އޮސްޓްރޭލިއާގެ ސިޓީއެއް ކަމަށްވާ ސިޑްނީގެ ލޮކްޑައުން މުއްދަތު އިތުރުކޮށްފިއެވެ.
ސިޑްނީގެ ލޮކްޑައުން މުއްދަތު އިތުރު ކޮށްފައި މިވަނީ ކޮވިޑް-19 ގެ ހަލުވިކަމާއެކު ފެތުރެމުންދާ ޑެލްޓާ ވޭރިއަންޓް އެ ސިޓީއިން ފެނި ގިނަ ބަޔަކަށް ފެތުރެމުންދާތީއެވެ.
ސިޑްނީގެ ސަރުކާރުން ބުނެފައިވަނީ މި އުނދަގޫ ނިންމުން ނިންމަން ޖެހުނީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ. ގޭގައި އެންމެ ތިބުމަށް ރައްޔިތުންނަށް އެންގުނީ މިދިޔަ ޖޫންމަހުގެ 26 ވަނަ ދުވަހުގައެވެ. އެހެން ނަމަވެސް އިތުރު ކްލަސްޓާ ތަކެއް ފެނިގެން ދިޔައީ ޒަރޫރީ ބޭނުންތަކަށް ގެއިން ބޭރަށް ދިޔަ ބަޔަކު ފައްސިވެ އެމީހުންގެ ތެރެއިން ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
މި އަހަރު މިހާތަނަށް އެ ސިޓީއިން 330 ކޭސް ފެނިފައިވެއެވެ. 5 މިލިއަނަށްވުރެ ގިނަ މީހުން ލޮކްޑައުން ވެގެން އުޅެންޖެހިފައިވެއެވެ. ވޮލޮންގޮންގް އަދި ސެންޓްރަލް ކޯސްޓް އޭރިއާތަކުގައި ކުރިން އޮތީ އަންނަ ހުކުރު ދުވަހު ލޮކްޑައުން ނެގުމަށް ތައްޔާރު ވެފައެވެ. ނަމަވެސް މިހާރު ލޮކްޑައުންގެ މުއްދަތު ވަނީ ޖުލައި 16ގެ ނިޔަލަށް ދަންމާފައެވެ. އަދި އަންނަ ހަފްތާގައި ސްކޫލްތައް ވެސް ބަންދުވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
ލޮކްޑައުންގެ ސަބަބުން މީހުންނަށާއި ވިޔަފާރިތަކަށް ލިބޭނެ ގެއްލުމާއި ވާނެ އުނދަގޫތައް އިހްސާސް ކުރެވޭ ކަމަށް ސަރުކާރުން ބުނެއެވެ. އެހެން ނަމަވެސް ވެކްސިން ނުދެވި ގިނަ ބަޔަކު ތިބުމުގެ ސަބަބުން ފައްސިވާ އަދަދު މަދުކުރެވޭތޯ ލޮކްޑައުން ކުރުން މުހިއްމު ކަމަށް ސަރުކާރުން ހާމަކުރެއެވެ.