްމުން ފެންނަ ނުފެންނަ ވޯޓަކަަށް މިހާރު ގޮސްފީހެވެ. ނަމަވެސް ރައީސް ނަޝީދު އެވަރަށް ބަރުލަމާނީގެ ވާހަކަ ދައްކަވާއިރު އެކަން ކުރުމަށް ރައްޔިތުންގެ މަޖިލިސް ތެރެއިން މަސައްކަތް ނުކުރެވި އެހާ އުނދަގޫވެގެން އެކަން އުޅެނީވެސް ރައީސް ސޯލިހްގެ މާ ބޮޑު ޝައުގެއް އެކަމުގައި ނެތީމަ ކަމަށް ބެލުމުގެ ފުރުސަތު ލިބެ އެވެ.
ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަން ވަމުން އަންނައިރު ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް ރައީސް ސޯލިހް ތާއިދު ނުކުރައްވައިފި ނަމަ އެކަން މަޖިލިސް ތެރެއިން ވެސް ކުރުން ވާނީ އުނދަގޫ ކަމަށެވެ. އެހެން ނަމަ ދެން ޖެހޭނީ ނިޒާމްގެ ވޯޓަކަށް ނުގޮސް ރިޔާސީ އިންތިހާބަށް ދާށެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ކަންކަން ނިމެނީ ރައީސް ސޯލިހާ އެއްކޮޅަށް
ރައީސް ނަޝީދު ބޭނުންފުޅުވި ކިތަންމެ ކަމެއް މީގެ ކުރިންވެސް ވަނީ ރައީސް ސޯލިހް ތާއީދު ނުލިބުމުން ރައްޔިތުންގެ މަޖިލިސް މެމްބަރުން މެދުވެރިކޮށް ނުވެފައި އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް މުހައްމަދު އަސްލަމް ގެނައުމަށް ރައީސް ނަޝީދު ކުރެއްވި މަސައްކަތާއި އިކްނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިނިސްޓަރު ކަމުން ވަކި ކުރެއްވުމަށް ކުރެއްވި މަސައްކަތް ނާކާމިޔާބުވި ގޮތަށެވެ. ރައްޔިތުންގެ މަޖިލީހުގައި ފަހުން ނެގި ވޯޓުތަކާއި އަދި ސަރުކާރުގެ ދިފާއުގައި ނިކުންނަން ޖެހުނު ވަގުތުތަކުގައި ފެނުން މަންޒުތަކަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންގެ ބޮޑު ތާއިދެއް އޮތީ ރައީސް ސޯލިހަށް ކަމަށް ވެސް ބައެއް މެމްބަރުން ދެކެ އެވެ. އެހެން ކަމުން ރައީސް ނަޝީދަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ތާއީދު ރައީސް ސޯލިހް ބޭނުންވެ ނުލައްވާނަމަ މިކަމުގައި ލިބިދާނެ ތޯ މިއީ ސުވާލެކެވެ. ބަރުލަމާނީ ނިޒާމަށް އެމްޑީޕީގެ ފުލް މެޖޯރިޓީގެ ތާއީދާއެކު މަސައްކަތް ކުރެވޭނެ ކަމަށް ރައީސް ނަޝީދު ޖައްސަވާ ހިސާބުވެސް ފަހަރެއްގައި ދިމާނުވުމަކީ އެކަށީގެންވާ ކަމެކެވެ.
ރައީސް އޮފީހުގެ ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ ރައީސް ސޯލިހް މި ވަގުތު ވެރިކަމުގެ ނިޒާމާމެދު މާބޮޑު ހިޔާލުފުޅެއް ގެންގުޅުއްވާ ކަމަށް ނުފެންނަ ކަމަށެވެ. ނަމަވެސް އަދި މި ހިނގާ ރިޔާސީ ދައުރުގެ ކުރިން ނިޒާމް ބަދަލުކުރާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެެވެ. އެކަމު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންގެ ތާއީދު މި ވަގުތު ބޮޮޑީ ރައީސް ސޯލިހަށް ކަމަށް އޭނާ ވިދާޅުވި އެވެ.
