އިރާގުގެ ހޮސްޕިޓަލެއްގެ ކޮރޯނާ އައިސޮލޭޝަން ވޯޑުގައި އަލިފާނުގެ ހާދިސާއެއް ހިނގާ މިހާތަނަށް 64 މީހުން މަރުވެއްޖެއެވެ.
މި ހާދިސާގައި އިތުރު ސަތޭކަ މީހުން ވަނީ ޒަޚަމްވެފައެވެ. މިއީ ކޮވިޑް ޔުނިޓްގައި 3 މަސް ދުވަސްތެރޭގައި ހިނގި މިފަދަ ދެވަނަ ހާދިސާ ކަމަށް އިރާގު ނޫސް އެޖެންސީއިން ބުނެއެވެ.
ދެކުނު ނާސިރިޔާ ސިޓީގައި ހުންނަ އަލްހުސެއިން ޓީޗިންގ ހޮސްޕިޓަލުގައި ރޯވެފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި ކަމަށް ސިއްހީ އޮފިޝަލުން މައުލޫމާތު ދެއެވެ. އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވަނީ ސިވިލް ޑިފެންސް ޓީމުންނެވެ.
މެޑިކަލް އޮފިޝަލުން ބުނެފައިވާ ގޮތުގައި އެ އަލިފާން ރޯވާން ދިމާވީ އޮކްސިޖަން ފުޅިއެއް ގޮވައިގެންނެވެ. ލޯކަލް ހެލްތް އޮތޯރިޓީގެ ތަރުޖަމާނު ހައިދަރު އަލްޒަމީލީ ބުނެފައިވާ ގޮތުގައި 52 މީހުންގެ ހަށިގަނޑު ވަނީ މިހާތަަނަށް ނެރެވިފައެވެ. އަދި 22 މީހުންނަށް ވަނީ ވަރަށް ބޮޑަށް އަނިޔާ ލިބިފައެެވެ. ޖުމްލަ މަރުވެގެން 64 މީހުން ވަނީ ރިޕޯޓް ކޮށްފައެވެ.
އިތުރު މީހުން އެތެރޭގައި ތާށިވެފައި ތިބޭނެ ކަމަށް ބެލެވޭ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ. މި ވޯޑްގައި 70 އެނދު ހުންނަ ކަމަށް މައުލޫމާތު ލިބެއެވެ.
މަރުވި މީހުންގެ ތެރޭގައި ހެލްތް އޮދިސަރުންގެ ދެ މީހަކާއި ގާޑެއް ވެސް ހިމެނެއެވެ.