ބޭންކު އޮފް މޯލްޑިވްސްގެ ކްރެޑިޓު ކާޑުން ރާއްޖެއިން ބޭރުން މުއާމަލާތް ކުރެވޭ އަދަދު މަހެއްގެ މައްޗަށް 500 ޑޮލަރަށް އިތުރުކޮށްފިއެވެ.
ބޭންކުން ބުނީ ހާލަތަށް އަންނަ ބަދަލުތައް ބަލައި ބޭންކުގެ ކާޑުތަކުން މުއާމަލާތް ކުރެވޭ އަދަދު މަތި ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ބީއެމްއެލްއިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދު މިވަނީ 500 ޑޮލަރަށް އިތުރުކޮށްފައެެވެ. މި އަދަދު ކަނޑައެޅިފައިވަނީ ކޮންމެ 30 ދުވަހެއްގެ މުއްދަތަކަށެވެ.
ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓް ކަނޑައަޅާފައިވާ ޑެބިޓް ކާޑަށް މިހާރުވެސް ދީފައިވާ 250 ޑޮލަރުގެ ލިމިޓް ބޭނުންކުރެވޭނެއެވެ. ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮަލަރު އެކައުންޓް ކަނޑައަޅާފައިވާނަމަ ކަސްޓަމަރުންނަށް ދުވާލަކު 3000 ޑޮލަރާ ހަމަޔަށް ކާޑު ބޭނުންކުރެވޭނެއެވެ.
ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ ކަސްޓަމަރުންނަށް މިހާރެކޭވެސް އެއްގޮތަށް ކޮންމެ ކާޑަކަށް، މަހަކަށް 750 ޑޮލަރުގެ ލިމިޓެއް ލިބޭނެއެވެ.
މިހާރުވެސް ބޭންކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ފަދައިން ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާދެއްކުމަށް ކާޑަށް ވަގުތީ ލިމިޓް ދެމުންދާނެއެވެ. މި ގޮތަށް ލިމިޓް އިތުރު ކުރުމަށް އެދި ކަސްޓަމަރުންނަށް އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ކަމާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅޭނެއެވެ.
ކޮވިޑު-19 އާއި ގުޅިގެން ބޭންކުގެ ކްރެޑިޓު ކާޑުން މުއާމަލާތް ކުރެވޭ އަދަދު 250 ޑޮލަރަށް ދަށްކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އެގޮތަށް ދަށް ކުރީ ރާއްޖެއިން ބޭރަށްދާ ޑޮލަރުގެ ނިސްބަތާއި ހުރެއެވެ. މި މުައްދަތުގައިވެސް ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށް ބޭނުންވާ ޑޮލަރު ދިނުމުގައި ބޭންކުން ވަނީ އިސްކަމެއްދީފައެވެ.