Last Updated: November 27, 21:29
Wednesday, November 27, 2024
މުނިފޫހިފިލުވުން

ރިތިކްގެ ކައިވެނި ރޫޅިއްޖެ!

ތޭރަ އަހަރުވީ ކައިވެންޏަށް ދެ ދަރިން ވެސް ލިބިފައި ވަނިކޮށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކްގެ ރޯޝަންގެ ކައިވެނި ރޫޅިއްޖެ އެވެ.

ރިތިކް އާއި ސުޒޭންގެ މެދުގައި މައްސަލަތަކެއް ޖެހި ސުޒޭން އޭނާގެ އާއިލާ ކައިރި އަށް ދިރިއުޅުން ވެސް ބަދަލުކޮށްވާ ކަމަށް އަޑު ފެތުރިފައި ވަނިކޮށް ކައިވެނި ރޫޅިވެފައިވާކަން ރިތިކް ވަނީ އިއްޔެ ރަސްމީކޮށް އާންމުކޮށްފަ އެވެ.

ދެ މީހުންގެ ކައިވެނީގައި މައްސަލަތަކެއް ޖެހިގެން އުޅޭކަން މީގެ ކުރިން ވެސް އެތައް ފަހަރަކު އަޑު އަރާފައިވެ އެވެ.

އެގޮތުން 2011 ވަނަ އަހަރު ރިތިކް ކުޅުނު "ކައިޓްސް" ގެ މެކްސިކޯގެ ބަތަލާ ބާބަރާ މޯރީ އާއި ރިތިކް އާ ދެމެދު ހާއްސަ ގުޅުމެއް އުފެދި، އެ މައްސަލާގައި ރިތިކް އާއި ސުޒޭން އާ ދެމެދު މައްސަލަ އުފެދުނު ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ.

ސުޒޭންއަކީ އެކްޓަރު ޒައިދު ހާންގެ ދައްތަ އެވެ. ރިތިކް އާއި ސުޒޭންގެ އާއިލާއަކީ އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ދެ އާއިލާކަން ވެސް ފާހަގަ ކުރެވެ އެވެ.

"ސަތާރަ އަހަރަށް ފަހު ސުޒޭން ވަނީ އަހަންނާ ވަކިވާން ނިންމާފައި. މިއީ އަހަރެމެންގެ އާއިލާ އަށް ވަރަށް އުނދަގޫ ވަގުތެއް. އެހެންވެ މީޑިއާ އާއި އާންމުންގެ ކިބައިން ވެސް އަހަރަމެންގެ ޕްރައިވެސީ އަށް އިހުތިރާމް ކުރަން އެދެން،" ޑިސެމްބަރު 20، 2000 ގައި ކުރި ކައިވެނި ރޫޅިފައިވާކަން ހާމަ ކުރަން ރިތިކް އިއްޔެ ނެރުނު ސްޓޭޓްމަންޓްގައިވެ އެވެ.

އުމުރުން 39 އަހަރުުގެ ރިތިކް އާއި ސުޒޭން ކައިވެނި ކުރީ ރިތިކްގެ ފުރަތަމަ ފިލްމް "ކަހޯ ނާ ޕިޔާރު ހޭ" ރިލީޒްވިތާ މާ ގިނަ ދުވަސްތަކެއް ނުވަހީނެވެ. އޭރު ވެސް ދެ މީހުންނަކީ ކުޑަ އިރުން ފެށިގެން ހާއްސަ ގުޅުމެއް އޮންނަ ދެ މީހުންނެވެ.

ކައިވެނި ރޫޅުނުކަން އާންމު ކުރަން ރިތިކް ނެރުނު ސްޓޭމަންޓްގައި އިތުރަށް ބުނެފައި ވަނީ "އަހަރެންގެ ކައިވެނި ރޫޅުނު ނަމަވެސް، އަހަންނަކީ ކައިވެނީގެ ގުޅުމަށް ވަރަށް ބޮޑަށް އިހުތިރާމް ކުރާ، އެ ގުުޅުމަކީ ވަރުގަދަ ގުޅުމެއް ކަމަށް ގަބޫލެއް ކުރާ މީހެއް" ކަމަށެވެ.

"އެހެންވެ އަހަރެން އެދެން އަހަރެންގެ ފޭނުން ވެސް އެކަން އެގޮތަށް ގަބޫލް ކުރާނެ ކަމަށް،" ކާމިޔާބް ގިނަ ފިލްމްތަކެއް ކުޅެފައިވާ ރިތިކް ބުންޏެވެ.

ރިތިކް އާއި ސުޒޭންގެ ކައިވެންޏަށް މި މަހުގެ 20 ވަނަ ދުވަހު 13 އަހަރު ފުރޭ އިރު، ދެ ކުދިން ލިބިފައިވެ އެވެ. އެއީ ރިދާން ރޯޝަން އާއި ރެހާން ރޯޝަނެވެ.

ދާދި ފަހުން ބޮލުގެ އޮޕަރޭޝަނެއްކޮށްފައިވާ ރިތިކްގެ އެންމެ ފަހުގެ ފިލްމަކީ "ކްރިޝް 3" އެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ކަރީނާ ކަޕޫރާ އެކު ކުޅޭ "ޝުއްދީ" އާއި ކެޓްރީނާ ކެއިފާ އެކު ކުޅޭ "ބޭންގް ބޭންގް" ހިމެނެ އެވެ.