އާ އަހަރު ފާހަގަ ކުރުން ޗެންނާއީގައި ބާއްވާ ލައިިވް އިވެންޓެއްގައި ހަތް މިނިޓް ޕާފޯމް ކުރަން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ހަ ކްރޯޑް ރުޕީސް އަށް ސޮއިކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އެ އިވެންޓް އޮގަނައިޒް ކުރާ ފަރާތާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ ޗެންނާއިގައި 2014 އަށް މަރުހަބާ ކިޔަން ބާއްވާ އިވެންޓްގައި ޕްރިޔަންކާ ޕާފޯމް ކުރަން އެއްބަސްވީ އޭނާ އާ ވާހަކަ ދައްކާތާ ދެ ހަފުތާއެއްހާ ދުވަސް ފަހުން ކަމަށެވެ.
އެހެންވެ ޕްރިޔަންކާ އެކަމަަށް އެއްބަސްވުމާ އެކު ޝޯ އޮގަނައިޒް ކުރާ ފަރާތުން ވަނީ އަގަށް މާ ބޮޑު ސަމާލު ކަމެއް ނުދީ، ޝޯ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ. އަދި ޕްރިޔަންކާގެ ސަބަބުން ޝޯ އަށް ކުރާ ހަރަދު ފޫބެއްދޭނެ ކަމުގެ ޔަގީން ވެސް އޮގަނައިޒް ކުރާ ފަރާތަށް ވަރަށް ބޮޑަށް އޮތް ކަމަށްވެ އެވެ.
މި އިވެންޓްގައި ބައިވެރިވާކަން ދާދި ދަހުން ޒޫމް ޓީވީ އަށް ދިން އިންޓަވިއުއެއްގައި ވެސް ކާމިޔާބް ފިލްމްތަކެއް ކުޅެ، ގިނަ އެވޯޑްތަކެއްް ވެސް ހާސިލްކޮށްފައިވާ ޕްރިޔަންކާ ވަނީ ކަށަވަރުކޮށް ދީފަ އެވެ.
އޭނާ ބުނީ މީގެ ކުރިން ވެސް އާ އަހަރާ ދިމާކޮށް ގިނަ ހުށަހެޅުންތަކެއް ލިބޭ ކަމަށެވެ. އެހެން ނަމަވެސް ފިލްމްތަކުގެ މަސައްކަތުގައި ވަރަށް ބިޒީކޮށް އުޅެން ޖެހުމުން މީގެ ކުރިން އޭނާ އަށް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުމެއް ހިފޭ ގޮތެއް ނުވެ އެވެ.
"އެކަމަކު މި ފަހަރު ހަމަ ޔަގީން. ހުރިހާ ކަމެއް ހުއްޓާލާފައި ވެސް އަހަރެން ޗެންނާއީގައި ޕާފޯމް ކުރާނަން،" ޕްރިޔަންކާ ބުންޏެވެ.
ބެލެވޭ ގޮތުގައި އެ އިވެންޓްގައި ޕްރިޔަންކާ އެކްޓްކޮށްފައިވާ މަޝްހޫރު އަދި މަގުބޫލް ލަވަތަކަށް އޭނާ ނަަށާނެ އެވެ.