ސޯޝަލް މީޑިއާގެ ޕްލެޓްފޯމް ތަކުގައި ކަޅުނަސްލުގެ ކުޅުންތެރިންނަށް ނުރުހުން ފާޅުކޮށް އެއްޗެހިކިޔާ ނުހެދުމަށް އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން އެ ގައުމުގެ ސަޕޯޓަރުންނަށް އިލްތިމާސް ކޮށްފިއެވެ.
އާދީއްތަ ދުވަހުގެ ރޭ ކުޅެވުނު ޔޫރޯ 2020ގެ ފައިނަލް މެޗްގައި އިޓަލީއާއި ދެކޮޅަށް އިންގްލޭންޑް ކުޅެ ފުރިހަމަ ވަގުތު ހަމަވީ އިރު 1-1ގެ ނަތީޖާއަކުން ދެ ޓީމްވެސް އެއްވަރު ވުމާއި ގުޅިގެން އިތުރު ވަގުތުގެ 30 މިނިޓްގެ ކުޅުމަށްފަހު ވެސް ނަތީޖާއަށް ވަނީ ބަދަލު ތަކެއް ނައިސްފައެވެ. އެހެން ކަމުން ޕެނަލްޓީ ޖަހައިގެން 2-3 ޕެނަލްޓީއިން މެޗް އިޓަލީއިން ކާމިޔާބު ކުރުމާއި ގުޅިގެން އިންގްލޭންޑްގެ ސަޕޯޓަރުންގެ ނުރުހުން ވަނީ ކަޅު ނަސްލުގެ ކުޅުންތެރިންނަށް އަމާޒުކޮށްފައެވެ.
އިންގެލޭންޑުން ނެގި 5 ޕެނަލްޓީގެ ތެރެއިން ކާމިޔާބު ނުކުރެވުނު 3 ޕެނަލްޓީ ޖަހާފައިވަނީ ކަޅުނަސްލުގެ ކުޅުންތެރިން ކަމަށްވާ މާކަސް ރަޝްފޯޑް، ޖޭޑަން ސަންޗޯ، އަދި ބުކާޔޯ ސަކާއެވެ. މި ކުޅުންތެރިންގެ ޕެނަލްޓީތައް ކާމިޔާބު ނުކުރެވުމުން ޓީމް ބަލިވީ މިކުޅުންތެރިންގެ ސަބަބުން ކަމަށް ބުނެ އިންގްލޭންޑްގެ ސަޕޯޓަރުންދަނީ ސޯޝަލް މީޑިއާގައި މި ކުޅުންތެރިންނަށް އަމާޒުކޮށް ހިތްހަމަނުޖެހުން އިންތިހާއަށް ފާޅު ކޮށްފައެވެ.
މި ގޮތަށް މި އަމަލު ނުހިންގުމަށް ބްރިޓިޝް ޕްރައިމް މިނިސްޓަރު ބޮރިސް ޖޯންސަން ވެސް ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.
— FA Spokesperson (@FAspokesperson) July 12, 2021
އިންގްލޭންޑް ޓީމްގެ ފަރާތުން ވެސް ވަނީ މި އަމަލުތައް ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. ޓީމްގެ ފަރާތުން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި އެ ބައެއްގެ ހުރިހާއެއްޗެއް އިންގްލޭންޑްގެ ޖާޒީއަށްޓަކައި ހޭދަކޮށްފައިވާ އެމީހުންގެ ޓީމްގެ މީހުން ގޮތުގައި ތިބި ބަޔަކަށް ފައިނަލް މެޗަށް ފަހު އެފަދަ ތަފާތު ކުރުން ގެނެސް ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް ހަނގާ ކުރަމުން ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ޕްރައިމް މިނިސްޓަރު ބޮރިސް ވަނީ އެ ކުޅުންތެރިންނާއި އެކުގައިވާ ކަމަށް ބުނެފައެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ އިންގްލޭންޑް ޓީމަށް ޖެހެނީ ބަތަލުންގެ ލަޤަބު ދޭން ކަމަށެވެ. އެ މީހުންނަށް ނަސްލީ ތަފާތުކުރުން ހިމެނޭ ގޮތަށް ސޯޝަލް މީޑިއާގައި ނުރުހުން އަމާޒުކުރާ ފަރާތްތައް ލަދުވެތިވާން ޖެހޭނެ ކަމަށް ވެސް ބޮރިސް ވަނީ ވިދާޅުވެފައެވެ.
This England team deserve to be lauded as heroes, not racially abused on social media.
Those responsible for this appalling abuse should be ashamed of themselves.
— Boris Johnson (@BorisJohnson) July 12, 2021