އައްޑޫސިޓީގެ އާ ކައުންސިލަށް ބައެއް މީހުން ފާޑު ކިޔަމުންދިޔަ ދަނޑިވަޅެއްގައި ގިނަ ކައުންސިލަރުންނާއެކު މޭޔަރު އަލީ ނިޒާރު އިއްޔެ ވަނީ ނޫސްވެރިންނާ ބައްދަލުކޮށްފައި އެވެ. ފާޑުކިޔުންތަކަށް ދިން ރައްދެއްގެ ގޮތުގައި ފާހަގަ ކުރެވުނު މި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރާއި ކައުންސިލަރުންގެ އުއްމީދުތަކެއް ހުރި ނަމަވެސް އެއަށް ވުރެ ބޮޑަށް ފާހަގަ ކުރެވުނީ މާޔޫސްކަމެވެ. ވަސީލަތްތައް ނެތުމާއެކު ހުރި ގޮން ޖެހުންތަކެވެ.
މި ބައްދަލުވުމުގައި މޭޔަރު ވަނީ އާ ކައުންސިލް ހަވާލުވިއިރު އޮފީސް އޮތް ހާލަތު ކަމަށް ވިދާޅުވެ އެކަންކަން "ނިއުޅާލާފައި" އެވެ. ނިޒާރު ވިދާޅުވީ ކައުންސިލްތައް އިންތިހާބުވި ފަހުން އައި ސަރުކާރުތަކުގެ ސިޔާސަތުތަކަށް އެކި ދައުރުތަކުގައި އައި ބަދަލުތަކާއެކު އައްޑޫ ސިޓީ ކައުންސިލް އެއްގޮތައް ހިނގާފައި ނެތް ކަމަށެވެ. އެހެންވެ އައްޑޫ ސިޓީ ކައުންސިލްގެ ހިންގުން މާބޮޑު ރޭވުންތެރިކަމާއެކު ކުރިއަށްގެންގޮސްފައި ނެތް ކަމަށް ވިދާޅުވި އެވެ.
ޒަމާނާ އެއްގޮތައް އިދާރީ މަސައްކަތްތައް ބައްޓަންވެފައި ނެތް، މުހިންމު އެއްބަސްވުންތައް ފެންނާން ނެތް
މޭޔަރާއި ކައުންސިލަރުން އެންމެ ބޮޑު މާޔޫސް ކަމަކީ މި އަހަރު އެ ކައުންސިލަށް އާމްދަނީ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ އާ ގާތްކުރާ މިންވަރަކަށް ވެސް އެ ފައިސާ ލިބެން ނެތުމެވެ.
މޭޔަރު ވީދާޅުވި ގޮތުން ފަހުގެ ޒަމާނާ އެއްގޮތައް އޮފީހުގެ އިދާރީ މަސައްކަތްތައް ފާއިތުވި ކައުންސިލްގެ ދައުރުތަކުގައި ބައްޓަން ކުރެފައި ނެތެވެ. ފައިސާ ބަލައިގަތުމުގެ ނިޒާމްގައި އޮތީ އެހާ "ދޯހަޅިކޮށެވެ"
"ކައުންސިލަށް އެންމެ ރަނގަޅު އާއްމުދަނީއެއް މި ލިބެނީ ބިމުގެ ކުލިން. ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކާއި ކުލި ނުލިބޭ ބިންތަކާއި މަސައްކަތް ނުކުރާ ތަންތަނާއި މަސައްކަތްކުރާ ތަންތަން އެނގޭކަށް ނެތް. ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން ކައުންސިލަށް ނަގަމުން އައި ފީތައް މީރާއަށް ބަދަލުވުމުގެ ސަބަބުން މި ދެންނެވި އޮޅުންބޮޅުންބޮޑުވެ ކައުންސިލްތަކާއި އާއްމު ފަރާތަކާމެދު ވެފައިވާ މުހިންމު އެއްްބަސްވުންތައްވެސް މި ވަގުތު ކައުންސިލްގެ ފައިލްތަކުގައި ނެތްކަން ފާހަގަ ކުރަން އަދި އުނިވެފއިވާކަން ފާހަގަ ކުރަން" ނިޒާރު ފާހަގަ ކުރެއްވި އެވެ.
މޭޔަރު ވިދާޅުވީ މިއަހަރު 34 މިލިއަން ލިބޭނެ ކަމަށް ލާކޮށް މިއަހަރު ބަޖެޓް ތައްޔާރުކުރި ނަމަވެސް އޭގެ ތެރެއިން މިހާތަނަށް ލިބުނީ ފަސް މިލިއަނެވެ. އަދި ބާކީ ނުލިބި އޮތް އާމްދަނީ ލިބޭނެ ކަމުގެ އުއްމީދެއްވެސް ނެތެވެ.
"އަންދާޒާ ކުރި ފައިސާ ހޯދަން ދެން މި ދުވަސްކޮޅު އަހަރެމެން ކިތަންމެ ބޮޑު މަސައްކަތެއް ކުރިއަސް ނާދިރު ކަމެއް އެ ފައިސާ އެއްކޮން ލިބުން،" ނިޒާރު ވިދާޅުވި އެވެ.
އެެހެން ކައުންސިލަރުން ފާހަގަ ކުރެއްވި ގޮތުގައި ބިންތަކުން ކުލި ހޯދަން މަސައްކަތްކުރި ނަމަވެސް ކޮވިޑްގެ ދަތިކަމާހުރެ އާއްމު ރައްޔިތުން ތިބި ހާލަތައް ބަލާއިރު އެ ފައިސާ ހޯދުމަކީ އުނދަގޫ ކަމެކެވެ.
