ހެއިޓީއިން އެމެރިކާ ސިފައިން އެ ގައުމަށް ފޮނުވައިދިނުމަށް ޔޫއެންގައި އެދިއްޖެއެވެ.
އެ ގައުމުން އެމެރިކާ ސިފައިން ފޮނުވައިދިނުމަށް އެދިފައިވަނީ އެ ގައުމުގެ ރައީސް ޖޮވެނެލް މޮއިސް އޭނާގެ ގެކޮޅުގައި ރަހުމުކުޑަ ގޮތަކަށް ބަޑިޖަހާ އަވަހާރަކޮށްލާފައި ވަނިކޮށެވެ.
ރިޕޯޓްތައް ބުނާގޮތުގައި 7 ޖުލައި ގައި ހެއިޓީގެ ޕްރައިމް މިނިސްޓަރުގެ އޮފީހުން ޔޫއެންގެ އޮފީސްތަކަށް ފޮނުވާފައިވާ ސިޓީގައި ވަނީ ރައީސް މޮއިސް އަވަހާރަކޮށްލާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ސިޔާސީގޮތުންނާއި އެކި ގޮތްގޮތުން ގައުމުގައި ހަމަނުޖެހުންތައް އިންތިހާއަށް ފެތުރިފައިވާ ކަމަށާއި އެކަންތައް ހައްލު ކުރުމަށް އެހީތެރިވުމުގެ ގޮތުން އެމެރިކާ ސިފައިން އެ ގައުމަށް ފޮނުވައި ދިނުމަށް އެދޭކަމަށެވެ.
އެ ސިޓީ ރޮއިޓާސް ނޫސް އެޖެންސީއިން ބަލާފައިވާކަން އެނގިފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކުރެއެވެ. 15 މެމްބަރު ގައުމު ހިމެނޭ ޔޫއެންއިން މިފަދަ ކަމެއް ކުރުމަށް ހުރިހާ ގައުމުތަކުގެ އެއްބަސްވުމަކަށް އަންނަންޖެހޭނެއެވެ.
ހެއިޓީގެ ފުލުހުން ބުނެފައިވާ ގޮތުގައި ރައީސް މޮއިސް އަވަހާރަކޮށްލާ އަނބިކަނބަލުން ޒަޚަމްކޮށްލި ހާދިސާ ހިންގާފައިވާ ކޮލޮމްބިއާ އަދި އެމެރިކާގެ މީހުން ހިމެނޭ ގްރޫޕަކުންނެވެ. އޭގެ ތެރޭގައި 28 މީހުން ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މިހާތަނަށް ކުރެވުނު ތަހުގީގުން އެކަމުގައި ޝައްކު ކުރެވޭ ކަމަށް ބެލެވޭ 4 މީހަކު ވަނީ މަރާލާފައެވެ. އަދި އިތުރު 6 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ވަނީ ބުނެފައެވެ.