" ނިޒާމާ މެދު ގޮތެއް ނިންމަންވިއަސް ރައީސް ސޯލިހް ތާއީދު ކުރައްވާ ގޮތަކަށް އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ތެރެއިން ނިމިގެންދާނެ ކަމަށް ގަބޫލު ކުރެވެނީ. ރައީސް ސޯލިހާ ދެކޮޅަށް އެެމްްޑީޕީގެ ޕާލަމަންޓްރީ ގުރޫޕުގެ ތެރެއިން އެހެން ކޮޅެއް ގަދަވެދާނެ ކަމަށް ނުފެނޭ. އެއީ ނިޒާމާ ގުޅޭ ގޮތުން ނިންމާ ނިންމުމެއްގައި ވިއަސް. " އޭނާ ވިދާޅުވި އެވެ.
ރިޔާސީ ޓިކެޓަށް ރައީސް ސޯލިހް ވެސް ވާދަ ކުރައްވާނެ ކަމަށް ބެލެވޭއިރު ރައީސް ސޯލިހަށް ދެވަނަ ދައުރުގެ ޓިކެޓް ޕްރައިމަރީއަކާ ނުލާ ދޭން ޖެހޭނެ ކަމަށް ބުނާ ބަޔަކުވެސް އެބަ ތިއްބެވެ. އެހެން ކަމުން ރައީސް ސޯލިހަށް އިތުރު ދައުރަކަށް ފަސޭހަކަމާއެކު ޓިކެޓް ލިބެން އޮއްވާ ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑު ވަޒީރަކަށްވާނެ ބޭފުޅެއްގެ ޓިކެޓް ހޯއްދަވަން ރައީސް ސޯލިހް އުޅުއްވަފާނެ ކަމަށް ބައެއް މީހުން ނުދެކެ އެވެ. އުޅުއްވި ނަމަވެސް އެވެސް ވަނީ ރައީސް ނަޝީދަށް ވެސް އަނެއްކާ އިތުރު ގޮންޖެހުމަކަށެވެ.
އެމްޑީޕީ ފިޔަވާ ހުރިހާ ޕާޓީތަކުގެ ތާއީދު ރިޔާސީ ނިޒާމަށް
ރާއްޖޭގެވެރިކަމުގެ ނިޒާމް ބަދަލު ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް އެމްޑީޕީންވެސް ދެކެ އެވެ. އެހެން ކަމުން އެފަދަ ވޯޓެއް ބިނާވާނީ ސިޔާސީ ޕާޓީތަކުގެ ފިކުރާ ޕާޓީތަކުން ނަގާ ކޮޅެއްގެ މައްޗަށެވެ. ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ގިނަ ބަޔަކު ތާއީދުކޮށްފާނެތޯ ލަފާކޮށްލާނަމަ ސިޔާސީ ޕާޓީތަކުން މިކަމުގައި ގެންގުޅޭ ވިސްނުން ބަލަންޖެހެ އެވެ. ރައީސް ނަޝީދު ބަރުލާމާނީ ނިޒާމަށް ރާއްޖެ ގެންދިއުމަށް ކުރައްވާ މަސައްްކަތް ކާމިޔާބުކުރައްވާނީ އިދިކޮޅު ޕީޕީއެމްގެ ތާއީދާއެކު ކަމަށްވެސް އެމަނިކުފާނު ގަބޫލުފުޅު ކުރައްވަ އެވެ. އެހެން ނަމަވެސް ރައީސް ނަޝީދު އެ މޭރުމުން ވާހަކަފުޅު ދެއްކެވިތާ 24 ގަޑިއިރު ނުވަނީސް ރައީސް ޔާމިންގެ ފަރާތްޕުޅުން ރައްދު އައިސްފި އެވެ. ކަން އޮތީ ރައީސް ނަޝީދު އެ ވިދާޅުވިހާ ފަސޭހައިން ޕީޕީއެމް އާއި އެމްޑީޕީން އެއްކޮން ގޮސް ބަރުލަމާނީ ނިޒާމަށް ބަދަލު ކުރެވޭ ގޮތަކަށް ނޫނެވެ. ޕީޕީއެމް އާއި ޕީއެންްސީ ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވަނީ ބަރުލަމާނީ ނިޒާމަށް ރައީސް ޔާމިން ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެފައި އެވެ.
