ޝާހްރުކް ހާނުގެ ފޭނުންނަށް މިއީ އުފާވެރި ހަބަރަަކަށް ވާނެ އެވެ.
އޭނާ ވަނީ އާ ދެ ފިލްމަކަށް ސޮއިކޮށްފަ އެވެ. މީގެ ސަބަބުން ޝާހްގެ ފޭނުންނަށް އޭނާގެ ސްކްރީނުން ފެންނަލެއް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވެގެން ދާނެ އެވެ.
އަންނަ އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ ފަރަހް ހާންގެ "ހެޕީ ނިއު އިޔާ" ގެ މަސައްކަތް ވަރަށް ފޯރި އާ އެކު މިހާރު އަންނަނީ ކުރެވެމުންނެވެ.
ޝާހް އަލަށް ސޮއި ކުރި ދެ ފިލްމަކީ ފަރްހާން އަހުތަރުގެ އެކްސެލް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކޮށް، ރާހުލް ދޮލާކިއާ ޑައިރެކްޓް ކުރާ "ރައީސް" އެވެ.
ޝާހް ހިމަނައިގެން "ޑޮން" އާއި "ޑޮން 2" ޑައިރެކްޓް ކުރި ފަރްހާން ވެސް "ރައީސް" ގައި ފެނިގެން ދާނެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމުގައި ޝާހް ގުޖުރާތީ ޑޮންއެއްގެ ކެރެކްޓާއިން ފެނިގެންދާ އިރު ފަރްހާން ފެނިގެން ދާނީ ފުލުހެއްގެ ރޯލުންނެވެ.
ޝާހް އަލަށް ސޮއި ކުރި އަނެއް ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ފޭން" އެވެ. އެ ފިލްމަށް އޭނާ ސޮއި ކުރިން ޓްވިޓާ މެދުވެރިކޮށް ޝާހް ޔަގީންކޮށް ދީފައިވާ އިރު، ވައިއާރްއެފުން ވެސް ވަނީ އެ ފިލްމް އިއުލާންކޮށްފަ އެވެ.
ހަބީބު ފައިސަލްގެ ސްކްރީންޕްލޭއަކަށް ހަދާ މި ފިލްމްގެ ޑައިރެކްޓަރަކީ "ބޭންޑް ބާޖާ ބާރާރު" އާއި ލޭޑީސް ވާސަސް ރިކީ ބާލް" ގެ ޑައިރެކްޓަރު މަނީޝް ޝަރްމާ އެވެ.
މި ފިލްމުގެ މަސައްކަތް އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ފަށާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
"ހެޕީ ނިއު އިޔާ" އަންނަ އަހަރު ބެލުންތެރިންނާ ހަމައަށް އަންނާނެކަން ކަށަވަރުވި ނަމަވެސް، "ފޭން" އާއި "ރައީސް" ސްކްރީނަށް އަންނާނީ 2015 ގައި ކަމަށް ބެލެވެ އެވެ.
ޝާހްގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ ބޮޑު ކާމިޔާބީއެއް ހޯދި "ޗެންނައި އެކްސްޕްރެސް" އެވެ.