ކޮވިޑް-19 ގެ ސަބަބުން ހާލަތު ގޯސްވެފައިވާ ދުވަސްވަރުގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ ކަންކޮޅުތަކުން ޙައްޖާޖީން މައްކާއަށް ޖަމާވާން ފަށައިފިއެވެ.
މި ފަހަރުގެ އަޅުކަމަށް މައްކާއަށް ދިޔުމަށް ހުއްދަ ދީފައިވަނީ 60،000 މީހުންނަށެވެ. ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ފަރާތްތައް މައްކާގެ ގެފުޅުގެ ވަށައިގެން ޠަވާފު ކުރުމަށް ހަމަޖެހިފައިވަނީ އިޖުތިމާޢީ ގައިދުރުކަން ގާއިމް ކުރުމާއެކު މާސްކު ވެސް އަޅައިގެންނެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި މައްކާގައި ޙައްޖާޖީން ހޭދަކުރާ ފަސް ދުވަސްތެރޭގައި ކޮރޯނާ ފެތުރުން ކުޑަ ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ.
ޙައްޖު އަދާ ކުރުމަށް މައްކާއަށް ދިޔުމަށް ހުއްދަ ދެވުނު 60،000 ޙައްޖާޖީންނަކީ ވެސް ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ވާންޖެހެއެވެ.
އެހެން އަހަރު ތަކާއި އަޅާބަލާއިރު މި ދިޔަ އަހަރާއި މިއަހަރު ވެގެން މިދަނީ ޙައްޖުވުމަށް މައްކާއަށް އެންމެ މަދު އަދަދަކަށް މީހުން ދިޔަ ދެ އަހަރަށެވެ. މައްކާއަށް ގޮސްފައިވާ ފަރާތްތަކުން ކޮންމެ ވަގުތަކު ޠަވާފް ކުރުމަށް ހުއްދަދެވެނީ އެއްފަހަރާއި 6000 މީހުންނަށެވެ.
މި އަހަރުގެ ޙައްޖުގެ އަޅުކަން ކުރުމަށް ދިޔަ ޙައްޖާޖީން ސަލާމަތް ކަމާއެކު އެނބުރި އައުމަކީ އެންމެހާ މުސްލިމުންގެ އެދުންކަން ކަށަވަރެވެ.