އައްޑޫގެ ކުލީ ބިންތަކުގެ އަގު ބޮޑު ކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ލައިވް ނުކޮށް ސިއްރުން ކައުންސިލުން ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ނިންމާފައިވަނީ މިހާރު ކުއްޔަށް ދޫކޮށްފައިވާ ކުލީ ބިންތަކުގެ އެގްރިމެންޓު ދެން އާ ކުރާނީ ބިމުގެ އަގު ބޮޑުކޮށްކަމަށެވެ. އެގޮތުން ކުލީގެ ގޮތުގައި އަކަ ފޫޓަކަށް 1 ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ.
ކައުންސިލުން ހުށަހެޅި ގޮތުގައި މީގެ ކުރިން ދޫކޮށްފައިވާ ބިންތަކުގެ އަގަށް ބަލާއިރު މިހާރު އައްޑޫގެ ބިމުގެ އަގުމަތި ވެފައިވާ އިރު ކައުންސިލަށް އިތުރަށް އާމްދަނީ ލިބޭނީ ކުލީ ބިމަށް ނަގާ އަދަދު ބޮޑުކޮށްގެންނެވެ.
މި ބައްދަލުވުމުގައި ބައެއް ކައުންސިލަރުން ވަނީ މި ވަގުތަކީ ކުލީ ބިމުން ނަގާ އަގު މަތި ކުރުމަށް އެންމެ އެކަށީގެންވާ ވަގުތު ނޫންކަމަށް ވާހަކަ ދައްކަވާފައެވެ.
އައްޑޫ ކައުންސިލުން ކުލީ ބިމުގެ އަގު ބޮޑު ކުރުމަށް ނިންމި ނިންމުމުގެ އެއްވެސް މައުލޫމާތެއް އަދި ހާމަ ކޮށްފައި ނުވެއެވެ.
އައްޑޫ ކައުންސިލުގެ ނިންމުންތައް އާއްމު ނުކުރާތާ މަސް ދުވަސްވެފައިވާ އިރު އާ ކައުންސިލުން މައުލޫމާތު ހާމަ ކުރުމުގައި ލަސްކަމެއް ހުރި ކަން ފާހަގަ ކުރެވެވެއެވެ. އަދި ކައުންސިލް ބައްދަލުވުން ލައިވް ނުކުރުމަށްވެސް ބައެއް ކައުންސިލަރުން ދަނީ ބާރު އަޅަމުންނެވެ.