އަފްޣާނިސްތާންގައި ހަރަކާތްތެރި ވަމުންދިޔަ އިންޑިއާގެ ފޮޓޯޖާނަލިސްޓެއް ކަމަށްވާ ދާނިޝް ސިއްދީޤީ މަރާލައިފިއެވެ.
ދާނިޝް މަރާލާފައިވާކަން ދިއްލީގެ އެމްބެސެޑާ ވަނީ ޔަގީންކޮށް ދެއްވާފައެވެ.
އިންޑިއާގެ ރޮއިޓާސް ނިއުސް އެޖެންސީގެ ޗީފް ފޮޓޯގްރާފަރެއް ކަމަށްވާ ދާނިޝް މަރުވިއިރު ހަރަކާތްތެރި ވަމުންދިޔައީ އަފްޣާނިސްތުގައި އެވަގުތު ކުރަމުންދިޔަ ރިޕޯޓިންގެ މަސައްކަތެއްގައެވެ.
އޭނާ ހަރަކާތްތެރިވަމުން ދިޔައީ އަފްޣާނިސްތާނާއި ޕާކިސްތާން ގުޅުވައިދޭ ބޯޑަރުގައި ހަރަކާތްތެރިވަމުންދިޔަ އަފްޣާނިސްތާނުގެ ސިފައިންނާއިއެކުގައެވެ. ދާނިޝް މަރުވެފައިވަނީ އަފްޣާން ސިފައިންނަށް އަމާޒުކޮށް ޠާލިބާނުން ދިން ހަމަލާއެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިކަމާއި ގުޅިގެން އަދި އިންޑިއާއިން ބަހެއް ބުނެފައެއް ނުވެއެވެ. އަފްޣާނިސްތާނުން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަރީދު ބުނެފައިވާ ގޮތުގައި މި ޚަބަރަކީ ވަރަށް އުނދަގޫ ކުރުވި ޚަބަރެކެވެ. އެކުވެރިއެއް މަރުވި ވާހަކައަކީ އަޑުއަހަން ފަސޭހަވި ވާހަކަތަކަކަށް ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފަައިން އެ ގައުމުން ފޭބުމާއިއެކު ޠާލިބާނުންގެ ހަމަލާތައް ވަނީ އިތުރުވެފައެވެ. އެ ގައުމުގެ އެކި ސަރަހައްދުތަކަށް އެމީހުން ދަނީ ވެރިވެގަންނަން މަސައްކަތް ފަށާފައެވެ.