Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

އިއްޒުއްދީން ސްކޫލުގެ ހަތަރު ޓީޗަރަކު ޖިންސީ ފުރައްސާރައިގެ ޝަކުވާ ކުރުމުން ސުކޫލު ބަދަލުކޮށްފި

އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ނަސީރު. ނަސީރު ވަނީ އޭނާއާ ދެކޮޅަށް ހަތަރު ޓީޗަރަކު ޖިންސީ ފުރައްސާރައިގެ މައްސަލަ ހުށައެޅުމުން އެއަށްވުރެ ބޮޑު ސުކޫލަކަށް ބަދަލުކޮށްފައި. ފޮޓޯ - ސަން

މާލޭގެ އިއްޒުއްދީން ސްކޫލުގައި މަސައްކަތް ކުރަމުން އައި ހަތަރު ޓީޗަރަކު އެސުކޫލުގެ ޕްރިންސިޕަލާ ދެކޮޅަށް ޖިންސީ ފުރައްސާރައިގެ މައްސަލަ ހުށައެޅުމުން ސްކޫލު ބަދަލުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަތަރު ޓީޗަރުން ސުކޫލު ބަދަލުކުރީ އެ ސުކޫލުގައި، 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހަތަރު ލީޑިން ޓީޗަރަކު އެއްކޮޅަކާ އިސްތިއުފާ ދިނުމުގެ ސަބަބުން ސްކޫލުގައި އުފެދިފައިވާ ނުތަވަސްކަން ހައްލުކުރުމަށް ބޭއްވުނު ލީޑަޝިޕް އެންޑެ މެނޭޖްމަންޓު ރިވިއު އަށް ރިއާޔަތް ކޮށްފައި ކަމަށެވެ.

ނަމަވެސް ޓީޗަރުންގެ ފަރާތުން ޖިންސީ ފުރައްސާރައިގެ މައްސަލާގައި ވަކާލާތުކުރި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ހަތަރު ޓީޗަރުންގެ ސުކޫލު ބަދަލުކޮށްފައިވަނީ މި މައްސަލަ ހުށައެޅި ފަހުން ކަމަށާއި، އަދި އެ ޓީޗަރުންގެ އެއްވެސް ބަހެއް ވެސް ހޯދުމަކާ ނުލާ ކަމަށް ވާތީ މިއީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެ ޓީޗަރުންނާ ދެކޮޅަށް ނުހައްގުން އެޅި ފިޔަވަޅެއް ކަމަށެވެ.

މީގެ އިތުރުން ޖިންސީ ފުރައްސާރައިގެ މައްސަލަ ރައްދުވި އިއްޒުއްދީން ސްކޫލުގެ ޕްރިންސިޕަލް އިސްމާއިލް ނަސީރު ވަނީ މިމައްސަލަ ހުށައެޅުނު ފަހުން އިއްޒުއްދީން ސްކޫލަށް ވުރެ ބޮޑު ސުކޫލެއް ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައެވެ. ޕަބްލިކް އިންޓްރެސްޓް ލޯ ފާމް އިން ދެކޭ ގޮތުގައި މިއީ އިސްމާއިލް ނަސީރަށް ޖިންސީ ފުރައްސާރައިގެ މައްސަލަ ބެލުމަށް ފަހު މައްސަލަ ބެލި މިނިސްޓްރީގެ ކޮމިޓީން އެޅި ފިޔަވަޅަކަށް ވުރެ ބޮޑަށް ދިން ޕްރޮމޯޝަނެއްގެ ގޮތުގައި ސިފަ ކޮށްފައެެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލަ ބެލި މިނިސްޓްރީގެ ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީން ވަނީ މިމައްސަލަ ބެލުމަށް ފަހު، އިސްމާއިލް ނަސީރުގެ ފުށުން ޖިންސީ ފުރައްސާރަ ކުރުމުގެ އަމަލެއް ހިންގިކަމުގައި ބުރަވެވެން އޮތް ކަމަށް، ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ނިންމާފައެވެ. އަދި އިސްމާއިލް ނަސީރަށް މިކަމުގައި އަޅާފައިވާ ފިޔަވަޅެއް ހާމަކޮށްފައިނުވާއިރު، އޭނާ ކުރިއަށްވުރެ ބޮޑު ސުކޫލަކަށް ބަދަލުކުރުމަކީ ޓީޗަރުންނަށް ލިބުނު އިންސާފެއްތޯ އާންމުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

މިކަމާ ގުޅިގެން ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އައި ޕަބްލިކް އިންޓްރެެސްޓް ލޯ ސެންޓަރ (ޕީއައިއެލްސީ) އިން ނެރެފައިވާ ބަޔާން ތަކަކީ ދޮގު ބަޔާންތަކެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.