އެމްއާރްއެމްގެ ދަފްތަރުން އަބްދުﷲ ކަމާލުއްދީން ވަކިކޮށްދޭން ހުށަހަޅާފައިވާ ކަމަށް އެމްއާރްއެމްއިން ބުނެފިއެވެ.
އެމްއާރްއެމްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޢަބްދުﷲ ކަމާލުއްދީން އެމް.އާރް.އެމް އިން ވަކިކޮށްދިނުމަށް އެދި 29 ޖޫން 2021 ގައި ވަނީ ސިޓީ ފޮނުއްވާފައިވާ ކަމަށެވެ.
އޮނަރަބަލް @akdeen އެމް.އާރް.އެމް އިން ވަކިކޮށްދިނުމަށް އެދި 29 ޖޫން 2021 ގައި ވަނީ ސިޓީ ފޮނުއްވާފައެވެ. އެބޭފުޅާ އެމް.އާރް.އެމްގެ ދަފްތަރުން އުނިކޮށްދިނުމަށް އެދި މިއަދުވަނީ @ElectionsMv އަށް ހުށަހަޅާފައެވެ.
— Maldives Reform Movement (MRM) 🇲🇻 (@MRM_Office) July 14, 2021
"އޮނަރަބަލް @akdeen އެމް.އާރް.އެމް އިން ވަކިކޮށްދިނުމަށް އެދި 29 ޖޫން 2021 ގައި ވަނީ ސިޓީ ފޮނުއްވާފައެވެ. އެބޭފުޅާ އެމް.އާރް.އެމްގެ ދަފްތަރުން އުނިކޮށްދިނުމަށް އެދި މިއަދުވަނީ @ElectionsMv އަށް ހުށަހަޅާފައެވެ." އެމްއާރްއެމްގެ ޓްވީޓްގައި ވެއެވެ.
ސިޔާސީ ޕާޓީއެއް އުފައްދަން އަބްދުﷲ ކަމާލުއްދީން ހުށަހެޅި ފޯމް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ވަނީ ބާޠިލް ކޮށްފައެވެ. އީސީން ބުނީ އެ ފޯމު ބާތިލުކުރީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށައަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީ ކަމަށެވެ.
ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހެޅި ފޯމު އިލެކްޝަންސް ކޮމިޝަނުން ބާތިލުކުރުމާއި ގުޅިގެން އެ ބޭފުޅާ ވިދާޅުވީ އެކަން އެގޮތަށް އިލެކްޝަންސް ކޮމިޝަނުން ކުރައްވާފައިވަނީ ބަލަންވާ ވަރަށް ނުބަލައި ކަމަށެވެ.
އެކަމާ ގުޅިގެން ކަމާލުއްދީން ވިދާޅުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެމްއާރްއެމް އިން އޭނާ ވަކިވެފައިވާ ކަމަށެވެ. އަދި ބަލަންވީ ވަރަށް ނުބަލައި ރައްޔިތެއްގެ ހައްގު ހިފެހެއްޓެވީތީ ހިތާމަކުރައްވާ ކަމަށްވެސް ކަމާލުއްދީން ވިދާޅުވިއެވެ.
ކަމާލުއްދީން އިސްވެ ހުންނަވައިގެން އުފައްދަން މަސައްކަތް ކުރި ޕާޓީއަށް ކިޔަން ނިންމާފައި ވަނީ "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގައި އެންމެ ފަހުން ހުންނެވި ކަމާލުއްދީން އަކީ މީގެ ކުރިން ޑީއާރުޕީ އާއި ޖުމްހޫރީ ޕާޓީގައި ވެސް އުޅުއްވި ބޭފުޅެކެވެ.