"ރައީސް ޔާމީން ތާއިދުކުރައްވަނީ ރައްޔިތުންގެ ނިންމުމަށް. ރައްޔިތުން ވަނީ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމްކަމަށް ނިންމާފައި،" ރައީސް ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވައި އަބްދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި 96052 ވޯޓު ލިބިވަޑައިގެންނެވި ރައީސް ޔާމިންގެ ތާއީދު ބަރުލަމާނީ ނިޒާމަށް ނެތްއިރު ރައީސް ނަޝީދު ކުރައްވާ އުއްމީދަށް މިއީވެސް އޮތް ހުރަހަކަށް ވެދާނެ އެވެ.
ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް މިދިޔަ އަހަރު ފަހުކޮޅު ވަނީ ވާހަކަ ދައްކަވާފައި އެވެ. ރާއްޖޭގެ ޓީވީ ޖެނަަލް އަކުން ގެނެސްދިން ޕްރޮގުރާމެއްގައި ގާސިމް ސިފަ ކުރެއްވީ ބަރުލަމާނީ ނިޒާމަކީ އެއްވެސް ތާކުން ތާކުން ނުޖެހޭ ނިޒާމެއްގެ ގޮތުގައި އެވެ.
"އެއީ ތާކުން އަޅުގަނޑުމެން ކުރީގައި ތަޖުރިބާ ވެސް ކޮށްފިން. އެއީ އަމިއްލަ ބޭނުމަށް ރައްޔިތުންގެ ވޯޓް ހޯދައިގެން ތިމާޔަށް ވެރިކަމަށް އާދެވޭނެތޯ ގަބޫލުކުރާ މީހުން އެއަށް ބޮޑަށް ތާއިދު ކުރައްވާނީ އެކަމާއި ދެކޮޅަށް ދާން ޖެހިއްޖެއްޔާ ނިކުންނާން ކެމްޕޭންއަށް ވެސް" ރާއްޖެ ޓީވީގެ ޕްރޮގުރާމެއްގައި ވިދާޅުވި އެވެ.
އަދާލަތު ޕާޓީ އާއި އެމްއާރުއެމް ފަދަ ޕާޓީތައް ވެސް އޮތީ އެ ވިސްނުމުގައި އެވެ. ބަރުލަމާނީ ނިޒާމާ ދެކޮޅަށް ކުރެވެން އޮތް ކަމެއް ކުރާނެ ކަމަށް ދަނީ ބުނަމުންނެވެ.
"ދިވެހިރައްޔިތުންގެ ބޮޑުއަޣްލަބިއްޔަކުންނިންމާފައިވަނީވެސް ހަމަ ރިޔާސީނިޒާމު. ވީމާ ބަރުލަމާނީނިޒާމަކަށް ރާއްޖެއަކު ޖާގައެއްނެތް. ވަރަށްސާފު"ނަޝީދުގެ ވާހަކަތަކާ ގުޅިގެން ރިޔާސީ ނިޒާމްގެ ދިފާއުގައި ކުރީގެ ރައީސް އަދި އެމްއާރުއެމްގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވި އެވެ
އެމްޑީޕީ ފިޔަވާ އެހެން އެއްްވެސްް ޕާޓީއެއް ބަރުލަމާނީ ނިޒާމަށް ތާއީދެއް ނުކުރެ އެވެ. އެހެން ކަމުން ހުރިހާ ޕާޓީތަކާ ދެކޮޅަށް އެމްޑީޕީން އެކަނި އޮވެ އާއްމުންގެ ވޯޓެއް ކާމިޔާބު ކުރެވިދާނެތޯ މިއީ ސުވާލެކެވެ. ސިޔާސީ ޕާޓީތައް ތައާރަފުވެގެން އައިފަހުން މިހާތަނަށް ގިނަ ޕާޓީތައް އެއްކޮޅަކަށް އަރައިފި ނަމަ ވަކިން އޮންނަ ޕާޓީއަށް ކުރިމަތިލާން ޖެހެނީ ނާކާމިޔާބީ އާއެވެ. އެހެން ކަމުން އެމްޑީޕީގެ ދެ ރައީސުން އެކައްޗެއް ކިޔައި، ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން އާއްމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔައަސް ބަރުލަމާނީ ނިޒާމަކަށް ގިނަ ރައްޔިތުން ތާއީދު ކުރުމަކީ ވެސް ނާދިރު ކަމެކެވެ.
