ކޮވިޑްގައި މަރުވި ބެލްޖިއަމްގެ 90 އަހަރުގެ އަންހެނެއްގެ ގައިން ކޮވިޑްގެ ދެ ވޭރިއަންޓް ފެނިއްޖެއެވެ.
މި އަންހެން މީހާއަކީ ވެކްސިން ނުޖަހާ ހުރި މީހެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. މި އަހަރުގެ މާޗްމަހު މަރުވި މި އަންހެން މީހާ ގައިން ކޮވިޑްގެ ދެ ވޭރިއަންޓެއް ފެނުމުގެ ސަބަބުން މި ބަލި ތަފާތު ދެމީހެއްގެ ފަރާތުން މި އަންހެން މީހާއަށް ލިބުނީ ކަމަށް ޑޮކްޓަރުން ވަނީ ލަފާކޮށްފައެވެ.
މިއީ މިގޮތަށް ރެކޯޑް ކުރެވުނު ފުރަތަމަ ކޭސް ކަމުގައި ވިޔަސް މަދުމަދުން އެފަދަ ކޭސްތައް ފަހުން ފެންނަން ފެށިކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. މި އަންހެންމީހާގެ ކޭސް މި އަހަރު ބޭއްވުނު ކްލިނިކަލް މައިކްރޯބަޔޮލޮޖީ އެންޑް އިންފެކްޝަސް ޑިސީސެސް ޔޫރަޕިއަން ކޮންގްރެސްގައި ވެސް ވަނީ ހިއްސާ ކުރެވިފައެވެ.
މި އަހަރު ޖެނުއަރީމަހު ބްރެޒިލްގެ ސައިންސްވެރިން ވަނީ 2 މީހަކު ދެ ވައްތަރެއްގެ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެފައެވެ. އޭގެ ތެރެއިން އެއް ވައްތަރަކީ ގެމާ ކިޔާ ވޭރިއަންޓެއް ކަމަށް ވެސް ސައިންސްވެރިން ބުނެއެވެ.
ބެލްޖިއަމްއިން މަރުވި އަންހެން މީހާ އެންމެ ފުރަތަމަ ވެސް އެކި ކަހަލަ އަލާމާތްތައް ފެނިގެން ހޮސްޕިޓަލުގައި ފަރުވާދޭން ފެށުނު ކަމަށާއި އެހެން ނަމަވެސް އޭނާގެ ހާލަތު ރަނގަޅުވުމުގެ ބަދަލުގައި އިތުރަށް ގޯސްވަމުން ގޮސް އެންމެ ފަހުން ދުނިޔެ ދޫކުރީ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އޭރު 2 ވޭރިއަންޓް އެ މީހާގެ ހަށިގަނޑުގައި ހުރި ކަމެއް ނޭނގޭ ކަމަށާއި ފަހުން ކުރި ދިރާސާތަކުން އެކަން އެނގިގެން ދިޔަ ކަމަށް ވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ.
އެމީހާގެ ޓެސްޓް ހެދުމަށް ނެގުނު ސާމްޕަލްތަކުން އެމީހާވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެވެސް 2 ވޭރިއަންޓަށެވެ. އަލްފާ އަދި ބީޓާ ކިޔާ ދެ ވޭރިއަންޓަކަށެވެ.