އެމްއެންޑީއެފް ސަދަން އޭރިއާގެ ފޯސް ހެލްތް އޮފިސަރަކަށް ސާޖަންޓް މުހައްމަދު އަފްރާޙް ހަމަޖައްސައިފި އެވެ.
ފޯސް ހެލްތް އޮފިސަރުންގެ ގޮތުގައި އޭރިއާ ކޮމާންޑްތަކަށް އައްޔަން ކުރެވުނު އަފްރާހަކީ ބެޗްލަ އޮފް ސައިންސްއިން ޕްރައިމަރީ ހެލްތް ކެއަ ފުރިހަމަ ކުރައްވާފައިވާ ބޭކަލެކެވެ.
އެ މަގާމުގެ މައިގަނޑު ޒިންމާގެ ތެރޭގައި އޭރިއާތަކުގައި މެޑިކަލް ޚިދުމަތް ޤާއިމް ކުރުމާއި، އޭރިއާއެއްގައި މަސައްކަތް ކުރާ ސިފައިންގެ ދުޅަހެޔޮކަން ޔަގީންކުރުމާއި ހެލްތް އެޑިއުކޭޝަން ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން އެ އޭރިއާއަކަށް ނިސްބާތްވާ އަތޮޅުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންގެ މެދުގައި ސިއްޙީ ހޭލުންތެރިކަން އިތުރު ކުރުމާއި ސިއްހީ ދާއިރާއަށް އަހުލުވެރިކުރުމަށްޓަކައި މަޢުލޫމާތު ދިނުމުގެ ތަފާތު ޕްރޮގްރާމްތަކާއި އެމްއެންޑީއެފް މެޑިކަލް ސަވިސް ގުޅިގެން މެޑިކަލް ކޭމްޕްތައް އެ އޭރިއާ އަށް ނިސްބަތްވާ ރަށްތަކުގައި ހިންގުން ހިމެނެ އެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ރިޔާސީ ދައުރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެމްއެންޑީއެފް އިން ޙާސިލް ކުރާނެކަމަށް މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް މުޙައްމަދު ނާޒިމް އިޢުލާން ކުރައްވާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ، ސިފައިންގެ ވެލްފެއަ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން، ސިފައިންގެ ކޮންމެ އޮޕަރޭޝަނަލް ކޮމާންޑަކާއި ތަމްރީން ދޭ މަރުކަޒްތަކުގައި ޤާއިމް ކުރުމަށް ކަނޑައަޅާފައިވާ ފޯސް ހެލްތުގެ ދަށުން ހަމަޖެއްސި މަގާމެކެވެ.