ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވިގޮތް ބެލުމަށް މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދިޔަ ޕާލިމެންޓަރީ އިންކުއަރީގެ ރިޕޯޓްގެ ކޮޕީއެއް ނަޝީދުގެ އާއިލާއަށް އަރުވައިފިއެވެ.
ނަޝީދުގެ އާއިލާއަށް މި ރިޕޯޓްގެ ކޮޕީ އެރުއްވީ އެމްޑީޕީގެ ޗެއާމަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހަސަން ލަޠީފުއެވެ.
271 ސޮފްހާގެ އެ އިންކުއަރީ ރިޕޯޓުގައި ވަނީ ނަޝީދަށް ހަމަލާދިނުމުގެ ކުރިންނާއި، ހަމަލާދެވުނު ދުވަހާއި އަދި އޭގެ ފަހުން ހިނގާދިޔަ ކަންކަން ތަފްސީލީ ގޮތެއްގައި ހާމަކޮށްފައެވެ.
241 ކޮމިޓީން ތައްޔާރުކުރި އިންކުއަރީ ރިޕޯޓު ނަޝީދާއި ހަވާލުކުރުމަށް ދާދިފަހުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިތުބާރު އެބައޮތް ކަމަށާއި އެމަނިކުފާނު ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ. އަދި ރިޕޯޓުގައި ފާހަގަކޮށްފައިވާ ރިކޮމެންޑޭޝަންތައް ބަލައިގަނެ އަވަހަށް ފިޔަވަޅު އެޅުން މުހިއްމު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު ހަމަ މާލެ އަރާތަނުން އަނެއްކާ ވެސް އިތުރަށް ބަޔަކު މީހުން މަސައްކަތްކޮށްގެން އަޅުގަނޑު މަރާލުމަށް ކަންކަން ހިންގަން އުޅޭ އުޅުމެއް އޮވެގެން ނުވާނެ ކަމަށް އަޅުގަނޑުމެން އެންމެނަށް ވެސް އެބަފެނޭ" ނަޝީދު ވިދާޅުވިއެވެ.
އަދި ރާއްޖެ އަށް ދިމާވެފައިވަނީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެގޮތުން އެކަމަކީ އެމަނިކުފާނުގެ ޒާތާއި ގުޅޭ މައްސަލައެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ކަން ދިމާވި ގޮތުން އެމަނިކުފާނު މަރާލުމަށް ބަޔަކު މީހުން ރޭވި ރޭވުމެއް ނާކާމިޔާބުވި ނަމަވެސް އެ ރޭވުން ކާމިޔާބުގެ ތުންފަތް މައްޗަށް އެމީހުން ގެނައި ކަމަށް ނަޝީދު ވިދާޅުވިއެވެ.