އިމާރާތުގެ ދަތިކަން އެބަހުރި
ބަޖެޓްގެ ތާށިކަމާއެކު ދެން މޭޔަރު ފާހަަގަ ކުރެއްވީ އައްޑޫ ސިޓީ ކައުންސިލްގެ އިމާރާތުގެ ދަތިކަމެވެ. މޭޔަރު ވިދާޅުވި ގޮތުން 13 ކައުންސިލަރުން މަސައްްކަތްކުރަން ޖެހިފައިވަނީ ހިތްދަތިގޮތަކަށެވެ.
" މި 13 ކައުންސިލަރުން މަސައްކަތްކުރާނެ ތަނެއް ނެތި އެހެން މިހެން މަސައްކަތްކުރާން ޖެހިފައި އޮތީ. އެއްވެސް ވަރަކަށް ކައުންސިލަރުން އައުމަށް މިތަން ތައްޔާރުވެފައިއެއް ނެތް. ބަޖެޓްވެސް ތަން ނުދެނީ ވަގުތުން ކަންކަން ކުރަން،" މޭޔަރު ވިދާޅުވި އެވެ.
ކައުންސިލަރުންނަށް ވަކިން ތިބެވޭނެ ގޮތެއް އައްޑޫ ކައުންސިލްގައި ނެތްއިރު ހިތަދޫ އަވަށު އޮފީގައި ބައެއް މުވައްޒަފުން އިށީންނާނެ ތަނެއްވެސް ނެތް ކަމަށެވެ. އައްޑޫ ސިޓީ ކައުންސިލް މައި އޮފީސް ފިޔަވާ އެހެން އަވަށްތަކުގެ ހާލަތު އެގޮތައް ހުރިއިރު މިލިއަނުން ހަރަދުކޮށްގެން ނޫނީ ހުރިދަތިތަކަށް ހައްލެއް ހޯދެން ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ދައުލަތުން ދޭ ފައިސާއިން އޮފީސް ހިންގުމުގެ ހަރަދުތައް ކުރެވެނީ "ހަމަ ކިރިޔާ"ކަމަށް މޭޔަރު ފާހަގަ ކުރެއްވި އެވެ.
"އައްޑޫ ސިޓީ ކައުންސިލަށް އިގުތިސާދީ މިނިވަން ނުލިބޭހާ ހިނދަކު އައްޑޫ ރައްޔިތުންނަށް އެންމެ ރަނގަޅަށް ހިދުމަތްދޭ ބަޔަކަށް އައްޑޫ ސިޓީ ކައުންސިލް ނުވާނެ. އެންމެ މުހިންމު ކަމަކަށް އޮތީ އާއްްމަނީ ލިބުން. އާމްދަނީ ލިބޭނެ ގޮތްތަކެއް ރޭވިގެން ނޫނީ ކައުންސިލަށް ކައުންސިލަށް ނެތް އެންމެ ރަނގަޅު ހިދުމަތްދެވޭކަށް. މި ކައުންސިލަށް ކުރަން ޖެހިފައި އޮތް ކަމަކީ އާމްދަނީ އިތުރުކުރެވޭނެ ގޮތެއް ހޯދުން،" ނިޒާރު ވިދާޅުވި އެވެ.
އޭގެ އިތުރުން ނިޒާރު ފާހަގަ ކުރެއްވި އަނެއް ކަމަކީ 2014 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް އައްޑޫ ސިޓީގެ އެއްވެސް މިސްކިތެއްގެ އަދި ސިޓީ ކައުންސިލްގެ ދަށުގައި އޮތް އެއްވެސް އިމާރާތެއްްގެ ކަރަންޓް ބިލް ދައްކާފައި ނެތުމެވެ. މިހާރު ދިހަ ވަރަކަަށް މިލިއަން ރުފިޔާގެ ކަރަންޓް ބިލް އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަތީޖާއަކަށްވީ މި ދިހަ މިލިއަން ރުފިޔާ ދައްކަން ޖެހުނީ އައްޑޫ ސިޓީ ކައުންސިލުން. މި ފައިސާ ދައްކަން ޖެހުމުން މި ބުނާ ގްރާންޓުން ލިބުނު ފައިސާގެ އިތުރުން 6.6 މިލިއަން ހިމަނާފައި އަދި މި އުނދަގުލުން މި ހޯދާ އާމްދަނީ ކޮޅުންވެސް 3.5 މިލިއަން ރުފިޔާ ދައްކަން އެބަ ޖެހޭ މި ކަރަންޓަށް،" ނިޒާރު ވިދާޅުވި އެވެ.
އެ ނުރުހުމާއެކު މޭޔަރު ވިދާޅުވީ އޭރު އެ ބޭފުޅުން ކައުންސިލްގައި ތިއްބެވި ނަމަ އެ ފައިސާ އައްޑޫ ކައުންސިލުން ދައްކަން އެއްބަސްނުވީސް ކަމަށެވެ.
ފައިސާގެ ދަތިކަމާއެކު ވެސް ކައުންސިލުން ވީވަރަކުން މަސައްކަތްކުރާ ކަމަށާއި އެގޮތުގައި ދެމި ތިބޭނެ ކަމުގެ ޔަގީންކަން ކައުންސިލަރުން ދެއްވި އެވެ.