ކޮންމެ ސަރުކާރަކާއި އެކުވެސް އައްޑޫ ރައްޔިތުންގެ އުއްމީދުތައް އާވެއެވެ. އެހެންވެ އާ އުންމީދު ތަކާއި މެދު ކުރެވޭ އިހްސާސް ބޮޑުވެ އެކަމަކަށް ކުރެވޭ އުންމީދު ކުރިއަށްވުރެ އެތައް ގުނައެއް އިތުރުވެއެވެ.
ރާއްޖޭގެ ދެކުނުން އައްޑޫ "ސިޓީ" ގައި ބޭސްފަރުވާ ހިދްމަތް އޮތް ހިސާބަށް ބަލާއިރު އައްޑޫގެ ހާލަތު އުޅެނީ މީގެ 60 އަހަރަށްވުރެ ފަހަތުގައެވެ. ބޭސް ފަރުވާގެ ހިދްމަތުގައި އައްޑޫ އޮތް ހާލަތާއި މެދު އެންމެންވެސް މިތިބީ ވަރަށް ކަންބޮޑުވެފައެވެ.
އައްޑޫއަކީ ކުރީ ޒަމާނުގައިވެސް ބޭސްވެރިކަމަށް އާދަޔާ ހިލާފް މަޝްހޫރު ތަނެކެވެ. އިނގިރޭސީން ގަމުގައި އުޅުނު ދުވަސްވަރަކީ އައްޑޫގެ ރައްޔިތުން ބޭސް ފަރުވާއަށް ވަރަށް ބޮޑަށް ލޯހުޅުވިގެން ދިޔަ ދުވަސްތަކެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބަލި މީހުން އައްޑޫއަށް އައިސް ކުރި ބޭސްވެރިކަމަކީ ގިނަ ބައެއްގެ ހިތުން އަދިވެސް ފިލައިގެން ގޮސްފައިވާ ކަންކަމެއް ނޫނެވެ. އެހެންވެ އައްޑޫގެ ސިއްހީ ހާލަތު މިއަދު އޮތް ހިސާބުން ކުރީގެ ބޭސްވެރިކަމާއި އަޅާ ކިރާލެވެއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް 1984 ވަނަ އަހަރު ހުޅުވިފަހުން އަދި އެތަނަށް ބޮޑު މަރާމާތެެއް ނުގެނެއެވެ. އެހެންވެ ތަން ބާވެ ބޮލަށްވެއްޓެން ވަނީ ކައިރިވެފައެވެ. ފުރާޅު ފީވެ ތަންތަނުން ވާރޭ ވެހޭ އިރު ވިއްސާރަ ވެއްޖިއްޔާ ހޮސްޕިޓަލް ތެރެ އޮންނަނީ ފެން ބަލިދީ ތަކުން ފުރިފައެވެ.
ނިމިގެން ދިޔަ ދެ ސަރުކާރުގައިވެސް ހޮސްޕިޓަލަށް ބޮޑު އަޅާލުމެއް ދެވިފައި ނުވެއެވެ. އެކަމަކު ސާކް ސަމިޓް ބަޖެޓް ތެރެއިން ހޮސްޕިޓަލުގެ މޫނު މަތި އާއި ބައެއް ޕްރައިވެޓް ކޮޓަރިވަނީ އަޅާފައެވެ. ހޮސްޕިޓަލުން ދެމުން ދިޔަ ހިދްމަތްތައް ކިޔާ ކިޔާ ރަނގަޅެއް ނުވެއެވެ.
އެސަކަރާތުގައި ތިއްބާ ރައީސް ނަޝީދު އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ބަޖެޓް ހޯއްދެވި ވާހަކަ އިއްލާން ކުރުމާއި އެކު ރައްޔިތުންގެ މޫނުމަތިން ހިތްހަމަޖެހުން ފެނުނެވެ. ހިތަދޫ ޒޯން ސްޓޭޑިއަމް ސަރަހައްދުން ބިމެއް ކަނޑައަޅައި ބިމުގެ ސާޥޭ ފެށި ވާހަކަ އިވުމުން އިހުނަށް ވުރެ އުފާވެރިކަން ލިބުނެވެ. އޭގެ ފަހުން ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު ރައީސް ވަހީދުގެ ސަރުކާރުގައި ހޮސްޕިޓަލް ބިންގާ އަޅާނެކަމަށް އިއްލާން ކުރެވުނެވެ.
ރައްޔިތުން ތިބީ ދެންމެ ދެންމެ ހޮސްޕިޓަލް ބިންގާ އެޅި މަސައްކަތް ފެށިދާނެކަމަށް ބަލައިގެންނެވެ. އެކަމަކު މިއަދާއި ހަމައަށް އެކަމަށް އަލި މަގެއް ފެނިފައި ނުވެއެވެ.
ފާއިތުވި ދެ ސަރުކާރުން އަޅަން ބުނި ހޮސްޕިޓަލް އެޅޭނެ ކަަމުގެ އުއްމީދެއް ނެތި ތިއްބާ އާ ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭ ހެލްތު މިނިސްޓްރީން ކުރައްވާނެ ކަން ކަން ވަނީ އިއްލާންކޮށްފައެވެ.
އެކަމަކު އައްޑޫއަށް ނިސްބަތްވާ ހެލްތު މިނިސްޓަރުގެ ފަރާތުން ހިތަދޫގައި އަޅަން ބޭރުން ބަޖެޓް ލިބިފައިވާ ހޮސްޕިޓަލްގެ ވާހަކަ އަދި އަޑެއް ނީވެއެވެ. އެކަމާއި ރައްޔިތުން މިތިބީ އިތުރަށް މާޔޫސްވެފައެވެ. ސުވާލަކީ ރައީސް ޔާމީން އައްޑޫއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މި ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވާނެތޯއެވެ.