އާދީއްތަ ދުވަހު އިންޑިއާގެ އުުތުރު ޖެއިޕޫރްގެ ޓަވަރެެއްގައި ސެލްފީ ނަގަން ތިއްބާ ހޮނުއަޅާ 16 މީހުން މަރުވެއްޖެއެވެ.
މި ހާދިސާގައި އެތައް ބަޔަކު ވަނީ ޒަޚަމް ވެފައެވެ. މި ކަން ހިނގާފައިވަނީ ފަތުރުވެރިންނަށް މަޝްހޫރު 12 ވަނަ ގަރުނުގައި ހަދާފައިވާ އަމަރު ފޯޓް ގަޑި ޓަވަރުގައެވެ.
ހޮނުއެޅި ވަގުތު އެ ޓަވަރުގައި 70 ވަރަކަށް މީހުން ތިބި ކަމަށް ވެއެވެ. ބައެއް މީހުން ވަނީ ހާދިސާ ހިނގުމާއެކު ބިރުން އެ ޓަވަރުން ބިމަށް ފުންމާލާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހޮނުއަޅައިގެން އިންޑިއާގައި އަހަރެއްގެ މައްޗަށް 2000 ވަރަކަށް މީހުން މަރުވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ފުލުހުން މީޑިއާއަށް މައުލޫމާތު ދީފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ގިނައިން ތިބީ ޒުވާނުންނެވެ.
މީގެ އިތުރުން އާދީއްދަ ދުވަހު ރާޖަސްތާންއިން ވެސް ވަނީ ހޮނުއަޅާ 9 މީހަކު މަރުވެފައެވެ.
ސްޓޭޓް މިނިސްޓަރު އަޝޯކް ގެލޮޓް ވަނީ މަރުވި މީހުންގެ އާއިލާތަކަށް 500،000 ރުޕީސް ދިނުމަށް އިއުލާން ކޮށްފައެވެ. އިންޑިއާގައި މޫސުމުގައި ބޯކޮށް ވާރޭވެހުން އާންމު ގޮތެއްގައި ސެޕްޓެމްބަރުގެ ނިޔަލަށް ދެމިގެންދެއެވެ.
އިންޑިއާގެ މިޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓްއިން ބުނެފައިވާ ގޮތުގައި 1960 ން ފެށިގެން ހޮނުއަޅާ މަރުވާ މީހުން އިންޑިއާގައި ވަނީ ވަރަށް ބޮޑުތަން އިތުރު ވެފައެވެ. އޭގެ ސަބަބެއް ކަމަށް އެމީހުން ބުނަނީ މޫސުމީ ކާރިސާތަކެވެ.
އިންޑިއާގެ މެޓް އޮފީހުން ނެރެފައިވާ ހިސާބުތައް ދައްކާ ގޮތުން 1990ގެ އަހަރުތަކުގެ ފެށުމުން ގޮސް މެދުތެރެއާއި ހަމަޔަށް 30 އިންސައްތައިން 40 އިންސައްތައަށް ހޮނުއެޅުމުގެ ހާދިސާތައް ވަނީ އެ ގައުމުގައި އިތުރު ވެފައެެވެ.
2018 ވަނަ އަހަރު ދެކުނުގެ ސްޓޭޓެއް ކަމަށްވާ އަންދްރަ ޕްރަދޭޝްގައި 13 ގަޑިއިރުގެ ތެރޭގައި 36،749 ހޮނުއެޅުމުގެ ހާދިސާ ވަނީ ރިޕޯޓް ކުރެވިފައެވެ.