Last Updated: November 27, 21:29
Wednesday, November 27, 2024
ވިޔަފާރި

ނީލަމުގައި ކައުންސިލުން ގެއެއް ވިއްކާލަނީ

މާމެންދޫގައި އިމާރާތްކޮށްފައިވާ ގެއެއް. ފޮޓޯ/ އައްޑޫ ލައިވް

ފެށޭ އަގަކަށް 50،000ރ. ކަނޑައަޅައި ހިތަދޫ މާމެންދޫ ސަރަހައްދުގައި އިމާރާތްކޮށްފައިވާ ގެއެއް ނީލަމުގައި ވިއްކާލަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލުން ބުނީ ވިއްކާލަނީ މާމެންދޫ 355 ނަންބަރު ބްލޮކްގެ 512 ނަންބަރު ގޯތީގައި ދެ ކޮޓަރި، ސިޓިންރޫމް ބަދިގެ އަދި ދެ ފާޚާނާ ހިމެނޭ ގޮތަށް ޢިމާރާތްކޮށްފައިވާ ގެއެއް ކަމަށެވެ.

ކައުންސިލުން ބުނީ މި ގެއަކީ ކައުންސިލްގެ ހަރަދުގައި ހިތަދޫ މީހަކަށް އިމާރާތްކޮށް ދިން ގެއެއް ކަމަށެވެ.

އެހެން ނަމަވެސް ގެ ނިންމައި، ގެއަށް ބަދަލުވާން ފުރުސަތު ދިނުމުން އެ މީހާ އެ ގެ އަށް ބަދަލުވާން ބޭނުން ނުވުމުން ގެ ނީލަމުގައި ވިއްކާލަން ނިންމީ ކަމަށް ކައުންސިލްގެ އޮފިޝަލަކު ވިދާޅުވި އެވެ. އެކަމަކު ވަކި މީހަކަށް ކައުންސިލުން ގެއެއް އަަޅައި ދޭން ޖެހުނު ސަބަބެއް ސާފުވާ ގޮތެއް ނުވި އެވެ.

އެހެންވެ ގަތުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 15 އާދީއްތަ ދުވަހުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހުގެ 15:00އާ ދެމެދު ކައުންސިލް އިދާރާ އަށް އަގުހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

އެގޮތުން ކޮންމެ ދުވަހަކު ހުށަހެޅޭ އެންމެ މަތީއަގު މިއިދާރާގެ ނޯޓިސް ބޯޑްގައި އާންމު ކުރާނެ އެވެ. އަދި ގޭގެ އަގު އެކަށީގެންވާ އަގަށް އެރުމަށް ފަހު އެންމެ މަތީން ހުށަހަޅާފައިވާ އަގު ޖެހިޖެހިގެން (ބަންދު ދުވަސް ނުހިމަނައި) ތިން ދުވަސްވަންދެން ބަދަލެއް ނައިސް އޮވެއްޖެ ނަމަ އެ އަގު ހުށަހެޅި ފަރާތަށް ނީލަމުގައި ވިއްކާލެވޭނެ އެވެ.

ނީލަމުގައިވާ ވިއްކާ ގެ ގަތުމަށް އަގު ހުށަހަޅުއްވާ އިރު އެ ފަރާތެއްގެ ނަމާއި، އެޑްރެހާއި އައްޑީ ކާޑު ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު ބަޔާންކޮށް ސިޓީއަކުން އަގު ހުށަހަޅަން ޖެހެ އެވެ.

ނީލަމުން ގެ ލިބޭފަރާތަކަށް ގެ ހިމެނޭ ބިން ބަންޑާރަ ބިމުގެ ގޮތުގައި ރަޖިސްޓްރީ ވެސް ކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ބިން ރަޖިސްޓްރީކޮށް ދެވޭނީ ބިމާ ބެހޭ ގާނޫނުގެ 18 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠު ފުރިހަމަވާ ފަރާތަކަށެވެ.

މި ގެ ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 10:00 އަށް ކައުންސިލް އިދާރާ އަށް ވަޑައިގަތުމުން ގެ ބެލޭނެ އިންތިޒާމް ހަމަޖައްސައި ދެވޭނެ އެވެ.