ބަރުލަމާނީއަށް ކުރިންވެސް ރައްޔިތުންގެ ދެކޮޅު
ވެރިކަމުގެ ނިޒާމެއް ކަނޑައަޅަން ރައްޔިތުންގެ ވޯޓަކަށް މީގެ ކުރިން ދިޔައީ 2007 ވަނަ އަހަރު އެވެ އެ ފަހަަރުގެ ނިކުން ނަތީޖާއަށް ބޮޑު ބަދަލެއް ގެނެވިދާނެ ފަދަ ހާލަތެއް މެދުވެއްޖެ ތޯ އެއީ ސުވާލެކެވެ. އެ ފަހަރު ރިޔާސީ ނިޒާމަށް ތާއީދު ލިބުނިއިރު ބަރުލަމާނީ ގެންނަން ފޫގަޅާލާފައި ނިކުތީ އެމްޑީޕީންެވެ.
އެފަހަރު ވޯޓްގައި 95،619 މީހުން ވޯޓް ދީފައިވަނީ ރިޔާސީ ނިޒާމަށެވެ. ބަރުލަމާނީ ނިޒާމު ގެނައުމަށް ވޯޓް ދީފައިވަނީ 58،504 މީހުންނެވެ. ނިޒާމް ކަނޑައަޅަން ނެގި ވޯޓުގައި 199،841 މީހުން ވޯޓުލުމަށް ރަޖިސްޓްރީވިއިރު އޭގެ ތެރެއިން ވޯޓު ލާފައިވަނީ 155،890 މީހުންނެވެ. މި ހިސާބުތައް އަނެއް ކޮޅަށް ބަދަލު ކޮށްލެވެން އޮތީ މީގެ ކުރިންވެސް އެހެން ސިޔާސީ ޕާޓީތަކުގެ ކޯލިޝަންތަކާއެކު ކަމަށްވާއިރު އެވަރު ބާރެއް އެހާ ހިސާބަށް ދާއިރު އެމްޑީޕީއަށް ލިިބިދާނެތޯ އެއީވެސް ސުވާލެެކެވެ.
ކަންކަން މިހެން ހުރުމުން ބޮޑު ވަޒީރަކަށް ވެވަޑައިގަތުމަށް ރައީސް ނަޝީދު ކުރައްވާ އުއްމީދު އެހާ ފަސޭހައިން ހަގީގަތަކަށް ނުވެ އަނެއްކާވެސް ރިޔާސީ ޓިކެޓަށް މަސައްކަތް ކުރައްވަން ޖެހިވަޑައިގަތުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ނަމަވެސް އެކަމަކީ ވެސް ކުރީފަހަރުތަކާ ހިލާފަށް މިފަހަރު ފަސޭޭހަ ކަމަކަށް ނުވެދާނެ އެވެ. ސަބަބަކީ ރިޔާސީ ޓިކެޓަށްވެސް ރައީސުލް ޖުމްޙޫރިއްޔާގެ މަގާމުގައި އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ މަގާމުގައި ހުންވި ރަައީސް ސޯލިހް ވާދަ ކުރެއްވުން ގާތްވީމަ އެވެ.