ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް މޯލްޑިވްސް މީޓްރިއަލޮޖިކަލް ސާވިސްއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނެފައިވަނީ، ހުޅަނގު މޫސުމުގެ ބާރުގަދަވެ، މިއަދުން ފެށިގެން ކުރިއަށް އޮތް 4 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑުގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ ވައި ޖެހޭނެކަމަށް ލަފާކުރެވެނީ އާންމުކޮށް 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރު މިނުގައި ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި. ކަނޑުތައް ގަދަވެ ރާޅުބޮޑުވުމުގެ ސަބަބުން ބައެއް ރަށްރަށް އުދައެރުމަކީވެސް އެކަށީގެންވާކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ.
މޫސުން ގޯސްވެ ކަނޑުގަދަވާނެކަމަށް ލަފާކުރެވޭތީ މެޓް އޮފިހުން ވަނީ ކަނޑުދަތުރު ކުރާފަރާތްތަކުން އެކަމަށް ސަމާލުވުމަށް ގޮވާލާފައެވެ.